އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ނިންމުމަށް އޭޑީއެފްޑީއިން އިތުރު 40 މިލިޔަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން ދިވެހިރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ނިންމުމަށް އިތުރު 147 މިލިއަން އެމިރޭޓްސް ދިރުހަމުގެ (40 މިލިއަން އެމެރިކާ ޑޮލަރު) ލޯނެއް ދޭން ނިންމައިފ...

26 Dec 2024 | 16:47

އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން ދިވެހިރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ނިންމުމަށް އިތުރު 147 މިލިއަން އެމިރޭޓްސް ދިރުހަމުގެ (40 މިލިއަން އެމެރިކާ ޑޮލަރު) ލޯނެއް ދޭން ނިންމައިފިއެވެ.

މިއީ 2017 ވަނަ އަހަރު މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާތަކަށް ދީފައިވާ 183.5 މިލިއަން އެމިރޭޓްސް ދިރުހަމުގެ (50 މިލިއަން އެމެރިކާ ޑޮލަރު) ލޯނަށް  އިތުރުން ދީފައިވާ އަދަދެކެވެ.

ޑިސެމްބަރު 24، 2024 ވީ އަންގާރަ ދުވަހު އަބޫދާބީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި  ފައިނޭންސިންގ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް މޫސާ ޒަމީރާއި އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީއެވެ.

މި ފައިނޭންސިންގ އެއްބަސްވުމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ހުޅަނގު ފަރާތުގެ ފަސިންޖަރުން ބޭނުންކުރާ ޓާމިނަލް ތަރައްޤީކޮށް، 26 މަތިންދާބޯޓު ބޭއްވޭ ވަރަށް ބޮޑުކުރުމާއި، ބައިނަލްއަޤްވާމީ ފަސިންޖަރުންނަށް އައު އިމާރާތެއް އެޅުން ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ އަދި އޭޑީއެފްޑީން ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވަމުން، މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް ދެފަރާތުން ވެސް އެއްބާރުލުން ދެމުންދާކަމަށެވެ. "އޭޑީއެފްޑީގެ ފަންޑިންގއަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކާއި ޓެކްނޮލޮޖީ ހިމެނޭ އިންޓަރނޭޝަނަލް އެއަރޕޯޓެއް ޤާއިމުކުރުމަށް ވަރަށް މުހިންމު އެހީތެރިކަމެއް. މިއީ ދަތުރުފަތުރުގެ ދާއިރާގައި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، ދަތުރުކުރާ މީހުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމާއި، އަދި ޤައުމީ އިޤްތިޞާދުގެ މުހިންމު ތަނބެއް ކަމުގައިވާ ފަތުރުވެރިކަމުގެ އާމްދަނީ އިތުރުކުރުމަށް އަޅުގަނޑުމެންގެ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި ވަރަށް މުހިންމު މަރުޙަލާއެއް." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އައްސުވައިދީ ވިދާޅުވީ، އޭޑީއެފްޑީގެ ޕާޓްނަރ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ ގެނައުމުގައި ބޮޑެތި ބަދަލުތައް ގެނެސްދޭ އުމްރާނީ މަޝްރޫޢުތަކަށް ފައިސާ ހަމަޖެއްސުމުގައި އޭޑީއެފްޑީން މުޙިއްމު ދައުރެއް އަދާކުރެއެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީކޮށް ތަރައްޤީކުރުމަށް އޭޑީއެފްޑީން ދެވޭ އިތުރު އެހީތެރިކަމުން ދިވެހިރާއްޖޭގައި ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ޑިމާންޑަށް ފެތޭގޮތަށް ވެލާނާ އެރަޕޯޓްގެ ޚިދުމަތް ދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށްވެސް އައްސުވައިދީ ވިދާޅުވިއެވެ.

މުޙައްމަދު ސައިފް އައްސުވައިދީ އިތުރަށް ވިދާޅުވީ، އޭޑީއެފްޑީން ދިވެހި ސަރުކާރާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި ދިވެހި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އުފައްދައި، ދެމެހެއްޓެނިވި ތަރައްޤީ ގެނެސްދޭ މުހިންމު މަޝްރޫޢުތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށްވެސް އައްސުވައިދީ ވިދާޅުވިއެވެ.

އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓުން 1976 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ގިނަ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދީ ފައިނޭންސްކޮށްދީފައިވެއެވެ. މި މަޝްރޫޢުތަކުން ދަތުރުފަތުރާއި، ހަކަތައާއި، ފަތުރުވެރިކަމާއި، ބޯހިޔާވަހިކަމުގެ ފަދަ މުހިންމު ދާއިރާތައް ތަރައްޤީކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.

އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ) އަކީ އަބޫދާބީ ސަރުކާރުގެ މިލްކިއްޔާތުގައިވާ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު ޤައުމީ މުއައްސަސާއެކެވެ. 1971 ގައި އުފެދުނު މި މުއައްސަސާގެ މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކަށް ލުއި ލޯނު ދިނުމާއި، ދިގު މުއްދަތުގެ އިންވެސްޓްމަންޓްތައް ހިންގުމާއި، ކުރިއަރަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް