ލިސްޓިރިއޯސިސް ޖައްސާ ޖަރާސީމު 'ލިސްޓީރިއާ މޮނޯސައިޓޯޖެންސް' ކެލިފޯރނިޔާގެ ބިޑާޓް ބްރޯސް އޮފް ބޭކަރސްފީލްޑު ކުންފުނިން ސަޕްލައި ކުރާ 'ގްރެނީ ސްމިތް' އަދި 'ގެލާ' ބާވަތުގެ އާފަލުން ފެނުމާ ގުޅިގެން އެ ދެ ބާވަތު އާފަލާއި އަދި އެ ބާވަތުގެ އާފަލު ބޭނުންކޮށްގެއް ތައްޔާރުކޮށްފައިވާ ކެރަމަލް އާފަލާ މެދު ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ފުޑް އެލާޓެއް ނެރެފި އެވެ.
އެ އޮތޯރިޓީން ނެރުނު ފުޑް އެލާޓްގައި ބުނެފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއާއި ޔޫ.އެސް ސެންޓަރސް ފޮރ ޑީޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އަދި އެޤައުމުގެ ލޯކަލް އޮތޯރިޓީސް ތަކުންދަނީ ބަންދުކޮށްފައިވާ ހޯލް ކެރަމަލް އާފަލުން ލިސްޓީރިއޯސިސް ބަލިފެތުރުމާ ގުޅިގެން އެކަން ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުގައި މިބަލި ޖެހިފައިވާކަމަށް ފާހަގަވެފައިވަނީ ހެޕީ އެޕަލް(Lochirco Fruit & Produce, Inc. Washington)ކާރނިވަލް( California Snack Foods, of El Monte, California) އަދި މާރބްސް ކެންޑީޒް ބެރޭންޑު (Sugar Daddy LTD, St.Louis,Missouri) ގެ ކެރަމަލް އެޕަލް(އާފަލުގެ ބޭރުގައި ކެރަމަލް ނުވަތަ ހަކުރު ލައިގެން ތައްޔާރުކުރާ ބާވަތެއް) ބޭނުންކުރިމީހުންނަށް ކަމަށެވެ.
"މި ބާވަތްތަކުގެ ކެރަމަލް އެޕަލް އުފެއްދުމަށް ބޭނުންކޮށްފައިވަނީ ކެލިފޯރނިޔާގެ ބިޑާޓް ބްރޯސް އޮފް ބޭކަރސްފީލްޑު ކުންފުނިން ސަޕްލައި ކުރި 'ގްރެނީ ސްމިތް' އަދި 'ގެލާ' ބާވަތުގެ އާފަލު، މިކުންފުނީގެ އާފަލު ބަންދުކުރާ މަރުކަޒުން ނަގާފައިވާ ސާމްޕަލްތަކުން ލިސްޓިރިއޯސިސް ޖައްސާ ޖަރާސީމު 'ލިސްޓީރިއާ މޮނޯސައިޓޯޖެންސް' ފެނުމާ ގުޅިގެން އެފަރާތުންސަޕްލައިކުރާ މިދެވައްތަރުގެ އާފަލުތައްވަނީ އަނބުރާ މާރކެޓުންނަގަން ފަށާފަ" އެމްއެފްޑިއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިކުންފުނިން އާފަލު ސީދާ ސަޕްލައި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށެވެ. އަދި މިބާވަތުގެ އާފަލު ރާއްޖެއަށް އެތެރެކޮށްފައިވޭތޯ މި މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީއާއި ހެލްތް ޕްރޮޓޭކްޝަން އޭޖެންސީއިންމިހާތަނަށް ބެލިބެލުމުން އެފަދަ އުފެއްދުމެއް ރާއްޖެ އެތެރެވެފައި ނެތްކަމަށާއި ނަމަވެސް ރާއްޖެ އަކީ ތަފާތު ޤައުމުތަކުން އެކިއެކި ޤައުމުތަކުގެ އުފެއްދުން އެތެރެކުރާ ޤައުމަކަށްވެފައި، މިވައްތަރުގެ އާފަލު އެތެރެވެފައިނުވާކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ކުރަމުން އަންނަ ކަމަށެވެ.
އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖެއަށް އިމްޕޯރޓްކުރެވޭ މިބާވަތްތަކުގެ އާފަލަށް ވަކި ޚާއްސަ ސަމާލުކަމެއްދީގެން ބަލާ ފާސް ކުރެވެމުންދާނެ ކަމަށްވެސް އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް