ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތްތައް ކުރިޔަށް ގެންދާތީ ސަމާލުވާން އަންގައިފި

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރަމުންދާތީވެ، އެ ސަރަހައްދުން ކަނޑުގައި ދަތުރުކުރާ އުޅަނދުތަަކުން ސަމާލުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއ...

27 Jan 2022 | 07:36

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ކުރަމުންދާތީވެ، އެ ސަރަހައްދުން ކަނޑުގައި ދަތުރުކުރާ އުޅަނދުތަަކުން ސަމާލުވުމަށް ޓްރާންސްޕޯޓު މިނިސްޓްރީން އެދިއްޖެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައި މާލެ-ތިލަފުށި ލިންކް މަޝްރޫއުގެ ދަށުން އިއްޔެ އިން ފެށިގެން މާލޭގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ވިލިނގިއްޔާއި ގުޅިފަޅުގެ ދެކުނު ފަރާތުގެ މޫދާއި ތިލަފުށީގެ އިރުދެކުނުކޮޅާ ދެމެދުގެ ސަރަހައްދުގައި ޕްލެޓްފޯމްތަކެއް ބަހައްޓައިގެން މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.

އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެ ޕްލެޓް ފޯމުތަކާ ކައިރި ނުކުރުމަށާއި ޕްލެޓް ފޯމްތަކަށް ސަމާލުކަން ދީގެން ރައްކާތެރިކަމާއެކު، ދަތުރުކުރުމަށް އުޅަނދުފަހަރުތަކުގެ ކެޕްޓަނުންނަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ.

އެގޮތުން 6.7 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ.

މީގެ އިތުރުން، ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހަދާނެއެވެ.

ގްރޭޓާ މާލެ ކަނެކްޓީވިޓީ ބްރިޖަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކާއި އެ ޤައުމުން ދޭ އެހީއެއް އެއްކޮށްލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫޢުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް