މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމުގައި ހެލްތުން ކުއްލި ބަދަލުތަކެއް!

ނޫސްވެރިން ބައިވެރިކޮށްގެން ދައުލަތުގެ ހުރިހާ އިދާރާއަކުން ހެން ސޯޝަލް މީޑިއާގައި ގްރޫޕުތައް ހަދާފައި ހުންނަނީ މީޑިއާ ތަކާއި މުއާމަލާތް ކުރަން ފަސޭހަ ކުރުމުގެ ގޮތުންނެވެ. އެފަދަ ގްރޫޕުތަކުގެ ސަބަބުން ...

27 Jan 2021 | 10:47

ނޫސްވެރިން ބައިވެރިކޮށްގެން ދައުލަތުގެ ހުރިހާ އިދާރާއަކުން ހެން ސޯޝަލް މީޑިއާގައި ގްރޫޕުތައް ހަދާފައި ހުންނަނީ މީޑިއާ ތަކާއި މުއާމަލާތް ކުރަން ފަސޭހަ ކުރުމުގެ ގޮތުންނެވެ.

އެފަދަ ގްރޫޕުތަކުގެ ސަބަބުން މައުލޫމާތު ހޯދައި ލިބިގަތުމަށް ކުރިން އުފުލަން ޖެހުނު ތަކުލީފުތައް އުފުލާކަށް މިހާރު ނުޖެހެ އެވެ.

މިނިސްޓްރީ ތަކާއި ދައުލަތުގެ އިދާރާތަކުން ހާމަކުރަން ބޭނުންވާ ކިތަންމެ ކުޑަ މައުލޫމާތެއް ވިޔަސް އެފަދަ ގްރޫޕުތަކުގައި ލިޔެލުމުން ފަސޭހަ ކަމާއި އެކު ރާއްޖޭގައި ރެޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ނޫސް އިދާރާތަކަށް ފޯރަ އެވެ. ނޫސްވެރިން އެ އިދާރާތަކާއި ސުވާލެއް ކުރަން ބޭނުންވާ ނަމަ އެ ގްރޫޕުތަކުގައި ޖަހާލުމުން ގިނަ އިދާރާތަކުގެ މީޑިއާ އޮފިސަރުން ޖަވާބު ދެއްވަ އެވެ.

އެކަމަކު ހެލްތް މިނިސްޓްރީ ފާހަގަ ވެގެން ގޮސްފައިވަނީ އާންމުކޮށް ނޫސްވެރިންނަށް މައުލޫމާތު ގަވައިދުން ފޯރުކޮށްދިނުމާއި ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމުގައި ވަރަށް ލަސް މިނިސްޓްރީއެއްގެ ގޮތުގައި އެވެ. އެ މިނިސްޓްރީގައިވެސް މީޑިއާ ޔުނިޓަކާއި މީޑިއާއަށް މައުލޫމާތު ދިނުމަށް މީޑިއާ އޮފިސަރަކު ހުންނަވަ އެވެ.

ނޫސްވެރިންނާއި ގާތް ގުޅުމެއް އުފައްދަން ވައިބާގައި މީޑިއާ ގްރޫޕެއް ހަދާފައި އޮވެ އެވެ. އެކަމަކު އެ މިނިސްޓްރީ ފާހަގަވެގެން ގޮސްފައިވަނީ ނޫސްވެރިންނާއި ވަރަށް ގުޅުން ކުޑަ މިނިސްޓްރީއަކަށެވެ. އެގޮތުން ބައެއް މީޑިއާތަކުން ލިޔުމުން ފޮނުވާ ސުވާލުތަކުގެ ޖަވާބު ނުދީގެން އެތައް ދުވަހެއް ވަންދެން ގުޅައިގެން އެކަން ނުވެގެން ނޫސްވެރިންނަށް ފެންނާނެހެން މީޑިއާ ގްރޫޕުގައި ސުވާލު ކުރުމުންވެސް އެކަން ނުވެ އެވެ.

މިފަހުން އެންމެ ފާހަގަ ކުރެވުނު އަދި ނޫސްވެރިން ރަތަށް އެރިކަމަކީ މިދިޔަ އާދިއްތަ ދުވަހު އެ މިނިސްޓްރީގައި ބޭއްވި އިވެންޓަކަށް ނޫސްވެރިންނަށް ދައުވަތު ދިން ގޮތެވެ. އެ އިވެންޓުގެ ވާހަކަ މީޑިއާ ގްރޫޕުގައި ޖެހުމުގެ ބަދަލުގައި ނޫސް އިދާރާތަކުގެ ވެރިންނަށް އެ މިނިސްޓްރީން މެސެޖު ކުރީ އިވެންޓުގައި ބައިވެރިވާނެ ނޫސްވެރިއެއްގެ ނަމާއި ފޯނު ނަމްބަރު ފޮނުވުމަށެވެ.

އެކަމަކު ކަންވީ ދިމާ ދިކޮޅަށެވެ. އެއީ ކޮން އިވެންޓެއް ކަމާއި ހެލްތް މިނިސްޓްރީން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާކަން ނޫސްވެރިންނަށް އެނގުނީ ރާއްޖެ ޓީވީން ވަގުތުން އެ އިވެންޓު ދައްކަން ފެށުމުންނެވެ. އެ ބައްދަލުވުމަށް ދައުވަތު ދީފައިވަނީ ޕީއެސްއެމްއާއި ރާއްޖެ ޓީވީއަށް އެކަންޏެވެ.

އެދުވަހު ހެލްތް މިނިސްޓްރީ މީޑިއާ ވައިބާ ގްރޫޕުގައި ނޫސްވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށް އެތައް ސުވާލެއް ކޮށް އެތައް އެއްޗެއް ކިޔުމުންވެސް ލިބުނީ ކުރު ޖަވާބެކެވެ. "ޖާގަ ނެތުމުން ދައުވަތު ނުދެވުނީ" ކަމަށެވެ.

މި މައްސަލަ ކުރިމަތިވެފައި ވަނިކޮށް ކުއްލިއަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ގޮވާލާފައި އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ހަމަ ހަމަ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ހެލްތް މިނިސްޓްރީއަށް އިލްތިމާސްކޮށްފައި އެވެ.

މި ފާހަގަ ކުރި ކަންކަމާއި ގުޅިގެން ހެލްތް މިނިސްޓްރީން މީޑިއާއަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ކުއްލި ބަދަލު ތަކެއް ގެންނަމުންދާކަން ދަނީ ފާހަގަވަމުންނެވެ. މިހާރު މިނިސްޓްރީން ބާއްވާ އިވެންޓުތަކަށް ދައުވަތު ދެނީ މީޑިއާ ގްރޫޕުގައި ޖަހައިގެންނެވެ. އޭރުން ހުރިހާ މީޑިއާތަކަށް ދައުވަތު ދެވުނީ އެވެ.

އިވެންޓު ނިމުމާއި އެކު އެ އިވެންޓާކާއި ގުޅޭ މައުލޫމާތާއި ފޮޓޯ އަދި އޯޑިއޯ މީޑިއާ ގްރޫޕުގައި ހެލްތް މިނިސްޓްރީގެ މީޑިއާ ޓީމުން ދަނީ ނޫސްވެރިންނާއި ހިއްސާ ކުރަމުންނެވެ. މަޖުބޫރީ ހާލަތުގައި ނަމަވެސް މި ގެނައި ބަދަލުން ރައްޔިތުންނާއި ހަމައަށް އެ މިނިސްޓްރީގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ފަސޭހަ ވާނެ އެވެ.

މި ގެނައި ބަދަލަށް މިނިސްޓްރީއަށް ޝުކުރު ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް