ރާއްޖޭގެ 17 އަތޮޅަކުން 1000 އަށް ވުރެ ގިނަ ބައިވެރިންނާއިއެކު ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ އަވަރ އޮފް ކޯޑް ޕްރޮގްރާމް ނިންމާލައިފިއެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު ޑިސެންބަރު މަހު ފާހަގަކުރާ އިންޓަނޭޝަނަލް ކޮމްޕިއުޓަރ ސައިންސް ހަފްތާގެ ދަށުން ކޯޑު.އޯރގުގެ ބައިނަލްއަގުވަމީ ހަރަކާތެކެވެ.
ދިރާގުން ބުނީ އަވަރ އޮފް ކޯޑް 2022 ރާއްޖޭގައި ފެށުނީ 10 ޑިސެމްބަރ 2022 ގައި ކަމަށާއި މައި އިވެންޓް އޮތީ 24 ޑިސެންބަރުގައި ކަމަށެވެ.
މިގޮތުން އެކި އުމުރުފުރާތަކަށް ބަހާލައިގެން ބައިވެރިން ގުރޫޕްކޮށް، ދިރާގާއި ވިމެން އިން ޓެކްގެ މެންޓަރުން އަދި ސްކޫލް ޓީޗަރުން ވަނީ ސައިންސާއި ކޯޑިންގ ގެ ދާއިރާއަށް ކުދިން އަހުލުވެރިކޮށް، ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ބާއްވައި، ކޮމްޕިއުޓަރ ސައިންސްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ.
މި އިވެންޓް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީއެވެ. ފެއްޓުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދަސްވާ ހުނަރުތަކަކީ ހަމައެކަނި މުސްތަޤްބަލުގައި ކުދިންގެ ކެރިއަރއަކަށް މުހިއްމު ހުނަރުތަކެއް ނޫން ކަމަށާއި، އޭގެ އިތުރުން ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަގުހުރި ހުނަރުތަކެއްކަމަށް ފާހަގަކުރެއްވިއެވެ.
އަދި އަވަރ އޮފް ކޯޑަކީ ކޮމްޕިއުޓަރ ސައިންސްގެ ދުނިޔެ ދެނެގަނެ، އޭގެ ސަބަބުން ކުދިންނަށް ފައިދާކުރާނެ ގޮތްތައް ދެނެގަތުމަށްލިބޭ ވަރަށް ރަނގަޅު ފުރުސަތެއްކަމަށްވެސް ވިދާޅުވިއެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރ މުހައްމަދު މުއްސަދު ވަނީ މިހާރު ތަރައްޤީވަމުން އަންނަ ދުނިޔޭގައި ކޮމްޕިއުޓަރ ސައިންސާއި ކޯޑިންގ ޢިލްމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ކޯޑިންގ އިން ޓީމްވޯކާއި ވަގުތަށް ކަމޭހިތުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މައްސަލަތައް ހައްލުކުރުން ފަދަ ބޭނުންތެރި އެތައް ހުނަރެއް ދަސްކޮށްދޭކަމަށާއި، އެއީ ކޮންމެ ކެރިއަރއެއްގައި ވެސް ދަރިވަރުންނަށް ފައިދާކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އިވެންޓް އޮގަނައިޒް ކުރެއްވި ވިމެން އިން ޓެކް މޯލްޑިވްސްގެ ނާއިބު ރައީސާ މަރިޔަމް ޝިމާނަތު ވެސް ވާހަދެއްކެވިއެވެ.
އޭނާގެ ވާހަކައިގައި އަވަރ އޮފް ކޯޑް އިވެންޓަކީ ބައިވެރިންނަށް ކޯޑިންގެ އަޖުމަ ބަލާލުމަށް ލިބޭ ފުރުސަތެއްކަމަށް ފާހަގަކުރެއްވިއެވެ. އަދި މިޕްރޮގްރާމް މެދުވެރިކޮށް ހާސިލްވާ އެކި ހުނަރުތަކަކީ އެކުދިންގެ ދިރިއުޅުމުގެ ކޮންމެ ދާއިރާއަކަށް ވެސް މުހިއްމު ހުނަރުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ޕްރޮގްރާމް އިތުރަށް ހާއްސަވީ މިނިސްޓަރ އޮފް އެޑިއުކޭޝަން، ޑރ. އައިޝަތު އަލީ އާއި މިނިސްޓރ އޮފް އެންވާރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޓެކްނޮލޮޖީ، އައިމިނަތު ޝައުނާ އަވަރ އޮފް ކޯޑް ފުރިހަމަ ކުރައްވާ އަދި މިކަމާއި ގުޅިގެން ކޯޑިންގ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެ އާންމު ކުރެއްވި މެސެޖްތަކުގެ ސަބަބުންނެވެ.
"އަވަރ އޮފް ކޯޑް" އަކީ ހުރިހާ އުމުރުފުރައެއްގެ ދަރިވަރުން ކޯޑިންގ އަށް ތަޢާރަފްކޮށް ކޮމްޕިއުޓަރ ސައިންސަށް ޝައުޤުވެރިކަން އުފެއްދު މަށް ވަރަށް ރަނގަޅު ފުރުސަތެކެވެ.
އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޢަލީ މިއިވެންޓާއި ގުޅިގެން ވަނީ ކޮމްޕިޔުޓަރ ސައިންސްއަށް އަހައްމިއްޔަތުކަން ދިނުން އިތުރުކުރުމަށް ބާރު އެޅުމަށާއި 21 ވަނަ ގަރުނުގެ މިހުނަރުތައް ދަރިވަރުންނަށް ލިއްބައިދިނުމަށްޓަކައި ސްކޫލްތަކުގެ ހުރިހާ ކީސްޓޭޖްތަކެއްގައި ކޯޑިންގ ހިމަނަން މަސައްކަތް ކުރާނެކަމަށް ވިދާޅުވެފައެވެ.
ޅަ އުމުރުގައި ކޮމްޕިއުޓަރ ސައިންސް ދަސްކުރަން ފެށުމަކީ ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދިޔުމަށް ބިންގާ އެޅިގެންގޮސް، އެކުދިންގެ އުފެއްދުންތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ހުނަރު ވެސް އިތުރުވެގެންދާނެ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް