އަޅުނގަނޑުމެންގެ މި ކުޑަކުޑަ ސައްތައިންސައްތަ އިސްލާމީ ޤައުމުގައިވެސް މިވަނީ ޑިމޮކްރެސީ ނިޒާމުގެ ގަދަ އޮއެވަރު އައިސްފައެވެ. 2008 ވަނަ އަހަރު ޑިމޮކްރެސީގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ އާ ޤާނޫނު އަސާސީއަށް އަމަލު ކުރެވެން ފެށުނު ހިސާބުންނެވެ. ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެ އަޑުގަދަ ކޮށް ދެކެމުން އައި އެއް ވާހަކަ އަކީ އާންމު ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަ އެވެ. ރައްޔިތުންނަށް ގެއްލިގޮސްފައިވާ އެންމެހާ ޙައްޤުތަކެއް ހޯދައިދިނުމުގެ ވާހަކައެވެ.
ނަމަވެސް އުފެދޭ ސުވާލަކީ މި ވެރިން މި ބުނާ ހައްޤުތައް ރައްޔިތުންނަށް ކަށަވަށު ކޮށްދެވޭތޯ އެވެ.؟ ނުވަތަ ކޮށްދެވިއްޖެ ތޯއެވެ.؟ ބުނަން އޮތީ ނޫނެކެއެވެ. ދިވެހިންގެ ހައްޤުތައް ހޯދައިދިނުމުގެ ނަމުގައި ކުރަމުންދަނީ ޖެއްސުމެވެ. އަރައިގަންނަމުން ދަނީ އިސްމާލް ދީނުގެ ޝިއާރުތަކަށެވެ. އެގޮތުން ސްކޫލްތަކުގައި ކިޔަވައިދޭ އުޙުތުން މޫނު ބުރުޤާ އެޅުން މަނާކުރުމަކީ މީގެ ތެރެއިން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް މައްސަލައެވެ. ކޮންމެ ސަރުކާރަކުން ވިޔަސް އިސްލާމް ދީނުގެ ޝިއާރުތަކަށް ގޮންޖަހާ ފާޑުކިޔާ އެފަދަ ކަންކަން މަނާށ ކުރުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންނެވެ.
މިކަން އެންމެ ފުރަތަމަ ފެށިގެން އައީ ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް ސްކޫލު ތަކުގައި ކިޔަވައިދޭ ޓީޗަރުން މޫނު ބުރާ އެޅުން މަނާކުރިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިކަން މިގޮތަށް ކޮށްފައިވަނީ މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމަކީ ސިވިލް ސާވިސްގެ ގަވައިދުތަކާ ހިލާފުވުން ކަމަށް ބުނެއެވެ. އެގޮތުން އޭރު މޫނު ބުރުގާ އަޅާތީ އިންޒު ދީ ވަޒީފާއިން ވަކިކުރި ޓީޗަރުންވެސް މަދެއް ނޫނެވެ. މިކަންވީ ދިވެހިންނަށް ހަޖަމްކުރަން ދަތި ބޮޑު މައްސަލައަކަށެވެ. މި މައްސަލައާއި ގުޅިގެން ދިވެހިންގެ އެތައްޔަކާއި ދީނީ ޢިލްމުވެރިންގެތެރެއިން ގިނަ ބަޔަކު ރައީސް ޔާމީނަށް ފާޑުކިޔުންތައް އަމާޒުކުރިއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ނިމުމާއި ހަމައަށް ވެސް މި ކަން އޮތީ ހަމަ އެގޮތުގައެވެ. ބަދަލެއް ނާދެއެވެ.
ރައީސް ޔާމީންގެ ވެރިކަމަށް ފަހު ދެން އައީ އެބުނާ އެމްޑީޕީގެ ވެރިކަމެވެ. މޫނު ބުރުގާ އަޅައިގެން ކުރަމުން އައި ތަފާތު ނައްތާލާނެ ކަމަށް ބުނެ އެތަކެއް ވަޢުދުތަކެއް ވުމަށް ފަހުގައެވެ. މޫނު ބުރުޤާ އެޅި އުޙުތުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ވަޒީފާ އަދާކުރެވޭނެ ކަމަށް ބުނެއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރު އާންމުކުރި ސާކިއުލާއެއްގައި ބުނެފައިވާ ގޮތުން މޫނު ބުރުޤާ އެޅި ޓީޗަރުންވެސް ސްކޫލުގައި ކިޔަވައިދޭ ވަގުތު ތަކުގައި ހުންނަން ޖެހޭނީ ކާކުކަން އެނގޭ ގޮތަށް މޫނު ފޮތިކޮޅު ނަގައިގެންނެވެ. ނަމަވެސް އޭރުު ސްކޫލުތަކުން މިކަން އެދޮތަށް ކުރުމަށް މާ ބޮޑު ސަމާލުކަމެއް ދިންތަނެއް ނުފެއެވެ. އެހެން ނަމަވެސް މި އަހަރުގެ ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމާއި އެކު އެޑިއުކޭޝަނުން ވަނީ މިކަމާއި ގުޅޭ އިތުރު ސާކިއުލާއެއް ނެރެ 2019 ވަނަ އަހަރު ނެރެ އާންމުކުރި ސާކިއުލާގައިވާ ގޮތަށް އަމަލުކުރުމަށް ހަރުކަށިކޮށް ހުރިހާ ސުކޫލުތަކުގެ ވެރިންނަށް އަންގާފައެވެ.
މައްސަލަ ގޯސްވީ މިހިސާބުންނެވެ. މި މައްސަލާގައި އާންމުރައްޔިތުންގެ އިތުރުން ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކޮށް ނި ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ. ނަމަވެސް އެޑިއުކޭޝަނުން މިކަމަށް ދިނީ ބީރު ކަންފަތެކެވެ. ދައްކަމުން ދިޔައީ ބަހަނާއެވެ. މޫނު ފެންނަ ގޮތަށް ޓީޗަރުން ތިބުމުން އެކަމުން ދަރިވަރުންނަށް ކުރާ ބޮޑެތި ފައިދާތަކުގެ ވާހަކައިންނެވެ. ޓީޗަރުންގެ ލޮލާއި އަނގަޔާއި މޫނު މަތީގެ އިޝާރާތްތަކަކީ މުވާސަލާތު ކުރުމުގައި ޒަރޫރީ ކަންކަމަށްވެފައިވާ ވާހަކައިންނެވެ. ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމްވުމުގައި އެކަންކަން މުހިންމު ދައުރެއް އަދާކުރާކަމުގެ ވާހަކައިންނެވެ.
ދަންނަވަންތޯ އެވެ. ! އިސްލާމީ ޝަރީޢަތް ޢަދުލުވެރިކަމާއިއެކީ ދިރާސާކޮށް އަދި ރަސޫލާ صلى الله عليه وسلمގެ ސިޔަރަތު ކިޔައިފިނަމަ މޫނު ބުރުގާ އެޅުމަކީ އިސްލާމީ ޝިޢާރެއްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އަދި މިކަމަކީ ޢަރަބި އިސްލާމީ ދައުލަތްތައް އިސްތިޢުމާރު ކުރެވުމާއި ހަމައަށް މުޅި އިސްލާމީ އުންމަތުގެ މައިރަށްތަކުގައި ޢަމަލުވެސް ކުރެވިފައިވާ ކަމެކެވެ. އަންހެނުންގެ ޢިއްފަތްތެރިކަން ނަގާލާ މޫނުބުރުގާއާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ އަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ކަން މިހެން އޮތް އިރު، މޫނު ބުރުޤާ ފަދަ އިސްލާމީ ޝިއާރުތަކަށް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ސަރުކާރަކުން ދެކޮޅު ހަދަންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ.
ކޮންމެ އަކަސް މިއީ ދިވެހީންނަށް ބަަލައިގަނެވޭނެ ކަމަށް ނުވިއެވެ. ކޮންމެ ސަރުކާރަކުން ނިންމި ނިންމުމެއް ކަމުގައިވިޔަސްމެއެވެ. މި ޤައުމުގައި ދިރިއުޅޭ ދިވެހީންނަކީ އިސްލާމް ދީނަށް ލޯބިކުރާ އެ ދީނުގެ ޝިއާރުތަކަށް ހުރުމަތްރިކޮށް ހިތާ ބަޔަކަށް ވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް