މާލޭ ސިޓީގައި އަނެއްކާވެސް ކާފިއު ހިންގަން ފަށައިފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މާލެ ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 12:00 ން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ފަހަރު ދުއްވުމާއި މީހުން މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. މި ފިޔަވަޅަކީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ހާއްސަ ފިޔަވަޅެއް ކަމަށް ބުނެފައިވެ އެވެ.
މާލޭ ސިޓީގައި ކާފިއު ހިންގަން ފެށީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
މީގެ އިތުރުން މިއަދުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކައިވެނި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވެ އެވެ.
ކާފިއު ހިންގާ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން ހުއްދަވާނީ ސިފައިން، ފުލުހުން ނަމާދަށް މިސްކިތައް ދާ ފަރާތްތައް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުންނަށެވެ. އަދި އެ ވަގުތުގައި ބޭރުގައި އުޅެވޭނެ މީހުންގެ ތެރޭގައި އެމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަން ޖެހޭ މީހުންނާއި އެމްބިއުލާންސާއި، ސިއްހީ ހިދުމަތް ދޭ ތަންތަނުގެ މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވެހިކަލްތައް ހިމެނެ އެވެ.
މި އެންގުމަށް އާންމުން އަމަލު ކުރޭތޯ ބަލައި އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާއި ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވެ އެވެ.
މާލޭ ސިޓީގައި އަނެއްކާވެސް ކާފިއު ހިންގަން ފަށާފައި މިވަނީ މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުން ކޯވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެފައިވާތީ އެވެ. އެގޮތުން މިއަދު އެކަނިވެސް މާލެ ސަރަހައްދުން 93 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 15،247 މީހުންނަށެވެ. އޭގެ ތެރެއިން 51 މީހަކު މަރުވެފައިވާއިރު ބަލި ޖެހުނު 13،916 މީހުން ވަނީ ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް