ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ފަރާތުން މިއަދު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އަނެއްކާވެސް ޕިއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 25 ވީ ހޯމަ ދުވަހު އިދިކޮޅުން ހުރި މުޒާހަރާއެއްގައިވެސް މި ދެ ބޭފުޅުން ހައްޔަރުކުރި އެވެ.
އިދިކޮޅުން މިއަދު މުޒާހަރާ ކޮށްފައި ވަނީ، ކޮވިޑް19އިން ރައްކާތެރިވުމަށް އިންޑިއާއިން ހަދިޔާ ކުރި ވެކްސިންއާ ގުޅޭ މައުލޫމާތުތައް ހާމަކަން ބޮޑު ގޮތެއްގައި ހާމަކުރުމަށް ގޮވާލަ އެވެ.
އެކަމާ ގުޅޭ މައުލޫމާތުތައ ހޯދުމަށް އިދިކޮޅު ކޯލިޝަނުން، ހެލްތް މިނިސްޓްރީ ހުންނަ އިމާރާތް ކުރިމައްޗަށް ގޮސް ވަނީ މުޒާހަރާކޮށް އަޑު އުފުލާފަ އެވެ.
އިންޑިއާ އިން ރާއްޖެ ހަދިޔާކުރި އަދި 700،000 ޑޯޒް ގަންނަން ރާއްޖެއިން އޯޑަރު ދީފައިވާ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާ "ކޮވިޝީލްޑް" ވެކްސިނަކީ ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކުރުމަށްވެސް މިއަދުގެ މުޒާހަރާގައި އިދިކޮޅުން ގޮވާލި އެވެ.
ރާއްޖޭގައި ބޭނުން ކުރަން އުޅޭ އެ ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކުރި ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން ތައްޔާރު ކުރި ވެކްސިނެކެވެ.
އެ ވެކްސިންއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ހުއްދައެއް ނުލިބެ އެވެ. އެޗްޕީއޭއިން މީގެ ކުރިން ބުނީ، އެ ވެކްސިން ބޭނުން ކުރަން ފަށާނީ ޑްބަލިއުއެޗްއޯގެ ހުއްދަ ލިބުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް