ޕްރިމިއާ ލީގް: ޓޮޓެންހަމް އާއި ބްރެންޓްފޯޑް މެޗު އެއްވަރު

ވޯލްޑް ކަޕް ބްރޭކަށް ފަހު އިނގިރެސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށުނުއިރު، މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓޮޓެންހަމްއާއި ބްރެންޓްފޯޑްއެވެ. ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެ...

26 Dec 2022 | 15:06

ވޯލްޑް ކަޕް ބްރޭކަށް ފަހު އިނގިރެސި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފެށުނުއިރު، މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓޮޓެންހަމްއާއި ބްރެންޓްފޯޑްއެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މި މެޗު ވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

މި މެޗު ފަށައިގެން ރަނގަލަށް ކުޅުނީ ބްރެންޓްފޯޑުންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 15 ވަނަ މިނިޓްގައި ލަނޑު ޖަހާ ލީޑުނަގާފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވައިޓާލީ ޔަނެލްޓް އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެންޓްފޯޑުން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް އިވާން ޓޯނޭ ޖެހި މި ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ބްރެންޓްފޯޑް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، މެޗުގެ 54 ވަނަ މިނެޓުގައި ބްރެންޓްފޯޑުން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކުރިއެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީީ ޓޯނޭ އެވެ. މިއީ ކްރިސްޓިއަން ނޯގާޑްގެ އެހިތެރިކަމާއި އެކު ޓޯނޭ ޖެހި ލަނޑެކެވެ.

ޓޮޓެންހަމުން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 65 ވަނަ މިނެޓުގައި ހެރީ ކޭން ޖެހި ލަނޑުންނެވެ. ކޭން އަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ކްލެމެންޓް ލޯންގްލޭއެވެ. އޭގެ ހަ މިނިޓް ފަހުން، ޓޮޓެންހަމުން ނަތީޖާ ހަމަހަމަކުރިއެވެ. އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކުރި މި ލަނޑު ޖެހީ ޕިއޭ އެމީލް ހޮއިބިއާ އެވެ.

މި މެޗުން ލިބުނު ޕޮއިންޓާ އެކު، ޓޮޓެންހަމް ތާވަލްގެ ހަތަރުވަނާގައި އޮތީ ކުޅުނު 16 މެޗުން ލިބުނު 30 ޕޮއިންޓާއި އެކުގައެވެ. މިރޭ ލިބުނު ޕޮއިންޓާ އެކު ބްރެންޓްފޯޑް ވަނީ ލީގުގެ ނުވަ ވަނަ އަށް ޖެހިލާފައެވެ. އެތީމު ނުވަވަނައަށް ޖެހިލީ ކުޅުނު 16 މެޗުން 20 ޕޮއިންޓް ލިބިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް