ބަންގާޅު މީހަކު ތިން ދަރިން މަރާލުމުގެ ހުއްދައަށް ސަރުކާރުގައި އެދެފި

ބަންގްލަދޭޝްގެ ހުޅަނގުގެ ފަގީރު އަވަށެއްގައި ދިރިއުޅޭ މީހަކު އޭނާގެ ނުކުޅެދޭ ދެ ފިރިހެން ދަރިންނާއި ކާފަ ދަރިއަކު މަރާލުމުގެ ހުއްދައަށް އެ ގައުމުގެ ސަރުކާރުގައި އެދިއްޖެ އެވެ. އޭގެ ތެރެއިން ދެ ފިރިހެނ...

27 Jan 2017 | 02:41

ބަންގްލަދޭޝްގެ ހުޅަނގުގެ ފަގީރު އަވަށެއްގައި ދިރިއުޅޭ މީހަކު އޭނާގެ ނުކުޅެދޭ ދެ ފިރިހެން ދަރިންނާއި ކާފަ ދަރިއަކު މަރާލުމުގެ ހުއްދައަށް އެ ގައުމުގެ ސަރުކާރުގައި އެދިއްޖެ އެވެ.

އޭގެ ތެރެއިން ދެ ފިރިހެން ދަރިންގެ އުމުރަކީ 24 އަހަރާއި 13 އަހަރެވެ. ކާފަ ދަރިފުޅުގެ އުމުރަކީ އަށް އަހަރެވެ.

ތުފައްޒަލް ހުސައިން ނަމަކަށް ކިޔާ އެމީހާ އެ އަވަށުގެ ޑިސްޓްރިކްޓް އޮފީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ތިން ކުދިންނަށް ފަރުވާ ދިނުމަށް އޭނާ ވަރަށް ގިނަ މަސައްކަތްކޮށް، ހޭދަ ކޮށްފައިވާ ކަމަށެވެ. އެގޮތުން އިންޑިއާއި ބަންގްލަދޭޝްގެ ޑޮކްޓަރުންނަށް ދެއްކިއްޖެ ކަމަށާއި އިތުރަށް އެމީހުންނަށް ފަރުވާ ކުރަން ހަރަދު ކުރާނެ ފައިސާ ނެތް ކަމަށެވެ.

ތުފައްޒަލް ވަނީ ނުކުޅެދޭ ތިން ކުދިންނަށް ފަރުވާ ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އޭނާ ހިންގި ފިހާރަ ވިއްކާލާފައި އެވެ. އޭނާ މިހާރު ކުރާ މަސައްކަތަކީ މޭވާ ވިއްކުމެވެ.

އެމީހާ ބުނީ ދެން  އިތުރަށް ފަރުވާކޮށްދެވޭނެ ގޮތެއް ނެތި ގޮތް ހުސްވެފައިވާ ކަމަށެވެ. އަދި އެ ދެ ދަރިންނާއި ކާފަ ދަރިފުޅާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނީ ދެން ބަންގްލަދޭޝް ސަރުކާރުން ކަމަށެވެ. އަދި ބުނީ އެ ތިން ކުދިން މެރުމުގެ ހުއްދައަށް އެދުނީ ކުދިން ދެކެ ލޯބިނުވާތީ ނޫން ކަމަށެވެ.

އަހަރެންނަށް ފަރުވާކޮށްދެވެން އޮތް ހުރިހާ ގޮތަކަށް ކޮށްދެވިއްޖެ. މިހާރު މިހުރީ ގޮތް ހުސްވެފައި. ދެން ގޮތެއް ނިންމާނީ ސަރުކާރުން. އެއީ ބޭހެއް ދީގެން ތިން ކުދިން މަރާލުން، ނުވަތަ ސަރުކާރުގެ އެހީގައި އިތުރު ފަރުވާކޮށްދީ ބަލަހައްޓައިދިނުން،" ތުފައްޒަލް ބުނެފައިވެ އެވެ.

އޭނާ ބުނީ އެ ސިޓީ ޑިސްޓްރިކްޓް އޮފީހަށް ފޮނުވިކަން އެ ކުދިންނަށް އެނގޭނެ ކަމަށެވެ. އެ ސީޓީގައި ލިޔެފައިވާ އެއްޗެއްވެސް އެ ކުދިންނަށް ބުނެދިނީން ކަމަށާއި އެކަމަކު އެވާހަކަތައް ކުދިންގެ ހާލަތު ހުރިގޮތުން ސީރިއަސްކޮށް ނުނަގާ ކަމަށެވެ.

އެއްވެސް ކުއްޖަކަށް އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ އިރު ދައްކާ ވާހަކަ ނަގައި ނުގަނެވޭ ކަމަށެވެ. އެކަމަކު ކާފަ ދަރިފުޅު ފަހާނާއަށް އަމިއްލައަށް ދާ ކަމަށާއި އެކަމަކު މިހާރު އެވަރުވެސް ކުރަން އުނގަދޫވާން ފަށާފައިވާ ކަމަށެވެ.

ތުފައްޒަލްގެ ސިޓީ އާއި ގުޅިގެން ސަރުކާރުގެ އޮފިޝަލަކު ވަނީ އެ އާއިލާ އާއި  ބައްދަލުކޮށް އެ ކުދިންގެ ހާލު ބަލާފައި އެވެ. އެ އޮފިޝަލް މީޑިއާގައި ބުނެފައިވަނީ ތުފައްޒަލް އެދުނު ކަމުގައިވިޔަސް މަރާލުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ. އެހެންވެސް ސަރުކާރުން ބަލަމުންދަނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ކަމަށެވެ.

ބަންގްލަދޭޝަް އަކީ ސިއްހީ ފަރުވާ އެއްވެސް ވަރަކަށް ހިލޭ ފޯރުކޮށްދޭ ގައުމެއް ނޫނެވެ. އަދި މިގޮތަށް ހާލުގައި ޖެހޭ މީހުން ސަރުކާރުން ބަލަހައްޓާނެ ނިޒާމެއްވެސް ހަމަޖެހިފައި ނޯންނަކަމަށް ވެ އެވެ.

އެ ތިން ކުދިން ބެލި ޑޮޓަރަކު ބުނެފައިވަނީ އެމީހުންނަށް ޖެހިފައިވަނީ ފަރުވާއެއް ނެތް، ގޮތް ނޭނގޭ ބައްޔެއް ކަމަށެވެ. ބޭނުންވަނީ އެކުދިން ބެލުމުގައި އެހީތެރިކަމާއި މުޖުތަމައުގެ އަޅާލުމާއި އޯގާތެރިކަން ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބަންގްލަދޭޝްގައި ފަރުވާއެއް ނެތް، ގޮތް ނޭނގޭ ބަލިތައް ޖެހިފައިވާ ހަ ލައްކައަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އެއީ ހޮސްޕިޓަލްތަކަށް ގޮސް ފަރުވާ ހޯދާފައިވާ މީހުންގެ ރެކޯޑުތަކުން ދައްކާވަރު ކަމަށާއި ފަގީރު، ޑޮކްޓަރަށް ދެއްކޭނެ ފަދަ ނެތް ހިސާބުތަކުގެ މީހުން ހިމަނައިފި ނަމަ މި އަދަދު އިތުރުވާނެ ވަރު ނޭނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް