ރާއްޖޭގެ ދެ ޕޯޓެއްގެ ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީ އަށް ހަވާލުކޮށްފިއެވެ.
އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫއު އާއި ގދ. ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ.
މި ދެ މަސައްކަތް ހަވާޅުކުރުމަށް އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖީނިއަރ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.
ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އައު މަގަތު ފާލަމެއް ހެދުމާއި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ނެރުބައްތި ޖެހުމާއި އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ވެސް ހިމެނއެވެ.
ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކޮށް، ގާޑް ހައުސް އިމާރާތަކާއި ވެއާރހައުސް އަދި ވޯކްޝޮޕް އިމާރާތަކާއި ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރުމަށް ވަނީ ނިންމާފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ޕޯޓު މަސައްކަތް ނިންމުމަށް 139 މިލިއަން ރުފިޔާ އަށް ހަވާލުކުރީ 495 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. އަދި ތިނަދޫ ރީޖަނަލް ޕޯޓު 330 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާޅުކުރީ 17.8 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް