މިސަރުކާރުން މުދައްރިސުންނަށް ދުވަހަކު ވެސް ދެރަގޮތެއް ނުހައްދަވާނެ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

މިސަރުކާރުން މުދައްރިސުންނަށް ދުވަހަކު ވެސް ދެރަގޮތެއް ނުހައްދަވާނެ ކަމަށާއި އެމީހުންގެ ޝަރަފާއި ދަރަޖަ އަދި އެމީހުންނަށް ކުރާ އިހުތިރާމައި ގަދަރު އަބަދުވެސް ދާނީ މައްޗަށް ކަމަށް ހަޔަރ އެޑިއުކޭޝަން މި...

27 Jan 2022 | 10:13

މިސަރުކާރުން މުދައްރިސުންނަށް ދުވަހަކު ވެސް ދެރަގޮތެއް ނުހައްދަވާނެ ކަމަށާއި އެމީހުންގެ ޝަރަފާއި ދަރަޖަ އަދި އެމީހުންނަށް ކުރާ އިހުތިރާމައި ގަދަރު އަބަދުވެސް ދާނީ މައްޗަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ މުދައްރިސުންނާއި ގުޅޭގޮތުން ހެދި ދިރާސާ "ދިވެހިރާއްޖޭގައި ވަޒީފާއެއްގެ ގޮތުގައި މުދައްރިސުކަން: ދެކޭ ގޮތް، އަގުކުރެވޭ ގޮތް، ޚިޔާރު ކުރެވޭ ގޮތް" ނެރެދެއްވައި، ވާހަކަ ދައްކަވަމުންނެވެ.

ދިރާސާ ނެރެދެއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މުދައްރިސުން ލިބުމުގައި ހުރި ދަތިތަކާއި ގުޅިގެން އެއީ ގައުމީ މައްސަލައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަ ކުރައްވާފައިވާ ކަމަށެވެ.

މިކަމަކީ އިލްމީ ދިރާސާއެއްގެ ތެރެއިން ހައްލެއް ހޯއްދަވަން ބޭނުންވާ ބައެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި އެކަމަށް ސަރުކާރުން ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ގައުމީ ޔުނިވަރސިޓީއިން ޝާއިރުކުރި ދިރާސާއަކީ އެކަމަށް ކުރިއެރުމާއި އެހީ ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދާދި ފަހުން ޓޮޕް10 ޖަލްސާގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން މިކަމަކީ ގައުމީ މައްސަލައެއް ގޮތަށް ފާހަގަ ކުރައްވާ މި ކަމަކީ އިލްމީ ދިރާސާއެއްގެ ތެރެއިން ހައްލެއް ހޯއްދަވަން ބޭނުންވާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި. އަދި އަޅުގަނޑު ގަބޫލު ކުރާގޮތުގައި މި ސަރުކާރުން މިކަމަށް އަވަސް ހައްލެއް ޚާއްސަކޮށް މުދައްރިސުންގެ މުސާރައިގެ ކަންތަކަށް އަވަސް ހައްލެއް މިސަރުކާރުން ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިހުރިހާ ބޭފުޅުންނަށް އަރުވަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މުދައްރިސުންނަކީ މިގައުމުގެ މައިބަދަ ކަމަށެވެ.  މުދައްރިސުންނަށް ލިބޭ މުސާރައާއި އަޅާ ކިޔާއިރު މި މަސައްކަތުގެ އަގު ނުވަތަ ދަރަޖައާއި ބެހޭ ގޮތުން ސުވާލު އުފައްދާނެ ޖާގަ އޮތްކަން ދިރާސާއިން ހާމަވެގެން ދިޔަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެކަމަށް ހައްލު އަންނާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުރިހަމަ ދިރާސާއެއް ކޮށްދެއްވިކަމަށްޓަކައި ދިރާސާގައި ބައިވެރިވި 15 ދިރާސާވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މިކަހަލަ މުހިއްމު ގައުމީ ކަމެއް ހައްލު ކުރުމުގައި އިލްމީ ދިރާސާ ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ ހާލަތު ރަނގަޅަށް ދެނެގަނެވި އޭގެ އަސްލާއި ހަމައަށް ވާސިލުވެވޭނީ ހަގީގަތުގައި އިލްމީ ދިރާސާއެއް އިލްމީ މަރުކަޒެއްގައި ކުރެވިގެން ކަމަށެވެ. ކަން އޮތް ގޮތާއި މިހިސާބަށް އެކަން ހާސިލުވި ގޮތާއި މިކަމުގައި މިހާރު އެދެވެން އޮތް ހައްލުތަކަކީ ކޮބައިކަން ދެނެގަނެ އެ ހައްލުތަކުން ނިކުންނާނެ ނަތީޖާތަކަކީ ކޮބައިކަން ދެނެގަނެ އެކަން ފުރިހަމައަށް އިލްމީ ދިރާސާއަކުން ނޫނީ އެނގިގެންދާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

" މިކަމުގައި ތި ބޭފުޅުންނަށް ޝުކުރު ދަންނަވަން ޖެހޭ ސަބަބަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތި ބޭފުޅުންގެ ޗުއްޓީ ގުރުބާން ކުރައްވައިގެން ތިބޭފުޅުންގެ އަމިއްލަ ކަންކަމުގެ ތެރެއިން ވަގުތު ހޯއްދަވައިގެން މިފަދަ ބުރަ ބޮޑު މަސައްކަތެއް މިހާ ފުރިހަމައަށް ކޮށްދެއްވީތީ ހަގީގަތުގައި ވެސް ޝުކުރުވެރިވާންޖެހޭ ކަމެއް. މި ފުރުސަތުގައި އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް ވެސް މި ފުރުސަތުގައި ޝުކުރު ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.

ގައުމީ ޔުނިވަރސިޓީން އިސްނަގައިގެން ކުރި ދިރާސާގެ މައިގަނޑު މަގުސަދަކީ ކިޔަވައިދިނުމުގެ ދާއިރާ ވަޒީފާއެއްގެ ގޮތަށް އިޚްތިޔާރު ކުރުމުގެ ވިސްނުންތަކާއި އެކަން އަގުކުރެވޭ ގޮތާއި، އެކަމަށް އަސަރުކުރުވާ ކަންކަން ދެނެގަތުމެވެ. އަދި ސްކޫލު ނިމޭ ދަރިވަރުން ކިޔަވައިދިނުމުގެ ދާއިރާއަށްޝައުގުވެރި ކުރެވޭނެ ގޮތްތައް ހޯދާ ބެލުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް