ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން މި އަހަރުގެ ނޮވެމްބަރު މަހު

ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. އެ ކޯޓުން ބުނީ އެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދެ ދައުވ...

27 Jan 2022 | 11:21

ވ. އާރަށުގެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

އެ ކޯޓުން ބުނީ އެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ހުކުމް އިއްވުން މި އަހަރުގެ ނޮވެމްބަރު މަހުގެ 25 ހިސާބުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނަށް ދައުވާ ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ގާޒީ ޝަކީލު ވަނީ މައްސަލަ ކުރިއަށްދާނެ ގޮތުގެ ތާވަލް ހިއްސާކުރައްވާފައެވެ.

މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ދެން ބޭއްވުމަށް މިހާރުނިންމާފައި އޮތީ އަންނަ މަހުގެ ދެ ވަނަ ދުވަހުއެވެ، އެއީ މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ވ. ފެލިދޫ، ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ބާއްވާ އަޑުއެހުމެކެވެ.

މިއަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހާއި 24 ވަނަ ދުވަހު އަދި މާރޗް 15، އޭޕްރީލް 14 އަދި މެއި 15 ގައި ވެސް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެއް ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ. މެއި މަހުގެ 15 ވަނަ ދުވަހު ބާއްވާ އަޑުއެހުމުގައި މި މައްސަލަ ކުރިއަށް ގެންދިއުމަށް ގޮތެއް ނިންމާނެއެވެ.

މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު މި މައްސަލައިގެ ޝަރީއަތް ފަށާއިރު، ޖުލައި 21، ސެޕްޓެމްބަރު 15، ސެޕްޓެމްބަރު 21، ސެޕްޓެމްބަރު 25 ވަނަ ދުވަހު އޮންނާނީ ހެކި ބަސް ނެގުމާ ގުޅޭ ޝަރީއަތްތަކެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބާއްވާ އަޑުއެހުން 25 އޮކްޓޯބަރުގައި ބޭއްވުމަށް ނިންމާފައިވާއިރު މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ނޮވެމްބަރު 25 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް