ނާޒިމް ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫނާއި ނަޝީދު ގޮވާލައްވައިފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަރުކާރަށް ގޮވާލައްވައިފި އެވެ. މައުމޫނާއި ނަ...

27 Jan 2017 | 13:26

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަރުކާރަށް ގޮވާލައްވައިފި އެވެ.

މައުމޫނާއި ނަޝީދު މިގޮތަށް ވިދާޅުވީ ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ ޖަލަށްލާފައިވަނީ ނުހައްގުން ކަމަށް ކަނޑައަޅައި، އޭނާ ދޫކޮށްލަން ޖެހޭ ކަމަށް އދ. ގެ ވޯކިންގ ގްރޫޕުން ނިންމުމުންނެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އދ. ގެ ވޯކިންގ ގްރޫޕުން މައްސަލަ ބެލުމަށްފަހު  ހާމަކޮށްފައިވާ ކަންކަމަށް ބަލާއިރު ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

https://twitter.com/maumoonagayoom/status/824927328643854336

ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށާއި މީގެ ކުރިންވެސް އެގޮތަށް ގޮވާލައްވާފައި ވާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ނާޒިމްއަށް ތާއީދު ކުރާ ފަރާތްތަކުގެ އިތުރުން ނާޒިމް ވަނީ ފްރޭމް ކުރެވިފައި ކަމަށް އދ. ގެ ވޯކިން ގްރޫޕުންވެސް ބުނެފައިވާ ކަމަށެވެ.

https://twitter.com/MohamedNasheed/status/824731263865069569

ވޯކިން ގްރޫޕުން ވަނީ ނާޒިމް ދޫކޮށްލަންޖެހޭ ކަމަށް ނިންމައިި ހަތް ސަބަބެއް ބަޔާންކޮށްފައި އެވެ.

އެ ގްރޫޕުން ބުނެފައިވަނީ ނާޒިމް ގެއިން ފެނުނު ފިސްތޯލަ އާއި ވަޒަންތަކަކީ ފުލުހުން ވެއްދި އެއްޗެއްކަން ސާބިތުވެފައިވާތީ އެ މައްސަލައިގެ މަގުސަދަކީ ނާޒިމް ފްރޭމްކުރުންކަން އެނގޭ ކަމަށެވެ. ނާޒިމް ކޮޓަރިން ފެނުނު ހަތިޔާރަކީ ނާޒިމްގެ އެއްޗެހިކަން ސާބިތުކޮށްދިނުމަށް ދައުލަތާއި ހަވާލު ކުރުމުގެ ބަދަލުގައި އެއީ ނާޒިމްގެ ހަތިޔާރެއް ނޫންކަން ސާބިތުކޮށްދޭން ނާޒިމަށް ޖެހުމެވެ.

ދެން ބުނެފައިވަނީ އެހާ ސީރިއަސް މައްސަލައެއްގައި ޖަވާބުދާރީވުމަށް ދިން ފަސްދުވަހުގެ މުއްއްދަތު ކުރު ކަމަށެވެ. ނާޒިމް އާއި ދެކޮޅަށް ހުށަހެޅި ހެކިންނާއި ބެހޭ މައުލޫމާތު އެކަށީގެންވާ ގޮތުގައި ނާޒިމަށް ދީފައި ނުވުން ފާހަގަކޮށްފައިވެ އެވެ.

އިސްތިއުނާފު ރިޕޯޓު ކްރިމިނަލް ކޯޓުން ދީފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ފަހުންނެވެ. ދެން ފާހަގަކޮށްފައިވަނީ އިސްތިއުނާފަށް ހުށަހެޅުމުން ފަސް މަސް ދުވަސް އިސްތިއުނާފު މަރުހަލާގައި ހޭދަވެފައިވާއިރު ސުޕްރީމް ކޯޓުން އެ މައްސަލަ ބޭރުކޮށްލި ކަމެވެ.

އެ މައްސަލަތަކަށް ބެލުމަށް ފަހު ވޯކިން ގްރޫޕުން ބުނެފައިވަނީ ދައުލަތުން ވަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު) އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ނާޒިމަށް ލިބިދޭ ހައްގުތަކެއް ނިގުޅައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް