ސުނާމީއަށް 18 އަހަރު - އަދިވެސް ކަނދޮޅުދޫ ރައްޔިތުންގެ ހިތުގައި އެ ހަނދާންތައް ފަނޑުވުމެއް ނެތް!

ރ. ދުވާފަރުން، މަރިޔަމް މާއިސާ އިބްރާހިމް، ދުވަސް ރ. އަތޮޅު ކަނދޮޅުދޫއަކީ 2004 ވަނަ އަހަރުގެ ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއްރަށެވެ. އެރަށުގެ އެންމެހާ ރައްޔިތުންނައް އުފަން ރަށް ދޫކޮށް އ...

26 Dec 2022 | 18:27

ރ. ދުވާފަރުން، މަރިޔަމް މާއިސާ އިބްރާހިމް، ދުވަސް


ރ. އަތޮޅު ކަނދޮޅުދޫއަކީ 2004 ވަނަ އަހަރުގެ ސުނާމީގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއްރަށެވެ. އެރަށުގެ އެންމެހާ ރައްޔިތުންނައް އުފަން ރަށް ދޫކޮށް އަތޮޅުގެ އެހެން ރަށްރަށަށްދިރިއުޅުން އަލުން ފެށުމަށްޓަކައި ބިރުވެރި ހިތްދަތި ބަޔާންކުރަން ނޭނގޭ ފަދަ ހަނދާންތަކާއެކު ދާންޖެހުނު ދުވަހެވެ. މިއަދުވެސް ކަނދޮޅުދޫގެ ރަށްވެހިން މިހާރު ދުވާފަރުގެރައްޔިތުންގެ ހިތްތަކުގައި އެ ހަނދާންތައް އިއްޔެ ހިނގި ކަމެއްހެން ހަނދާނުގައި ހުރެއެވެ. ކޮންމެ ހިނދެއްގަ ހިނގި ހުރިހާ ކަމެއްގެ ތަފްސީލެވެ. ރަށު މީހުންގެއެއްބައިވަންތަކަމާއި ދެއްކި އޮގާތެރިކަމެވެ. އެ ވާހަކަ ތަކުގެ ވާހަކަ ކިޔާދޭ ކޮންމެ ފަހަރަކު ފެނިގެންދަނީ ފެންކަޅިވެފައިވާ ލޯތަކެކެވެ.

އެދުވަހުގެ ވާހަކަ ހަސިއްތަގެ ދުލުން

ދުވަހަކީ އާދައިގެ މަތިންވެސް ގޭގެ މަސައްކަތުގައި ޝާމިލުވެ އުޅުނު ދުވަހެއް ކަމުގައި ހަސިއްތަ ކިޔާދިނެވެ. ޟުހާ ނަމާދު ނުކޮށް ހުރުމުގެ ސަބަބުން ނަމާދު ކޮށްލަން ދާންއުޅެނިކޮށް ރާޅެއް އައިކަމުގައި ހަސިއްތަ ކިޔައިދިނެވެ. އެހެންނަމަވެސް އެގެޔަކީ ވާޓަރާއި ކައިރީގައި ހުންނަ ގެއަކަށްވުމާއި ކަނދޮޅުދޫއަކީ އުދަ އަރާ ރަށެއްކަމުން ފުރަތަމަ ރާޅުންއާދަޔާ ޙިލާފު ގޮތެއް ފާހަގަ ނުކުރެވޭ ކަމުގައިވެސް ބުންޏެވެ. އެހެންނަމަވެސް ރާޅުގެ ވާހަކަ އޮފީހަށް ދެންނެވުމަށް ހަސިއްތަގެ ފިރިކަލުން ދިޔަ ވަގުތު ރަށު މެދުގައި ހުރި އާއިލާގެގެއަކަށްވެސް ރާޅު ވަދެ އެންމެން އެއްވެފައި ތިބި މަންޒަރު ފެނުމުން އަޖައިބު ވި ކަމުގައި ބުނެ ދުވަހުގެ ހެނދުނު ފެށުނު ގޮތް ހަސިއްތަ ކިޔައިދިނެވެ.

މޯރނިންގ ވިލާ ހަސީބަތު އަލީ (ހަސިއްތަ) އަކީ އޭރު ކަނދޮޅުދޫގެ ވިޔަފާރިވެރިއެކެވެ. އަދި ރައްޔިތުން ދެކެ ލޯބިވާ ކަނދޮޅުދޫގެ ކުދި ބޮޑު އެންމެންގެ އިހްތިރާމް ލިބިގެންވާ ކަނބަލެކެވެ.

ދެވަނަ ބިޔަ ރާޅާއެކު ހާލަތު އޮތް ގޮތުން ވަނީ ކީއްކަމުގެ ހޭލުންތެރި ކަމެއް އޭރު ނޭނގުނު ކަމުގައިވިޔަސް އެންމެ މޮޅު ގޮތެއް ކަމުގައި ހަސިއްތައަށް ވިސްނުނީ މިސްކިތަށްދިއުން ކަމުގައާއި މިސްކިތައް ގޮސް ވެސް މީހެއްގެ ހަތް މަހުގެ ދަރިއަކާ ހަވާލުވެ ފެން ނުފޯރާ މަތީތަނެއްގައި އިންކަމުގެ ވާހަކައާއި އެދުވަހު ކަންތައްތައް ހިނގާ ދިޔަގޮތް ފެންކަޅިވެފައިކިޔައިދިނެވެ.

“މިއަދު މިފިހާރައިގެ އެއްވެސް އެއްޗަކީ ހަސިއްތަމެންގެ އެއްޗެއްނޫން ރައްޔިތުންގެ އެއްޗެއް” ހަލާކުނުވެ ހުރި މުދާތަކުން ރަށު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދި ހަސިއްތަ އެދުވަހު ބުނި ގޮތް މިއަދުގެ އިންޓަވިއުގައި އަޅުގަނޑު ގާތުވެސް ބުނެދިނެވެ. އެގޮތުން ރާޅާއެކު ބޮޑެތި ހަންތަކާއެކު ގެތަކުގައި ހިފާ ގެންގުޅޭ ހުރިހާ ތަކެއްޗެއްހެން މަގުތަކުންއޮޔާއެކު ދިޔަ މަންޒަރާއި ސަލާމަތަށްޓަކައި މީހުން އުޅުނު ގޮތުގެ ވާހަކައިގެ އިތުރުން ރަށުގެ ރައްޔިތުންނަށް ލޮނާއި ތަޣައްޔަރުވުމާއި ގެތަކަށް ވަދެވެން ނެތުމުންބޭނުންނުކުރެވޭ  ނިކަމެތި ހާލަތަށް އެ ހެނދުނު ހިދުކޮޅެއްގެ ތެރޭ ބަދަލު ވެގެން ދިޔަ ގޮތްވެސް ކިޔައިދިނެވެ.

ރަށުގެ ރައްޔިތުން ސުނާމީ އެރި ދުވަހުގެ އިރު އޮއްސި އަނދިރި ވުމުގެ ކުރިން އެކި ރަށްރަށަށް ދަތުރު ފެށި ކަމުގައިވިޔަސް ކަނދޮޅުދޫގައި ހަތަރު ދުވަސްވަނދެން ހަސިއްތަމެން މަޑުކުރިކަމަށް ބުންޏެވެ. އެގޮތުން ރޭގަނޑުގެ ވަގުތު ކަރަންޓެއް ނެތި ރަށު މިސްކިތުގައި ހޭދަ ކުރި ކަމާއި އެއްދުވަހު މިސްކިތުގައި ހުއްޓައި ހާލު ދެރަވިކަމުގެ ހިތްދަތިހަދާންތައް ކިޔައިދިނެވެ.

ކަނދޮޅުދޫއަކީ އޭރުވެސް ކުޑަ ރަށެކެވެ. އެހެންނަމަވެސް އެ ރަށު ރައްޔިތުންނަކީ ފުދުންތެރިކަމާއެކު އުފަލުގައި އުޅުނު ބައެއްކަން ހަސިއްތަގެ ފަށުވި ބަސްތަކުންހާމަވެގެންދިޔައެވެ. ރަށުގެ ރައްޔިތުން އެދުވަހާއި ސުނާމީގެ ވަގުތީ ހިޔާތަކުގައި  ހޭދަ ކުރި ކޮންމެ ހިނދެއްގައިވެސް ދެއްކި އެއްބައިވަންތަކަމުގެ ރިވެތި ގޮތްތަކުގެ ވާހަކަވެސްފާހަގަ ކުރަމުންނެވެ. މިއަދު ދުވާފަރުގައިވެސް ހަސިއްތަގެ ގެ ހަދާފައި ހުރި ގޮތަކީ ކޮންމެ ބަޔަކަށްވެސް ދަމުން އަނގައިން ބުނެލާ ދުރުން ގޮވާލާ ހާލު ބަލާލެވޭގޮތަށް ހުރުމަކީ ކަނދޮޅުދޫގައި ދެއްކި އެއްބައިވަންތަކަން އަދިވެސް މީހުންނަށް ހަސިއްތަގެ ފަރާތުން ފޯރުކޮށްދިނުމުގެ ބޭނުމުގައި ނިންމި ގޮތެއް ކަމުގައި ހަސިއްތަ ކިޔައިދިނެވެ.

އެދުވަހު ސުނާމީގައި ކަނދޮޅުދޫ އެކީ ދޮވެލިއިރު އަތޮޅުވެރިޔާއާއި އަތޮޅުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ފޯރުކޮށްދިން އެހީތެރިކަމުގެ ވާހަކަ ހަސިއްތަ ފާހަގަ ކުރެއްވިއެވެ. އަދި ކަނދޮޅުދޫގައި އުޅުނު އުފާވެރި ދުވަސްތަކުގެ ވާހަކަތައްވެސް ހިއްސާކުރިއެވެ. އެކުވެރިކަމާއި އެކަތި ގަނޑެއްގެ ގޮތުގައި ސުނާމީގެ ކުރިން އެންމެން އުޅުނުގޮތުގެ ވާހަކަތަކެވެ. ވަގުތީ ހިޔާތަކަށް ދިއުމަށްފަހުވެސް ދެއްކި އެއްބައިވަންތަކަމެވެ.

ފާތިމަތު އިބްރާހިމްގެ ދުލުން ޑިސެމްބަރު 26

ފާތިމަތު އިބްރާހިމް (ފާތްތަ) އަކީވެސް އެދުވަހުގެ ހާދިސާތަކުގެ ވާހަކަ އަސަރާއި އެކު ހިއްސާކުރި މަސްވެރި ތިޔާގި އާއިލާއަކަށް ނިސްބަތްވާ ފަސް ދަރިންގެ މަންމައެކެވެ. އަދި ކަނދޮޅުދޫއިން ސުނާމީގައި ދުނިޔެ ދޫކުރި ތިން ފުރާނައިގެ ތެރެއިން އެންމެ އަނިޔާވެރި ގޮތަކަށް ދުނިޔެ ދޫކުރި ކަނދޮޅުދޫ ރަންތަރި ހަސަން އާދަމް އަކީ ފާތްތަގެ ފިރިކަލުންގެ ބައްޕައެވެ.

ކަނދޮޅުދޫ ރައްޔިތުންގެ ވާހަކަތަކުން ރަށަށް ދެ ރާޅު އެރިކަން ފާހަގަވެއެވެ. އެގޮތުން ފުރަތަމަ ރާޅަށްފަހު ފާތްތަގެ އާއިލާ ހުރިހާ ފަރާތްތަކުން ކަނދަޅުދޫގެ ހިއްކި ސަރަހައްދުގައިޖޯލިތަކެއްގައި ތިބި ވާހަކަ ފާތްތަގެ ހަނދާނުގައި ހަރުލާފައި އަދިވެސްވެއެވެ. އެއަށްފަހު ދެވަނަ ރާޅާއި އެކު އެންމެން ދިޔަ ތަނެއް އެކަކަށްވެސް ބުނެދޭން ނޭނގޭ ކަމުގައިބުންޏެވެ. 10 ފޫޓަށް ވުރެ އުސް ސުނާމީގެ ރާޅުގެ ތެރޭ ރަށުން ބޭރަށްވީ ފަރާތަށް ހިފެހެއްޓުމެއްނެތި އޮޔާ ދަނިކޮށް އަތުގައި ހިފާ ދަމަމުން ދިއްގާ ގަހެއްގައި ދެއަތް ބައްދާލަދިނުމަށްފަހު ފާތްތަގެ ފިރިހެން ދަރިއަކު އެހެން މީހުން ހޯދުމަށް ދިޔަ ހަނދާނުގެ ވާހަކަވެސްމެއެވެ.

ދެވަނަ ރާޅު އޮބުމަށްފަހު ރަށުގެ އެކި ތަންތަނުން މީހުން ހޯދަމުންދަމުން ބައްޕަ ކޮބައިތޯ އުޅުނުއިރު ފެނުނީ ލަކުނޑިއާއި ބޮތްންބާއި ޓިނު ތަކެއްގެ ދަށުވެފައި އޮއްވާ ކަމަށް ފާތްތަ އަސަރާއެކު އެކު ކިޔައިދިނެވެ. އޭރު ބޭސް ފަރުވާއެއްވެސް ދެވެން ނެތް ހާލު މުސްކުޅި ބައްޕަ އެތަނުން ނަގައިދިނުމަށް އެދެމުން ދިޔަ ވާހަކަ ފެންކަޅިވެފައި ކިޔައިދިނެވެ. އަދި ނެގިއިރު ކުޑަކޮށް ނޭވާ ލިހެން ނަމަވެސް ފުރާނަ ސަލާމަތް ނުވި ކަމުގައާއި އަދި ހަސަން އާދަމް ކަރުގެ މައިނާރާ ހަމައަށް ޓިނުތަކުން ބުރިވެފައި އޮތްކަމުގައިވެސް ފާތްތަ ސިފަކޮށްދިނެވެ.

ކަނދޮޅުދޫގެ ބޮޑު މިސްކިތާއި ހިނަވާގެ އަދި ގަބުރުސްތާނަށް ފެންވަދެފައި ނުވާތީ ކަށިކަމާއި ހިނެވުމުގެ ކަންކަން އެދުވަހުވެސް ރަށުގެ ރައްޔިތުންނާ އެކު ފުރިހަމަ ކޮށްދިންކަމުގައި ބުންޏެވެ. އެހެންނަމަވެސް ވަޅުލާނެ ފޮއްޓެއް ޖެހޭނެ ހާލަތެއް ނޫންކަމުގައި ވުމުން ދަށުގައި ކަރުދާސް ފޮއްޓެއް އަޅައިގެންނަމަވެސް ވަޅުލުމަށް އެއްބަސްވި ކަމަށްކ ިޔައިދިނުމަށްފަހު އެދުވަހު ނިޔާވި ތިންމީހުން ވަޅުލެވުނީ އެއްވަޅެއްގައި ކަމަށް ހަނދާންވާ ކަމުގައި ފާތްތަ ބުނެދިނެވެ.

އެއްވެސް އިންސާނަކަށް އެފަދަ ދުވަހެއް ނުދައްކަވާތޯ މިހާރުވެސް ދުޢާ ދަންނަވާ ކަމުގައި ފާތްތަ އަޅުގަނޑު ގާތު ކިޔައިދިނެވެ. އަދި އެއީ ހަޔާތުގައިވެސް ފެށުނީއްސުރެ ނުފެންނަފަދަ އެންމެ ބިރުވެރި ހަދާނުން ފިލައިގެންނުދާނެ ހިތާމަވެރި ދުވަސްގެ ގޮތުގައި ފާތްތަ ސިފަކުރެއްވިއެވެ. އެންމެ ދެރަވީ ކުޑަ ކުޑަ ދަރިން ކާނެ އެއްޗެއް ނެތި އުޅުނު ހާލުފެނިފައިކަމަށާއި ދަރިންގެ ހަށިގަނޑަށް އެދުވަހު ލިބިފަހުރި ޒަހަމްތައް ސިފަ ވުމުންވެސް ހިޔްފަޅައިގެންދާ ކަމަށްވެސް ބުންޏެވެ.

ފާތިމަތު އިބްރާހިމް ކަނދޮޅުދޫ ސިފަކުރަނީ "ހިތުގެ ލޯބި" ރަށުގެ ގޮތުގައެވެ . އަދި ދުވަހަކުވެސް އެރަށުގެ ހަނދާންތައް ފޮހެވިގެންނުދާނެކަމަށް ފާތްތަ ބުނެއެވެ. ޙާއްސަކޮށް ކަނދޮޅުދޫ ރައްޔިތުންގެ ސުލޫކާއި އެއްބައިވަންތަކަމެވެ. ކަނދޮޅުދޫގައި ފެނުނު އެއްބައިވަންތަ ކަމުގެ ކުލަވެސް މިހާރު ނެތްކަމުގައި ފާހަގަކުރިއެވެ. އަދި ދުވާފަރަކީ ބޮޑުރަށެއްކަމުގައިވީނަމަވެސް ދިރިއުޅުމަށް ތަނަވަސްކަން ނުލިބޭކަންވެސް ފާހަގަކުރިއެވެ.

ކަނދޮޅުދޫގެ ބައެއް ވާހަކަތަކުން އެރަށުން ފުރަން އެއްވެފައި ތިބި ވަގުތު ވާޓަރު ކައިރިން ތިން ވަނަ ރާޅެއްގެ ހިލަމެއްވިކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ވައިޓަރާއި ހަމައަށް އެފަހަރުލޮނުގަނޑު ހަމަވުމާއެކު އެންމެން އެކީ ތަކުބީރު ކިޔަން ފެށިކަމުގައިވެސް ބުނެވެއެވެ. ހަތަރު ފަރާތުން ރާޅު އަރައި ރަށުގެ މެދަށް މިސްރާބު ހުރުމަކީ މާތް ﷲ ތަޢާލާގެ ރަހުމަތުގެ ގޮތުގައިރަށު މީހުން ސިފަކުރެއެވެ. ސަބަބަކީ ކުޑަކުޑަ ރަށަކުން އެއްފަރާތުން ރާޅު އަރައި އަނެއް ފަރާތުން ފޭބި ކަމުގައިވާނަމަ ގިނަ ފުރާނަތަކެއް ގެއްލިގެންދިއުމުގެ ފުރުސަތު ބޮޑުވުމެވެ. އެދުވަހުގެސުނާމީގައި ކަނދޮޅުދޫއިން ނިޔާވެފައިވަނީ ތިން ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް