މާލޭގައި ދިރިއުޅޭ އާއިލާތުގެ ތެރެއިން އަތޮޅުތެރޭގެ ރަށްތަކަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކޯވިޑް-19 ގެ ހާލަތުގައި މިދިޔަ އަހަރު ތެރޭގައި ގިނަ އާއިލާތަކަކުން ވަނީ އަމިއްލަ ރަށަށް ދިރިއުޅުން ބަދަލުކޮށްފައި އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ކުއްޔަށް އުޅުނު ތަންތަނުން ނުކުންނަން ޖެހުމުން ރަށަށް ބަދަލުވެވެންދެން ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާފައިވެ އެވެ.
ޖެންޑާ މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ މިހާލަތުގައި މާލޭގައި ދިރިއުޅުޅޭ އާއިލާތަކަށް ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެހެންވެ އެފަދަ އާއިލާތަކަށް އަމިއްލަ ރަށަށް ނުވަތަ އެހެން ރަށަކަށް ބަދަލުވުމުގެ ފުރުސަތު ހަމަޖައްސައި ދޭނެ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އައިޝާ ވިދާޅުވީ އެފުރުސަތު ބޭނުންވާ ފަރާތްތަކުން ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1421 އަށް ގުޅައިގެން ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
އަތޮޅު ތެރެއަށް ދިރިއުޅުން ބަދަލު ކުރާ އާއިލާތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ގޮތަކަށް ކަމެއް ވިދާޅުވެފައިއެއް ނުވެ އެވެ. އެގޮތުން ސަރުކާރުން އެފަދަ އާއިލާތަކަށް ދެނީ މާލީ އެހީތެރިކަން ކަން ނުވަތަ ދަތުރުފަތުރާއި އަތޮޅުތެރެއަށް ދަތުރު ކުރުމުގެ ހުއްދަ ކަމެއް ސާފެއް ނުވެ އެވެ.
އަދި ރަށަށް ބަދަލުވެވެންދެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެނީކަންވެސް މިނިސްޓަރު ސާފުކޮށްދެއްވާފައެއް ނުވެ އެވެ.
ކޯވިޑާއި ގުޅިގެން ވަޒިފާ ގެއްލި ހާލުގައި ޖެހުނު އެތައް އާއިލާ އަކާއި މީހުންނާއި ވިޔަފާރިތަކަށް ސަރުކާރުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި އިންކަމް ސަޕޯޓު އެލެވަންސް އާއި ވިޔަފާރިތަކަށް ލޯނު ދޫކުރުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް