މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ހެންވޭރުގެ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިނގައިފިއެވެ.
ހެންވޭރު ދާއިރާގެ ފޮށިތަކުގައި މައްސަލަ ޖެހިފައިވަނީ ވޯޓުލާ ލިސްޓުގައި ނަން އޮތް ބައެއް މީހުންގެ ނަންތައް އެންމެ ފަހު ވަގުތު އުނިކޮށްފައިވާކަމަށް ބުނެއެވެ.
ސޯޝަލް މީޑީއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެން ގޮތުގައި، މައްސަލަ ހޫނުވެ، ޒުވާބުކޮށް އެކަކު އަނެކަކު ގަޔަށް ވަނީ އަތްލާފައެވެ. މި ހަމަނުޖެހުން ހައްލުކުރުމަށް ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މި ހަމަނުޖެހުމުގެ ތެރޭގައި ވޯޓު ފޮށްޓެއްވެސް ވަނީ އެއްލާލާފައެވެ. މިކަމާ ގުޅިގެން ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން މެދުކެނޑުނު ނަމަވެސް، މިހާރު ހުރިހާ މަރުކަޒެއްގައިވެސް ވޯޓުލުން ކުރިއަށްދާކަމަށް ޕީއެންސީން ބުންޏެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 10 ޖެހި އިރު ފަށާފައިވާއިރު، މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 71،597 މީހުންނަށް ލިބިގެންވެއެވެ.
މި އިންތިހާބުގައި 73 ދާއިރާއަކުން 283 ކެނޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 227 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
އަތޮޅުތަކުގެ ފޮށިތައް މާލޭގައި ބަހައްޓާފައިވަނީ ހެންވޭރު ދަނޑުގައެވެ. ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތު ސެންޓަރ، ކާމިލްދީދީ ސްކޫލް އަދި ރެހެންދި ސްކޫލްގައިވެސް ވޯޓު ފޮށިތައް ބަހައްޓާފައި ވެއެވެ.
ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 5 ޖެހުމާ ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް