ސުނާމީ ބިނާ މައިޒާން މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ދެކުނު ފަރާތުގައި ބަހައްޓާފައި ހުރި ސުނާމީ ބިނާ ނަގައި މާފަންނު ތިން ރުއް ޕާކުގައި ތަރައްގީ ކުރި ސުނާމީ ބިނާ މައިޒާނަށް ބަދަލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ. ވަރަށް ރީތިކޮށްލުމަށް ފަހު، ބޮޑު ރަސްމިއްޔާތަކާއި އެކު އެތަން ހުޅުވި ނަމަވެސް މިހާޜު އެތަން ފެންނަނީ ވަރަށް ބޮޑަށް ވީރާނާ ވެފައިވާތަނެވެ.
ބިނާގެ ދަގަނޑުތަކުގައި ދަބަރު ޖަހަމުންދާއިރު މީހުން ހިނގަން އެ މައިޒާނުގައި ގާއަޅައިގެން ހަދާފައިވާ މަގުތައް ހަލާކުވެ ބައެއް ތަންތަނުން ގާތަށް ވަނީ ނަގާފައި އެވެ. ޝީޓްޕައިން ފޫގޮސް، ވެލިގަނޑު ދަމައިގަންނާތީ ޖެޓީ އާއި ކައިރިން ބޮޑެތި ބާގަނޑު އެތަނުގައި އެބަހުއްޓެވެ.
މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މަައިޒާނަށް ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު ވަރަށް ބޮޑު މަރާމާތެއް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެ މަސައްކަތް ފެށޭނެ ތާރީހެއް އަދި ދަންނަވަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ހުރިހާ މައިޒާންތަކެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު ސުނާމީ ބިނާ މައިޒާންވެސް މަރާމާތު ކުރާނެ ކަމަށެވެ.
އެތަން މަރާމާތު ކުރަން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް ސިޓީ ކައުންސިލުން ބުނި އިރު މިދިޔަ އަހަރު ނޮވެމްބަރު މަހު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ސިޓީ ކައުންސިލްގެ ބަޖެޓުގެ ތެރެއިން އެ މަސައްކަތް ކުރެވޭތޯ ދަނީ ބަލަމުންނެވެ. އަދި މަރާމާތަށް ދާނެ ހަރަދާއި އެތަނަށް ލިބިފައިވާ ގެއްލުންތައް އޭރު ބެލި ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ޑރ. މުއިއްޒު މޭޔަރު ކަމާއި ހަވާލުވެޑައިގެންނެވުމުގެ ކުރިން 2020 ވަނަ އަހަރު ވަނީ ކުރީގެ މާލޭ ސިޓީ ކައުންސިލުން ސުނާބީ ބިނާ މައިޒާން ވީރާނާވާން ދޫކޮށްލާފައިވާ ކަމަށްބުނެ ފާޑު ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް