ހާއްސަ ހުއްދައިގަ ފ. ނިލަންދޫއަށް ދިޔަ މީހަކު ޕޮސިޓިވް ވެއްޖެ

ސަރުކާރުގެ ދަތުރެއްގައި އެޗްޕީއޭއިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން ފ. ނިލަންދޫއަށް ދިޔަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ނިލަންދޫ ކައުންސިލުން ބުނީ ޕޮސިޓިވްވެފައިވަނީ އެޗްޕީއޭގެ ހާއްސަ ހު...

27 Jan 2021 | 09:44

ސަރުކާރުގެ ދަތުރެއްގައި އެޗްޕީއޭއިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން ފ. ނިލަންދޫއަށް ދިޔަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ނިލަންދޫ ކައުންސިލުން ބުނީ ޕޮސިޓިވްވެފައިވަނީ އެޗްޕީއޭގެ ހާއްސަ ހުއްދަ އާއި އެކު އެ ރަށަށް ގޮސް އުޅޭ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމްގައި ހިމެނޭ މީހެއް ކަމަށެވެ. އެ ޓީމްގައި ހަތަރު މެމްބަރުން ހިމެނެ އެވެ.

އެމީހާ ޕޮސިޓިވްކަން އެނގުނު އިރު އެމީހާ އާއި ޑައިރެކްޓު ކޮންޓެކްޓުވި މީހުން އެ ރަށުގައި އެބަތިއްބެވެ. އެގޮތުން މިހާތަނަށް 18 މީހަކު ފާހަގަ ކުރެވިގެން ކަރަންޓީން ކޮށްފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކަރަންޓީން ނުވާގޮތަށް ރަށްރަށަށް ދެވެނީ ސަރުކާރުގެ މަޝްރޫއުތަކާއި ކޮމިއުނިކޭޝަން ދާއިރާގެ މަސައްކަތްތަކާއި، ޔޫޓިލިޓީ ހިދުމަތް ދޭ ފަރާތްތަކަށް ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ. މި ފަރާތްތަކުން ކުރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓުގެ ނަތީޖާ ހުށަހަޅަން ޖެހުނަސް މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން އިއްޔެ އާއި ހަމައަށް އޮތީ އެކަން އުވާލާފައި އެވެ.

ކޯވިޑްގެ ކޭސްތައް އިތުރުވެފައިވާތީ މިއަދުން ފެށިގެން ހާއްސަ ހުއްދައިިގެ ދަށުން އަތޮޅު ތެރޭގެ ރަށްތަކަށް ދަތުރު ކުރުމަށް ހާއްސަ ހުއްދަ ދިނުން އެޗްޕީއޭއިން ވަނީ ހުއްޓާލާފައި އެވެ. އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ރަށްރަށަށް މާލެއިން ދަތުރު ކުރާ ހުރިހާ ފަރާތްތަކުން 10 ދުވަހަށް ކަރަންޓިން ވާން ޖެހޭނެކަމަށެވެ.

މިވަގުތު އޮތޮޅު ތެރޭގެ ފަސް ރަށެއްގައި 121 ކޯވިޑް އެކްޓިވް ކޭސް އެބަހުއްޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް