އިނގިރޭސި ކުލަބު ޗެލްސީގެ ކޯޗުކަމުގެ މަގާމުގައި ހުރި ފްރޭންކް ލަމްޕާޑް އެ މަގާމުން ވަކިކުރުމުން ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ހަމަޖައްސައިފި އެވެ.
ޓުޗެލް ޗެލްސީގެ ކޯޗުކަމާ ހަވާލުވިކަން އެ ކްލަބުން ރަސްމީކޮށް އަންގާފައިވާއިރު، ޓުޗެލް ޗެލްސީގެ ކޯޗުކަމާއި ހަވާލުވީ 18 މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް ތުޗެލްގެ ކޯޗުކަމުގެ ދަށުން ޗެލްސީން ރަނގަޅަު ނަތީޖާއެއް ނެރޭނަމަ އިތުރު ފުރުސަތެއް ދެވޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.
ޖަރުމަންގެ ޑޯޓްމަންޑުން 2018 ވަނަ އަހަރު ޕީއެސްޖީގެ ކޯޗުކަމާއި ހަވާލުވި ޓުޗެލް ދެ އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޕީއެސްޖީއަށް އިރުޝާދު ދީފައިވެއެވެ. އެހެން ނަމަވެސް ޕީއެސްޖީން ނެރެމުން ދިޔަ ނަތީޖާތައް ދައްވުމުން އެ ކުލަބުން ޓުޗެލްގެ އެއްބަސްވުން އުވާލީ މި މަހުގެ ކުރީކޮޅު އެވެ. ޕީއެސްޖީ އަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ދެ ސީޒަނުގައި ހޯދައިދިންއިރު ޓުޗެލް ވަނީ އެ ކްލަބަށް ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ޓުޗެލް ވަނީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޕީއެސްޖީ ގެންގޮސްދީފަ އެވެ.
ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ވަކިކޮށްފައިވަނީ މީގެ އެއް ދުވަސް ކުރިންނެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ އެ ޓީމު ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެންނެވެ. ޗެލްސީން ވަނީ މި ސީޒަނަށް ބޮޑު ހޭދައެއް ކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 220 މިލިއަން ޕައުންޑަށް ކުޅުންތެރިން ގަނެފައިވާއިރު އެ ކުޅުންތެރިންގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ނުފެނެއެވެ. ނަތީޖާއެއްގެ ގޮތުން ގިނަބައެއްގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވިއެވެ.
ޓުޗެލް ޗެލްސީގެ ކޯޗުކަމާއި ހަވާލުވި ނަމަވެސް ޗެލްސީ އަންނަ ބުދަދުވަހު ކުޅުމަށް ހަމަ ޖެހިފައިވާ މެޗުގައި ޓުޗެލް ނުފެންނާނެއެވެ. މި މެޗުގައި އޭނާއަށް ބައިވެރި ނުވެވެނީ އެ ގައުމުގައި ހަދާ ކޮވިޑު-19 ގެ ޓެސްޓުތަކުެގ ސަބަބުންނެވެ.
ޗެލްސީގައި ޓުޗެލް އަށް އޮންނާނެ އެންމެ ބޮޑު މަސައްކަތަކީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޗެލްސީ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް