ތުރުކީގެ ފޮރިން މިނިސްޓަރެއް ރާއްޖެއަށް ފުރަތަމަ ފަހަރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުޓް ޗަވުސޮލޫ މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކަމަށެވެ.
އެ ދަތުރުފުޅު ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާނެކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިމް މިނިސްޓްރީން ވިދާޅުވިވިއެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ކުރިޔަށްގެންދާނެ ކަމަށާއި ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކުރުމާއި ރަސްމީ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރު ޝާހިދު ކަމަށް ވެސް ވިދާޅުވިއެވެ.
ތުރުކީ ގެ ފޮރިން މިނިސްޓަރ ގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެއިން ފުރަވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މިނިސްޓަރު ޗަވުސޮލޫ ތުރުކީ ގެ ފޮރިން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ. އޭގެ ކުރިން ވެސް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެމަނިކުފާނު ވަނީ އެ މަގާމު އަދާކުރައްވާފައެވެ.
އެމަނިކުފާނަކީ ތުރުކީ ގެ ރައީސް ރަޗިޕް ތައްޔިޕް އެރްދޮއާންގެ އެންމެ އަރިސް އެއް ބޭފުޅާއެވެ. އަދި ޔޫރަޕް ބައްރުގެ ވެސް އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރުގެ ގޮތުގައި ވެސް މިނިސްޓަރު ޗަވުސޮލޫ ވަނީ ފާހަގަކުރެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް