ވާހަކަ: ޑައިރީ – ފަހުބައި

ކުރީގެ އަދަދާއި ގުޅޭ.... "އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން...! އަހަރެންގެ މައިވަންތަ ކަމުގެ ބާރުގަ އަހަރެންގެ އެއްވެސް އިޚްތިޔާރަކާނުލާ ވީކަމެއް..! އެއްވެސް މަޔެއްގެ ލަގޮނޑިއަކަށް ކެތެއް ނުވާ...

26 Dec 2024 | 12:41

ކުރީގެ އަދަދާއި ގުޅޭ....

"އެއީ އަހަރެން ގަސްދުގައި ކުރި ކަމެއް ނޫން...! އަހަރެންގެ މައިވަންތަ ކަމުގެ ބާރުގަ އަހަރެންގެ އެއްވެސް އިޚްތިޔާރަކާނުލާ ވީކަމެއް..! އެއްވެސް މަޔެއްގެ ލަގޮނޑިއަކަށް ކެތެއް ނުވާނެ އެމީހަކު ބަނޑުއަޅާ ވިހޭ ދަރިޔަކު ބަނޑުހައިވެގެން ރޯ އިރު އެތަން ބަލަން ހުންނާކަށް...! ހީކޮށްލާ އަހަންނަށްވެސް ވީ އެހެންނޭ..!" ނާޒިމާއަށް އޭނާގެ މަންމަގެ ފަރާތުން ލިބުނު ހިތްވަރާއެކު ވާހަކަ ދެއްކިއެވެ.

"ނާޒިމާ ތިބުނީ ވަރަށް ރަނގަޅު ވާހަކައެއް..! ދަރިންދެކެ ލޯބިވާ މައިންނަށް ކަންތައްވާނެގޮތް ނާޒިމާ ތިބުނީ...! އެކަމަކު އަހަންނަކަށް ހިއެއްނުވެ މީހެއްގެ ދަރިއެއް ރޯ އަޑު އިވުނަކަސް ނާޒިމާއަކަށް އެވަރުވާނެއެކޭ..! ނާޒިމާއަކީ މާ މާތް މީހެއްނޫނޭ...! އެހެން ނޫންނަމަ އަމިއްލަ..!" އައިލީން ދައްކަމުންދިޔަ ވާހަކަ ހުއްޓުވާލީ ނާޒިމާގެ މަންމަ އެވެ.

"ޚަބަރުދާރު...! ނާޒިމާ މިގޭގައި ބަހައްޓައިގެން ކަލޭމެން މިހުރިހާ ދުވަހު އޭނަ ބެލިކަމުގައިވިޔަސް ކަލޭމެންނަށް ބޭނުންހާ އެއްޗެއް ނާޒިމާއަށް ކިޔުމުގެ ޙައްޤެއް ނޯންނާނެ...!" ނާޒިމާގެ މަންމަގެ ރުޅިވެރިކަން ކޮޅުން ކަލައިގެންގޮސް ވަރަށް ބާރަށް އައިލީން އާ މުޚާޠަބުކޮށް ބުންޏެވެ.

"ކަލޭ ތީކާކު މިތާނގަ ވާހަކަ ދައްކަން...! ނާޒިމާ ގޮވައިގެން ހަމަ މިހާރު މިގެއިން ނުކުމެގެންދޭ...! ނާޒިމާ އަކީ ކަލޭ ތިހީކުރާ ކަހަލަ މާ މާތް މީހެއް ނޫނޭ...! ކިތަންމެ ވަރަކަށް އަހަރެންގެ ދަރިފުޅު ރުޔަސް، އަދި އޭނަ އެއްޗެއް ނުކައި ނުބޮއި އޮތަސް ނާޒިމާ ނުޖެހޭނެ އެހެން ކަންތައް ކުރާކަށް...! މާ ދަރިން ދެކެ ލޯބިވާ މީހަކަށް ހެދިގެން ގަތްގަނޑު ދެކިބަލަ..! އަމިއްލަ ދަރި އެއްލާލާފައި މިތަނަށް އައިސް އެހެން މީހުންގެ ދަރިންދެކެ މާ ލޯބިވާ މީހަކަށް ހެދިގެން އެބައުޅެއެއްނު..!" އައިލީން ރުޅިއައިސްފައި ހަޅޭއްލަވައިގަތެވެ.

"އަހަރެން ނޫޅެން ނާޒިމާ މިތާކު ބަހައްޓާކަށް..! އަހަރެން މިއައީވެސް ނާޒިމާ ބަލާ..! އަހަރެން މިއަދު މިގެއިން ދާނީ ނާޒިމާ ގޮވައިގެން..! އެކަމަކު އަހަރެން ދިޔުމުގެ ކުރީން ކަލޭމެން ދެމަފިރިންނަށް އަހަރެން ބޭނުން ނާޒިމާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން...! އެއަށްފަހު އަހަރެން މިގެއިން ދާނީ...!" ނާޒިމާގެ މަންމަ އިންތަނުން ތެދުވެގެން ގޮސް ނާޒިމާގެ ގާތުގައި އިށީންނަމުން ބުންޏެވެ.

"ބަލަ، ނާޒިމާ ކުރިކަންތައްކުރީ އަހަރުމެންގެ ކުރިމަތީގައޭ..! ދެން ނާޒިމާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ކުރާނެ އިތުރު ކަމެއް ނޫނީ ދައްކާނެ އިތުރު ވާހަކައެއް އޮތް ކަމަކަށް އަހަރެން ނުދެކެން.." ނާޒިމާގެ މަންމަގެ އަޑާ އެއްވަރަށް އައިލީންގެ އަޑުވެސް ބާރުވެގެން ދިޔައެވެ.

"ނާޒިމާ ކުރި ކުށުގެ ވާހަކަ ކަލޭމެން ދައްކާއިރު އަހަރެން ބޭނުން ނާޒިމާކުރި ކުށަކީ ކޮބައިކަން ތި ދެމަފިރިންގެ ދުލުން އަޑުއަހާލަން..!" އައިލީން އާ ދިމާއަށް ބަލަންއިނދެ ނާޒިމާގެ މަންމަ ބުންޏެވެ.

"ނާޒިމާ ކުރި ކުށް އަޑުއަހާނެހާ ހިތްވަރު އެބަހުރިތަ...؟ އެ ހިތްވަރު ހުރިއްޔާ އަޑުއަހާ..! އޭނަ ކުރިކަމަކީ އަހަރުމެންގެ ދަރިފުޅަށް ގާތުން ދިނުން..! އެއީ..! އޭނަ ދަރިޔަކު ވިހާފަ އެއްލާލާފަ އައިސް އަހަރުމެންގެ ދަރިޔަކަށް ނުޖެހޭނެ ގާތުން ދޭކަށެއް...! މައިވަންތަކަމުގެ ލޯބި އުފެދުނީޔެކޭ ކިޔާފަ...! ދަރިން ދެކެ އެހާ ލޯބިވާ މީހެއްނަމަ އަމިއްލަ ބަނޑުން ވިހޭ ދަރިއަކަށް އެހެނެއް ނަހަދާނެ...! މިހާރު އެނގިއްޖެތަ އޭނަކުރި ކަންތައްތައް..؟" އަނެއްކާވެސް އައިލީން އަޑު ގަދަވަމުން ދިޔައެވެ.

"އެހެންތަ..؟ ކަލޭމެންގެ ދަރިއޭ..؟ ކަލޭމެން ކޮންތާކުން ހޯދި ދަރިއެއް...؟ ކާކު ވިހޭ ދަރިއެއްގެ ވާހަކަ ތިދައްކަނީ...! މިވާހަކަ އަޑުއަހާނެހާ ހިތްވަރު ކަލޭމެންގެ އެބަހުރިތަ...؟ ބަލަ އެއީ ނާޒިމާގެ ބަނޑުން ވިހޭ ދަރިއެއް...! އެއީ ނާޒިމާގެ ދަރިއެއް...! އެ ދަރިފުޅުގެ މަންމައަކީ ނާޒިމާއޭ...! ނާޒިމާ އެދަރިފުޅު އެއްލާލީކީ ނޫނޭ..!" ނާޒިމާގެ މަންމަގެ އަޑުވެސް ބާރުވިއެވެ.

"އޭނ..! ކާކު ގަބޫލު ކުރާނެ ވާހަކައެއް ތީ..! އަހަރުމެން ތިވާހަކައެއް ޤަބޫލެއް ނުކުރާނަން...! އެއީ އަހަރުމެންގެ ދަރިއެއް..!" މިފަހަރު ވާހަކަ ދެއްކީ ރާއިފު އެވެ.

ނާޒިމާގެ މަންމަގެ އެވާހަކަތަކަށް ދޭނެ ޖަވާބެއް އައިލީން އަކަށް ނޭނގުނެވެ. ޙައިރާންވެފައި އިނދެ އައިލީން ބަލާލީ ރާއިފުގެ މޫނަށެވެ.

"އާނ..! ނާޒިމާ ވިހޭމަ ދަރިފުޅު ގެންގޮސް ނާރސިން ހޯމަކަށްލީ އަހަރެން..! އަހަންނަށް އެނގޭ ކަލޭމެންކަން އެދަރިފުޅާ ޙަވާލުވީ..! ދަރިފުޅު އެތަނަށްލީފަހުން އަހަރެން އަބަދުވެސް އެދަރިފުޅު ދެލިކަން އެތަނަށް ދަން..! އެންމެ ފަހުން އެތަނަށް ދިޔަ ދުވަހު އަހަންނަށް އެނގުނީ ބަޔަކު އައިސް އެދަރިފުޅު އެތަނުން ގެންދިޔަކަން...! އެއީ ކޮންބައެއްކަން އަހަރެން އޮޅުންފިލުވީ ވަރަށް މަސައްކަތުން..! އެތަނުގައި އިސްކޮށް ހުންނަނީ އަހަރެންގެ ފިރިމީހާގެ ތިމާގެ މީހެއް..! އޭނައާ ވާހަކަ ދައްކައިގެން އަހަރެން އޮޅުންފިލުވި ގޮތުގައި އެދަރިފުޅު އެތަނުން ގެންދިޔައީ ދިވެއްސެއް..! އަހަރެން ހަމަ ވަގުތުން ނާޒިމާއަށް ފޯނުކުރުމަށްފަހު އެވާހަކަ ކިޔައިދިނިން...! އެކަމަކު އެ ދަރިފުޅު ގެންދިޔަ މީހެއްގެ ނަން އެމީހުން ކައިރީ އެހުމުންވެސް ސާފެއްނުވި..! އަހަންނަށް އެދަރިފުޅު ގެނައީ ތި ދެމަފިރިންކަން އެނގުނީ ނާޒިމާ ފަހުން ގުޅާފަ ބުނީމަ..!" ނާޒިމާގެ މަންމަ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އައިލީން އެވެ.

"ތިވާހަކަ އަހަރެން ޤަބޫލެއް ނުކުރާނަން..! ހުސް ދޮގު.. ތިއީ ހުސްދޮގު..! ކަލޭމެން ދޮގު ހަދައިގެން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ..! އަހަރެންގެ ދަރިއެއް ކިހިނެތް މި ގޮތްކުޑަ ނާޒިމާގެ ދަރިއަކަށްވާންވީ..؟" އައިލީން އަދިވެސް ހުރީ ރުޅިއައިސް ރަތްވެފައެވެ.

"އަހަންނަކީ ކިތަންމެ ގޮތްކުޑަ މީހަކަށްވިޔަސް ވަރިހަމަ..! އެންމެ ފުރަތަމަ އެއަރޕޯޓުން އެމަންޖެ އަހަންނަށް ފެނުމާއެކު އެއީ އަހަރެންގެ ދަރިފުޅުކަން އަހަންނަށް އެނގިއްޖެ..! މައިވަންތަކަމުގެ ލޯތްބަކީ އެހާ ބާރުގަދަ އެއްޗެއް..! އެވަގުތު އަހަރެން އެމަންޖެ އުރާލާ އަހަރެންގެ ގަޔާލާ ބޮނޑިކޮށްލި ވަގުތު މަންމަގެ ދެއަތުގެ ހިމާޔަތް ލިބުނުކަން އެމަންޖެއަށްވެސް އިޙްސާސްވިކަން އަހަންނަށް އެނގުނު..! އަހަރެންގެ ދަރިފުޅު ދެވަނަ ފަހަރަށް އަހަންނަށް ލިބުނުކަމުގެ އިޙްސާސް އަހަންނަށް ކުރެވިގެންދިޔަ...! އަހަރެންގެ ދަރިފުޅުގެ ގައިގައި ބީހިލުމުގެ ފުރުޞަތު ދެވަނަ ފަހަރަށް މާތް ﷲ މިންވަރު ކޮށްދެއްވި ކަމަށްޓަކައި އަހަރެން މާތް ﷲ އަށް ޝުކުރުވެރިވިން..." ނާޒިމާ ފެންކަޅިވެފައި އިނދެ ވާހަކަ ދައްކަން ފެށިއެވެ.

އައިލީން އެވަގުތު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އައިލީންގެ ލޮލުންވަނީ ކަރުނަ ފައިބަން ތައްޔާރު ވެފައެވެ. ބޮލަށް އެނބުރުން އަރަމުން ދިޔައެވެ. އަޑު އިވެމުން އެދާ ވާހަކަތަކަކީ ހަޤީޤަތެއް ކަމުގައި ޤަބޫލުކުރާކަށް އައިލީން ބޭނުމެއް ނޫނެވެ.

"އަހަރެން ތި ވާހަކައެއް ޤަބޫލެއް ނުކުރާނަން..! އަވަހަށް ކަލޭމެން މިތަނުން ނުކުމެގެންދޭ..!" ގާތުގައި އިން އައިލީންގެ އަތުގައި ހިފަހައްޓާލަމުން ރާއިފު ބުންޏެވެ.

"އަހަރުމެން މިގެއިން ހިނގައިދާނަން..! ޤަބޫލު ކުރިޔަސް ނުކުރިޔަސް މަންމަ ވާހަކަ އެދައްކަނީ ޙަޤީޤަތަށް..! ޒާރާ ނާރސިން ހޯދުމުން ކަލޭމެން ގެނައިއިރު ޒާރާގެ އުނަގަނޑުގައި ފަށްޓަރުބަޔެއް އަޅާފައި އޮންނާނެ..! އަދިވެސް ޒާރާގެ އުނަގަނޑުގައި އެއޮތީ އެ ފަށްޓަރުބައި..! އެއީ ޒާރާ މިދުނިޔެއަށް އުފަންވީ ދުވަހު އަހަރެން ޒާރާގެ އުނަގަނޑުގައި އެޅުވި ފަށްޓަރުބައެއް..! އެއީ އަހަރެންގެ އުނަގަނޑުގައި މިއޮތް ފަށްޓަރުބައިގެ ބައެއް..!" ނާޒިމާ އޭނާ ލައިގެންހުރި ފެހިކުލައިގެ ޓޮޕް ކިރިޔާ އުނަގަނޑު ފެންނަވަރަށް ހިއްލާލުމަށްފަހު އޭނާގެ އުނަގނަޑުގައި އަޅާފައިއޮތް ފަށްޓަރުބައި ދައްކާލަމުން ބުންޏެވެ.

އައިލީން އާއި ރާއިފުއަށް އެދިމާއަށް ބަލާލެވުނީ އެއްފަހަރާއެވެ. އާއެކެވެ. ނާރސިންގހޯމުން ޒާރާ ގެނައިއިރު ޒާރާގެ އުނަގަނޑުގައި އޮތީ ހަމަ އެވައްތަރުގެ ފަށްޓަރުބައެކެވެ. ކުއްލިއަކަށް އައިލީންގެ ލޮލުން ކަރުނަތަށް ފައިބަން ފެށިއެވެ.

"ކޮންމެ ގޮތެއްވިޔަސް ވަރިހަމަ..! ޒާރާ އަކީ އަހަރުމެންގެ ދަރިއެއް..! ޝަރުޢީ ގޮތުންވެސް ޒާރާއަކީ އަހަރުމެންގެ ދަރިއެއް..! އެކަން ލިޔުމުން އެއޮތީ ފެންނަން..! ޒާރާއަކީ ނާޒިމާގެ ދަރިއެއްގެކަން ސާބިތުކޮށްދޭނެ ހެއްކެއް ނިކަން ދައްކަބަލަ..!" ރާއިފު،  ނާޒިމާއާ ދިމާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

"އަހަންނަށް އެނގޭ ޝަރުޢީ ގޮތުން ޒާރާ އަކީ މިހާރު ތި ދެމަފިރިންގެ ދަރިއެއްކަން...! އެކަމަކާ އަހަރުމެން ދެކޮޅެއް ނުހަދަން..! އަދި ދެކޮޅުހެދިޔަސް އެނޫން އެހެން ގޮތަކަށް އެކަން ބަދަލެއް ނުވާނެކަންވެސް އެނގޭ..! އަހަރެން މިވާހަކަ މި ބުނީ އެކަން އެއްގޮތަކަށްވެސް ބަދަލު ކުރުމުގެ ބޭނުމަކު ނޫން...! ނާޒިމާ އެކަން އެގޮތަށް ކުރީ ކިއްވެކަން ހާމަކޮށްދިނުމުގެ ބޭނުމުގައި..! ނާޒިމާގެ ކުށެއް ނެތްކަން ހާމަކޮށްދިނުމުގެ މަޤްޞަދުގައި...!" އައިލީން އާ ދިމާއަށް ބަލަހައްޓައިގެން އިނދެ ނާޒިމާގެ މަންމަ ވާހަކަ ދައްކަމުން ގެންދިޔައެވެ.

އައިލީން އިނީ ބުނާއެއްޗެއް ނޭނގިފައެވެ. ނާޒިމާގެ މަންމަގެ ވާހަކަތައް އަޑު އެހުމަށްފަހު އައިލީން މަޑުމަޑުން ރާއިފުގެ ކޮނޑުގައި ބޯއަޅައިލިއެވެ. އޭރުގެ އައިލީން ލޮލުން ކަރުނަތައް އޮހެމުންދިޔައެވެ.

"ފޮށި ހިފައިގެން އާދޭ..! ހިނގާ މަންމައާއެކު ދާން..!" ނާޒިމާއާ ދިމާއަށް ބަލާލުމަށްފަހު ނާޒިމާގެ މަންމަ ބުންޏެވެ.

"މަންމާ..! އެކަމަކު އަހަރެންގެ ދަރިފުޅު..! އަހަރެން ބޭނުން އަހަރެންގެ ދަރިފުޅު...!" ނާޒިމާގެ ވާހަކަ މެދުކަނޑާލީ ރާއިފު އެވެ.

"އަހަރެންގެ ދަރިފުޅޭ...! މިގެޔަކު ނެތް ނާޒިމާގެ ދަރިއެއް..! އަވަހަށް މިގެއިން ނުކުމޭ..!" ރާއިފު ރުޅިވެރިކަމާއެކު ބުންޏެވެ.

"ހެޔޮނުވާނެ..! އަހަރެން މިގެއިން ދިޔުމުގެ ކުރިން އަހަރެންގެ ދަރިފުޅު އެއްފަހަރު ނަމަވެސް ދެކިލުމުގެ ފުރުޞަތު އަހަންނަށްދީ..! އުރާލުމުގެ ފުރުޞަތުދީ..! އާދޭސްކުރަން..!" ނާޒިމާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"ހިނގާދާން..! މިގެޔަކު ނާޒިމާގެ ދަރިޔަކު ނުހުންނާނެ..! ޒާރާއަކީ މިހާރު ޝަރުޢީ ގޮތުން އެމީހުންގެ ދަރިއެއް.. ގޮސް ފޮއްޓަށް އެއްޗިހި އަޅައިގެން އާދޭ އަވަހަށް..! މިތަނުގައި އެންމެ އިރުކޮޅަކުވެސް މަޑުކުރާނެ ކަމެއްނެތް...!" ނާޒިމާގެ މަންމަ ނާޒިމާގެ އަތުގައި ހިފާލުމަށްފަހު ބުންޏެވެ.

މަންމަގެ ބަސް ގަބޫލުކޮށްގެން ނާޒިމާ މަޑުމަޑުން ހިނގާފައި ކޮޓަރިއަށްގޮސް ވަރަށް އަވަހަށް ފޮއްޓަށް އެއްޗިހި އަޅައިގެން ކޮޓަރިން ނުކުތެވެ.

"އަހަރެން މިދަނީ އަހަރެންގެ ދަރިފުޅު ގޮވައިގެން..! އަހަރެންގެ ދަރިފުޅުގެ ފަރާތުން ކުރެވިފައިވާ ހުރިހާ ކުށަކަށް އަހަރެން ތި ދެމަފިރިންގެ ފަރާތުން މާފަށް އެދެން..! ތި ދެމަފިރިންނަށް އުދަނގޫ ކުރާކަށް ނާޒިމާ ދެން މިގެއަކަށް ނާންނާނެ..!" ނާޒިމާގެ އަތުގައި ހިފައިގެން އެގެއިން ނުކުންނަށް ހިނގައިގަންނަމުން ނާޒިމާގެ މަންމަ ބުންޏެވެ.

އެވަގުތު ކޮޓަރި ތެރެއިން ޒާރާ ރޮއިގަތްއަޑު އިވުނެވެ. އައިލީން ދުވެފައި ކޮޓަރިއަށް ގޮސް ޒާރާ ނަގައި ގަޔާލާ ބޮނޑިކޮށްލިއެވެ. އޭރުވެސް އައިލީން ރޮމުން ގެންދިޔައެވެ.

"އަހަރެންގެ ދަރިފުޅު އެމީހުންނަކަށް ނުދޭނަން...! ނުދޭނަން..!" ގިސްލަގިސްލާފައި ރޮމުން ރޮމުން ޒާރާގެ ނިތްކުރީގައި ބޮސްދެމުން އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ތި ދަރިފުޅު އެމީހުންނަކަށް ދޭކަށް ނުޖެހޭނެއޭ..! ތިއީ އަހަރުމެންގެ ދަރިއެކޭ..! އެމީހުންނަށް ތި ދަރިފުޅު ގެންދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ..! އެމީހުން އެދިޔައީ އޭ...!" ރާއިފު ފަހަތުން އައިސް އައިލީންގެ ގައިގައި ހިފަހައްޓާލަމުން ބުންޏެވެ.

އޭގެ އެއްދުވަސް ފަހެވެ. އައިލީން ހެނދުނު ހޭލައިގެން ފާހާނާއަށް ވަނުމަށްފަހު ނިކުމެ ފޯނު ބަލާލިއިރު ތިން މިސްކޯލް އޮތެވެ. އައިލީން އަވަސްއަވަހަށް ބަލާލިއިރު ފޯނުކޮށްފައިވަނީ މިފްޒާލް އެވެ. ފޯނު ބަލާލުމާއެކު އައިލީންއަށް ދެންފެނުނީ ކޮށްފައިވާ މެސެޖެކެވެ. އެއީ މިފްޒާލްގެ މެސެޖެކެވެ. އައިލީން އަވަސް އަވަހަށް މެސެޖް ކިޔާލިއެވެ. މެސެޖުގައިވަނީ މިފްޒާލްގެ އަންހެނުން ބަލިވެއިންކަމަށާއި، މިފްޒާލް މިހާރު ބޭނުންވަނީ އަނބިމީހާ އާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށް ކަމަށާއި، އައިލީން ބޭނުންވާ ގޮތަށް އައިލީންވެސް ފިރިމީހާއާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށެވެ. އަދި މެސެޖު ލިބޭއިރު މިފްޒާލް އަންހެނުންނާއެކު ދިރިއުޅުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރާފައިވާނެ ކަމަށެވެ. އައިލީން ޔަޤީން ކޮށްލުމުގެ ގޮތުން އެ މެސެޖް ދެފަހަރު ކިޔާލިއެވެ. އަދި މިފްޒާލްގެ އުދަނގުލުން ސަލާމަތްވި ކަމަށްޓަކައި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވިއެވެ.

އައިލީން ގޮސް ނިދާފައިއޮތް ޒާރާ ބޭބީގެ ކޮލުގައި ބޮސްދިނުމަށްޓަކައި ރާއިފުއާ ދިމާއަށް ބަލާލިއެވެ. އޭރު ރާއިފު އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. އައިލީން އަލަމާރި ހުޅުވާލުމަށްފަހު އޭނަގެ ޑައިރީ ނަގައިގެން ގޮސް މޭޒު ދޮށުގައި އިށީނުމަށްފަހު ޑައިރީގެ އެންމެ ފަހު ގަނޑުގައި ލިޔެލިއެވެ. "މިއަދަކީ އަހަރެން ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަހެވެ. އަހަރެންގެ ޒާރާ އަހަންނަށް ލިބިއްޖެއެވެ. އަހަރެން މިފްޒާލްގެ ކިބައިން ސަލާމަތް ވެއްޖެއެވެ. އަހަރެންގެ ލޯބިވާ ފިރިމީހާ ހުރީ އަބަދުގެ އަބަދަށް އަހަރެން ގާތުގައެވެ." ދުވަހުގެ ތާރީޚު ޖަހާލުމަށްފަހު އައިލީން ޑައިރީ ލައްޕާލީ އުފާވެރި ހިނިތުންވުމަކާއެކުގައެވެ.


-ނިމުނީ-


އެޑިޓަރުގެ ނޯޓު:

05 މެއި 2024 ވަނަ ދުވަހު މި ނޫހުން ގެނެސްދޭން ފެށި "ޑައިރީ" އިން މިއަދު މި ގެނެސްދެވުނީ ފަހު ސަފުހާއެވެ. ބައެއް އެޕިސޯޑުތައް ތާވަލާ އެއްގޮތަށް ގެނެސްނުދެވުނު ނަމަވެސް 77 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ވާހަކަ ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ މި ނޫހުން އުފަލާއެކު ފާހަގަކުރާ ކަމެކެވެ. ވާހަކައަށް ލިބެމުންދިޔަ އަދި ލިބިފައިވާ ތަރުހީބަށް ލިޔުންތެރިޔާ އަދި މި ނޫހުގެ ނަމުގައި ޝުކުރު އަދާކުރަމެވެ. އުންމީދަކީ އައްބިގެ އާ ވާހަކައެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް