ޓީ.ބީ ޖެހިފައިވާ މީހަކު ޓެކްސީ ކުރާކަމަށް ބުނެ، އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ބައެއް މީޑިއާ ތަކުން ރިޕޯރޓް ކުރަމުންދާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ފާހަގަކުރެވިފައިވާކަމަށާއި އެކަން ކުރަނީ ފުރިހަމަ މައުލޫމާތު ކަށަވަރު ކުރުމަކާ ނުލާ ކަމަށް އެ އޭޖެންސީން ބުނެފި އެވެ.
އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީ.ބީ ބައްޔަކީ ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހޭ ބައްޔެއް ކަމަށާއި އެކަކު ގައިން އަނެކަކު ގަޔަށް ޓީ.ބީ ފެތުރެނީ، ހަމައެކަނި ފުއްޕާމެޔަށް ޓީ.ބީ ޖެހިފައި ތިބޭ މީހުންގެ ތެރެއިން ކުޅުގައި ޓީ.ބީ ގެ ޖަރާސީމު ހުންނަ މީހުންގެ ފަރާތުން ކަމަށެވެ. މިފަދަމީހުންވެސް ޤަވާއިދުން ބޭސް ބޭނުންކުރަންފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ ކުޅުން ޖަރާސީމު އެއްކޮށް ނެތިގެންދިއުމާއެކު، އެމީހުންގެ ފަރާތުން ބަލި ފެތުރުން ހުއްޓޭ ކަމަށާއި އެހެންކަމުން ޓީ.ބީ ޖެހިފައިވާ ނުވަތަ ޓީ.ބީ ބޭސް ބޭނުންކުރާ ކޮންމެ މީހަކީ އެމީހެއްގެ ސަބަބުން މުޖުތަމައަށް ބަލިފެތުރުމުގެ ނުރައްކާ އޮތް މީހެއް ނޫން ކަމަށެވެ. އަދި 2014 ވަނަ އަހަރު ރާއްޖޭގައި 132 މީހުން އެކި ގުނަވަންތަކަށް ޖެހޭ ޓީ.ބީއަށް ޕޮސިޓިވް ވެފައި ވާއިރު،އޭގެ ތެރެއިން ފުއްޕާމޭގެ ޓީ.ބީ ހުރެ އަދި ކުޅުގައި ޖަރާސީމް ހުރި މީހުންގެ އަދަދަކީ 53 ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
"ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބަލަހައްޓަމުން ގެންދާ ނެޝަނަލް ޓި.ބީ ޕްރޮގްރާމްގެ ތެރެއިން، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ޓީ.ބީ އަށް ޝައްކު ކުރެވޭ ނުވަތަ އެބަލީގެ އަލާމާތްތައް ހުރި މީހަކު ހުރިނަމަ އެރަށެއްގެ ސިއްހީ ޚިދުމަތްދޭ މަރުކަޒު މެދުވެރިކޮށް ބައްޔަށް ޓެސްޓް ކުރެވެއެވެ. އަދި ޓެސްޓު ކުރުމަށްފަހު ޓީ.ބީ ބަލި ހުރިކަމަށް ނަތީޖާއިން ދައްކައިފިނަމަ، ސިއްހީ އެހީތެރިންގެ ސީދާ ބެލުމުގެ ދަށުންދެވޭ ޓީ.ބީ ބަލީގެ ފަރުވާ ގަވާއިދުން ހިލޭ ފޯރުކޮށްދެވެއެވެ. މިގޮތުން، ޓީ.ބީ ހުރިތޯ ބެލުމަށް ކުރެވޭ ޓެސްޓުން ކުޅުގައި ޖަރާސީމު ހުރި ބަލިމީހަކު ފެނިއްޖެ ނަމަ، އެމީހެއްގެ ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން ނުވަތަ އަދާކުރާ ވަޒީފާއެއްގެ ގޮތުން ނުވަތަ މިނޫންވެސް މިފަދަ އެހެން ކަމެއްގެ ސަބަބުން އޭނާގެ ފަރާތުން އެހެންމީހަކަށް މިބަލީގެ ޖަރާސީމު ފެތުރިދާނެކަމަށް ބެލެވޭ އެންމެން ނެޝަނަލް ޓީ.ބީ ޕްރޮގްރާމްގެ ދަށުން ބައްޔަށް ޓެސްޓް ކުރެވެއެވެ. މީގެ އިތުރުން ކުޅުގައި ޓީ.ބީގެ ޖަރާސީމު ހުރި މީހަކު އަދާކުރާ ވަޒީފާއެއްގެ ބާވަތުން ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ބާވަތުން އެހެން މީހުނަށް ބަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ވާނަމަ، މިފަދަ މީހުންގެކުޅުން ޖަރާސީމު ފެނުން ހުއްޓިއްޖެކަން ޓެސްޓުގެ ޒަރީއާއިން ކަށަވަރުކުރުމަށްފަހު މި އޭޖެންސީއިން ހުއްދަކުރެވެންދެން މިފަދަ މީހުން ވަޒީފާއަށް ނަވަތަ މަސައްކަތަށް ނުނިކުމެތިބެ ފަރުވާގެކަންތައް ކުރިއަށްގެންދިއުމުގެ އިންތިޒާމު ހަމަޖެއްސެއެވެ." އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނެޝަނަލް ޓީ.ބީ ޕްރޮގްރާމް ގެ މަޤްސަދަކީ ރާއްޖޭގައި ޓީ.ބީ ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމާއެކު ބަލި ޖެހޭ އެންމެންނަށް ފަރުވާގެ ކަންތައް ހަމަޖައްސައިދިނުން ކަމަށެވެ. އަދި، ގައިންގަޔަށް އަރާ ބަލިތަކުން އާއްމުން ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަބަދުވެސް އަޅަމުން ގެންދާނެކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް