ރާއްޖޭގެ އުމްރާނީ ތަރައްގީގެ ދުވެލި، ކޯވިޑް 19 އާއި ގުޅިގެން މިވަނީ ވަރަށް ބޮޑަށް މަޑުޖެހިގެން ގޮސްފައެވެ. އެހެންނަމަވެސް ކޮވިޑަށް ލިބިފައިވާ ވެކްސިނަށް ހުއްދަ ދާދި އަވަހަށް ލިބޭނެކަމަށް ކުރެވޭ އުންމީދާއެކު ވެކްސިނޭޝަން ޕްރޮސެސް އޮތީ މާ ދުރުގައި ނޫންކަމަށް ބެލެވެއެވެ. މި އަހަރަކީ އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމާއެކު ރާއްޖޭގެ އުމްރާނީ ތަރައްގީގައި ގިނަ މަސައްކަތްތަކެއް ކުރެވިދާނެ އަހަރެއްގެ ގޮތުގައި ބެލެވިދާނެއެވެ.
ހަމަ ގައިމުވެސް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން ކުރިއަށްގެންދާނެ ސަރުކާރުގެ އެއް ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން އަންނަނީ އެކަމަށް ތައްޔާރުވެ، މި އަހަރަކީ އުމްރާނީ ތަރައްގީގެ ބޮޑު އަހަރަށް ހެދުމަށް ޕްލޭންތައް އެކުލަވާލައި މަސައްކަތް ކުރަމުންނެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލި މަނިކް (މޫކޭ) ވިދާޅުވީ މި އަހަރަކީ ދިވެހިރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް އެއްފަހަރާ، އަތޮޅުތެރޭގައާއި އަދި މާލޭގަވެސް ވަރަށް ބާރު ސްޕީޑެއްގައި ގެންދެވޭނެ އަހަރަކަށް ވާނެކަމަށެވެ. އުންމީދަކީ އެއީ ކަމަށެވެ.
" އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް އޮވޭ އަޅުގަނޑުމެންގެ ޕްލޭނެއް. މިއަހަރު ހާސިލްކުރާނީ ކިހާ މިންވަރެއްކަން ކަނޑައެޅިފަ. ދެން މިއަހަރު އަޅުގަނޑުމެން ބަލައިގެން މި ތިބީ އަދި އުންމީދުކުރަނީ މިއަހަރަކީ ދިވެހިރާއްޖޭގައި މި ހިންގޭ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް އެއްފަހަރާ، އަތޮޅުތެރޭގައާއި އަދި މާލޭގަވެސް ވަރަށް ބާރު ސްޕީޑެއްގައި ގެންދެވޭނެ އަހަރަކަށް ވާނެކަމަށް." މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ މަގުތައް ހެދުމާއި ތަރައްގީ ކުރުމުގެ މަސައްކަތްތަކުގެ އިތުރުން، އެ ކުންފުނީގެ މެންޑޭޓާ ގުޅުންހުރި އެހެން މަސައްކަތްތަކަށްވެސް ފެށިގެން ދާނެ ކަމަށެވެ. އެއާޕޯޓްތަކުގެ މަސައްކަތާއި ކޯޒްވޭތަކުގެ މަސައްކަތުގެ ތެރެއަށްވެސް މި އަހަރު އާރްޑީސީން ވަނުން ޕްލޭން ކުރެވިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް މިއަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށާއި ބައެއް މަޝްރޫއުތައް މަޝްވަރާ މަރުހަލާގައި ހުރި އިރު ބައެއް މަޝްރޫއުތައް މިހާރު ހުރީ ސޮއި ކުރުމުގެ މަރުހަލާގައި ކަމަށެވެ.
" ގާތްގަނޑަކަށް 15 ވަރަކަށް މަޝްރޫޢު. މިހާރުވެސް މަޝްވަރާގަ. އޭގެތެރެއިން ބައެއް މަޝްރޫޢުތައް މިހާރުވެސް ހުރީ ސޮއިކުރުމާ ގާތުގަ. އަދި މާލޭގަ އަޅުގަނޑުމެން މި ގެންދާ ޕްރޮޖެކްޓުގެ އިތުރު ސެގްމެންޓްތަކުގައި ސޮއިކުރުމާއި މަސައްކަތްތައް ކުރިއަށް ގެންދިއުންވެސް އޭގެ ތެރޭގައި ހިމެނޭ" މޫކޭ ވިދާޅުވިއެވެ.
މި މައުލޫގައި މޫކޭ އިތުރަށް ވިދާޅުވީ މިދިޔަ އަހަރު އަތްނުލެވި ހުރި ދިމަދިމާއަށް އެ ކުންފުނިން އަތްލާނެ ކަމަށާއި މިއަހަރު ތަފާތުކޮށް އަޅުގަނޑުމެން ކުރާނެ އަނެއްކަމަކީ، ކެޕޭސިޓީ އިތުރު ކުރުމާއި ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ އެގޮތުން ދާއިރާއިން މީހުން ތަމްރީނުކޮށް އެ ކުންފުންޏަށް ބޭނުންވާ މުވައްޒަފުން އުފެއްދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިންގޭނެކަމުގައިވެސް މޫކޭ ވިދާޅުވިއެވެ. އަދިއެ ކުންފުނީގެ މުޅި މަގްސަދުގެ ތެރޭގަ ހިމެނޭ ހުރިހާ ދިމާލަކަށް ފޯކަސް ކުރެވިގެން، އާރުޑީސީގެ ރަސްމީ މެންޑޭޓު ތެރޭގަ ހިމެނޭ ހުރިހާ ދިމާލަކަށް ފޯކަސް ކުރެވިގެން ކަންކަން ކުރިއަށްގެންދެވޭނެ ކަންވެސް މޫކޭ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް