ފެހުރިހި ސަލާމަތްކުރި ހަތަރު މީހުންގެ އަގުވަޒަންކޮށްފި

މ. މަޑުއްވަރި ކައިރީގައި އޮންނަ ކަނޑިންމަ ފިނޮޅު ތޮށިމަތީ 23 ޖެނުއަރީ 2015 ވީ ހުކުރު ދުވަހު ތާށިވެފައިވާ ފެހުރިހި (ވޭލްޝާކް)  ސަލާމަތްކޮށް ކަނޑަށް ދޫކޮށްލުމުގެ މަސައްކަތްކުރި 4 ފަރާތެއްގެ އަގު އެންވަޔ...

27 Jan 2015 | 08:21

މ. މަޑުއްވަރި ކައިރީގައި އޮންނަ ކަނޑިންމަ ފިނޮޅު ތޮށިމަތީ 23 ޖެނުއަރީ 2015 ވީ ހުކުރު ދުވަހު ތާށިވެފައިވާ ފެހުރިހި (ވޭލްޝާކް)  ސަލާމަތްކޮށް ކަނޑަށް ދޫކޮށްލުމުގެ މަސައްކަތްކުރި 4 ފަރާތެއްގެ އަގު އެންވަޔަރަންމަންޓް މިނިސްޓްރީން ވަޒަން ކޮށްފި އެވެ.

މިނިސްޓްރީން ބުނީ ތިމާވެށްޓަށާއި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކުރުމަށްޓަކައި ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ގުޅިގެން މިއަދު ރަސްމިއްޔާތު ބާއްވާފައިވާކަމަށާއި މި ރަސްމިއްޔާތުގައި އަގުވަޒަންކޮށް ލިޔުން ހަވާލުކުރެވިފައިވާ ފަރާތްތަކަކީ މަޑުއްވަރީ ހީނާމާގޭ އަބްދުއް ލަތީފު އަބްދުއްރަހްމާން އާއި ހަމަ އެރަށު ބިޖިލީގޭ މުހައްމަދު ޝައުކަތު އާއި ހަމަ އެރަށު ސީނިއާގޭ މުހައްމަދު ސިރާޖް ގެ އިތުރުން ދަފްތަރު ނަމްބަރު RS-0240   އަބްދުލް ޢަނީ މުހައްމަދު ކަމަށެވެ.

މި ލިޔުން ޙަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ތާރިޤް ވަނީ އާބާދީމަދުވެ އޭގެ ނަސްލު ނެތިހިގައިދާނެކަމުގެ ބިރުހީވެފައިވާ ދިރުންތައް ރައްކާތެރިކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް އާއްމު ފަރާތްތަކުން ކުރައްވަމުންގެންދާކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ދިރުންތަކަށާއި ތިމާވެއްޓަށް ގެއްލުން ދެމުންދާ މަދު ފަރާތްތަކެއްގެ ސަބަބުން ގިނަ ފަހަރަށް ތިމާވެށި ރައްކާތެރިކުރުމަށާއި ދިރުންތައް ރައްކާތެރިކުރުމަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވަމުން އަންނަކަން ވެސް މިނިސްޓަރ  ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ ފެހުރިހި، މަޑި އަދި މިޔަރުގެ ހުރިހާ ބާވަތްތަތަކީ ދިވެހިރާއްޖޭގައި ޤާނޫނީގޮތުން ހިމާޔަތްކުރެވިފައިވާ ދިރުންތައް ކަމަށާއި މިފަދަ ދިރުންތައް ހިމާޔަތްކުރެވިފައިވަނީ އެތަކެތީގެ އާބާދީ މަދުވެ އޭގެ ނަސްލު ނެތިގެން ހިނގައިދާނެކަމުގެ ބިރު ކުރިމަތިވެފައިވުމާ ގުޅިގެން އެތަކެއްޗަށް ޚާއްޞަ ރައްކާތެރިކަމެއް ދިނުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް