ހުކުރު ވިލޭރޭ ކުރެވޭ ފަތިސް ނަމާދުގެ މާތްކަން

ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަ...

27 Jan 2022 | 15:53

ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.

“މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.” (رواه البيهقي في “شعب الإيمان” ) ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ.

“ހުކުރުވިލޭރޭ ފަތިސްނަމާދުގެ ފުރަތަމަ ރަކްޢަތުގައި (الم تَنْزِيلُ) އަދި ދެވަނަ ރަކްޢަތުގައި (هَلْ أَتَى عَلَى الإِنْسَانِ حِينٌ مِنْ الدَّهْرِ لَمْ يَكُنْ شَيْئًا مَذْكُورًا) ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔަވާ ވިދާޅުވިއެވެ.” (رواه البخاري ومسلم)

އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. “މިދެސޫރަތް ކިޔެވުމުގެ ޙިކްމަތަކީ އާދަމްގެ ފާނު ހެއްދެވުނު ވާހަކަ އާއި ގިޔާމަތްވުމުގެ ވާހަކަތައް މިދެސޫރަތުގައި ބަޔާންވެފައި ވުމެވެ.”

ކީރިތިރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އާދަމުގެ ދަރިޔާގެ ޢަމަލުތައް މާތްﷲގެ ޙަޟްރަތަށް އުފުއްލެވޭ ވަގުތުތަކުގެ ތެރޭގައި ހުކުރުވިލޭރޭ ހިމެނެއެވެ. ބުޚާރީގެ ތާރީޚު ގައްޔާއި، މުސްނަދު އަޙްމަދުގައި ރިވާވެގެންވާ ޙަދީޘެއް ބުނާގޮތުގައި؛ އާދަމުގެ ދަރިންގެ ޢަމަލުތައް ﷲގެ ޙަޟްރަތަށް ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތުގައްޔާއި ހުކުރުވިލޭރޭ ހުށަހެޅޭނެއެވެ. ރަޙިމުގެ ގުޅުން ކަނޑާފައިވާ މީހެއްގެ ޢަމަލުތައް، ﷲ ޤަބޫލު ނުކުރައްވާނެތެވެ.”

ރަސޫލުﷲގެފާނު – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – ޙަދީޘްކުރައްވަނީ “مَا مِنَ الصَّلَوَاتِ صَلاةٌ أَفْضَلُ مِنْ صَلاةِ الْفَجْرِ يَوْمَ الْجُمُعَةِ فِي الْجَمَاعَةِ ، وَمَا أَحْسَبُ مَنْ شَهِدَهَا مِنْكُمْ إِلا مَغْفُورًا لَهُ (4) – ހުކުރުވިލޭރޭ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ވުރެ މާތްކަން ބޮޑު ނަމާދެއް ނެތެވެ. ތިޔަބައިމީހުންގެ ތެރެއިން އެނަމާދުގައި ބައިވެރިވި ކޮންމެ މީހަކަށް ފާފަފުއްސަވާދެއްވުން ނޫން ކަމެއް އޮތްކަމަކަށް ދެކެވަޑައެއްނުގަންނަވަމެވެ.”

ޢިލްމުވެރިންގެ ފަތުވާތަކުން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް