ކުރީގެ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވާތީ މުއާޒް އެކަމަށް ރައްދު ދެއްވައިފިއެވެ.
ބައެއް ފަރާތްތަކުން ކުރާ ތުހުމަތާއި ގުޅިގެން މުއާޒް ވިދާޅުވީ، އިންޑިއާއަށް ދިޔައީ ފިލަން ނޫން ކަމަށާއި ފިލަން ޖެހޭ ވަރުގެ ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ. އަދި އިންޑިއާއަށް އައީ ބޭސްފަރުވާ އަށް ކަން ކަމަށް ވެސް އޭނާ ފާހަގަކޮށްފައިވެއެވެ. އަދި ވަރަށް އަވަހަށް ރާއްޖެ އެނބުރި ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ވެސް މުއާޒް އާއި ގުޅިގެން ދެކެވޭ ބައެއް ވާހަކަތަކަށް ރައްދު ދެއްވަމުން މުއާޒް ވިދާޅުވީ، ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތު އޭނާއަށް ނުކުރައްވާކަމަށެވެ.
މުއާޒް މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. އިސްތިއުފާ ދެއްވުމަށް ފޮނުވި ސިޓީގައި ވަނީ އިސްތިއުފާ ދޭން ޖެހުނީ ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް ކަމާބެހޭ އިދާރާތަކުން އެއްބާރުލުން ނުލިބޭތީ ކަމަށެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިހާރު ހުންނެވީ މުހައްމަދު ނަޖާހެވެ. ނަޖާހު އެ މަގާމަށް އައްޔަންކޮށްފައިވަނީ މުއާޒް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް