ދިރިއުޅުން އުފަން ރަށަށް ބަދަލުކުރާ އާއިލާތަކަށް ދެނީ މާލީީ އިނާޔަތާއި ލޯނު

އަމިއްލަ ރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ އާއިލާތަކަށް ސަރުކާރުން ދޭނީ މާލީ އިނާޔަތާއި ލޯނު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ފޭސްބުކްގައި ...

27 Jan 2021 | 16:18

އަމިއްލަ ރަށަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ އާއިލާތަކަށް ސަރުކާރުން ދޭނީ މާލީ އިނާޔަތާއި ލޯނު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތުގައި މާލޭގައި ދިރިއުޅުޅޭ އާއިލާތަކަށް ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެހެންވެ އެފަދަ އާއިލާތަކަށް އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވުމުގެ ފުރުސަތު ހަމަޖައްސައި ދޭނެ ކަމަށް ވިދާޅުވި އެވެ.

މިކަމުގެ ތަފްސީލް "ދުވަސް" އަށް ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ މިއީ ސަރުކާރުން އަލަށް ފަށާ ޕްރޮގްރާމެއްގެ ކަމަށެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހާއްސަ އުސޫލެއް އެކުލަވާލައިގެން ކަމަށާއި އެ އުސޫލު އެކުލަވާލައި އަންނަ މަހުގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވުމުގެ ފުރުސަތު ދެނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ދެ ފިޔަވައްސަކީ މާލެއިން އުފަން ރަށަށް ބަދަލުވާ އާއިލާތަށް އަދި އަތޮޅު ތެރޭގައި އެހެން ރަށެއްގައި ދިރިއުޅޭ އާއިލާތަށް އުފަން ރަށަށް ބަދަލުވުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ އާއިލާތަކަށް އެކަންޏެވެ.

އިބްރާހިމް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ރަށަށް ބަދަލުވުމުގެ ފުރުސަތު ދޭނީ އަހަރު 500 އާއިލާއަށް ކަމަށެވެ. އެ ފުރުސަތު ދޭނީ އަމިއްލައަށް އެދޭ ފަރާތްތަކަށް ކަމަށާއި ޝަރުތުހަމަވެގެން ރަށަށް ބަދަލުވުމުގެ ފުރުސަތު ދޭނީ އާއިލާގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ އެސެސްމެންޓުތައް ހެދުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

އެގޮތުން ދިރިއުޅުމުގެ ހާލަތު ބެލުމާއި އެ އާއިލާގައި މީހުން ތިބި އަދަދާއި ދިރިއުޅޭ ތަނުގެ ޖާގައަށް ރަށަށް ބަދަލުވުމުގެ ފުރުސަތުދޭއިރު ބަލާނެ ކަމަށެވެ. އަދި ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ އަދަދާއި ވަޒިފާ ނެތް އަދި ވަޒީފާ އަދާ ކުރާ މީހުންގެ އަދަދާއި ތެލެސީމީ އާއި ނުކުޅެދުންތެރިކަން ހުރި ކުދިން އާއިލާގައި ހިމެނޭތޯ ބަލާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ރަށަށް ދިއުމުގެ ފުރުސަތު އާއިލާތަކަށް ސަރުކާރުން މާލީ އިނާޔަތެއް ހަ މަސް ދުވަސް ވަންދެން ދޭނެ އެވެ. އަދި ރަށުގެ ގޭގެ މަރާމާތާއި ފަރުނީޗަރު ފަދަ ތަކެތި ގަތުުމަށް 20،000 ލޯނެއްދޭނެ އެވެ.

ގޭގެ މަރާމާތާއި ފަރުނީޗަރު ފަދަ ތަކެތި ގަތުުމަށް ދޭ 20،000 ރުފިޔާގެ ލޯނު ދައްކަން ޖެހެނީ އެއް އަހަރު ދުވަހުގެ ގްރާސް ޕީރިއަޑަކާއި އެކު ސުން ޕަސެންޓު އިންޓަރެސްޓުގައި ތިން އަހަރު ތެރޭގައި އެވެ. އިބްރާހިމް ވިދާޅުވީ އިތުރު ތިން އަހަރު އެ ލޯނު ދައްކަން ބޭނުންވާ ނަމަ ފަސް ޕަސެންޓަށްވުރެ އިތުރު ނުވާނެ އަދަދެއްގެ އިންޓަރެސްޓާއި އެކު ލޯނު ދެއްކުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް