މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރާއި ރައީސުލްޖުމްހުރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ. މި ބައްދ...

26 Dec 2023 | 08:26

މޮންޓަނޭގްރޯގެ ފަރސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯއަށް ވަޑައިގެންނެވުމަށް ދެއްވި ދަޢުވަތަށާއި އެމަނިކުފާނަށް ކިޔުއްވި ހޫނު މަރުޙަބާއަށް މިސްޓަރ އެލެކްސާ ބެޗިޗްއަށް ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއާއި މޮންޓަނޭގްރޯއާ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވެސް، ކުދި ޤައުމުތަކުން، މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެއްބާރުލުން ދިނުމަކީ ދެފަރާތަށް ލިބޭނެ ވަރަށް ބޮޑު ފައިދާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒަށް ލިބުނު އިންތިޚާބީ ކާމިޔާބީއަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފަށް މޮންޓަނޭގްރޯގެ ފަރސްޓް ޕްރައިމް މިނިސްޓަރ މަރުޙަބާ ވިދާޅުވިއެވެ. އަދި، ދެޤައުމުގެ ގުޅުން ބަދަހި ކުރުމަށް ބޭނުންވާކަން ހާމަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މޮންޓަނޭގްރޯގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ޔޫރަޕިއަން ޔޫނިއަންގެ މެންބަރަކަށް ވުން އަވަސް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިސްޓަރ ބެޗިޗްއާ ހިއްސާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯ ގެ މަޖިލިސްކުރާގެއަށް ވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި، އެ ޤައުމުގެ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލަކުރެއްވުމުގައި މަޖިލިސް ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ދަހަރު ވަންދެން ރާއްޖޭގެ މަޖިލީހުގައި މަސައްކަތްކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގަތުމުން މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މޮންޓަނޭގްރޯގެ ސަރުކާރުގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮންޓަނޭގްރޯގެ ސަރުކާރުގެ ބައެއް އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް