އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދުޅަހެޔޮކަންމަތީ ތިބުމަށް ބުރަމަސައްކަތް ތަކެއް ކުރަމުން އަންނަބައެކެވެ. އެގޮތުންް ހަށިގަނޑުން ސަރުބީ އެންދުމުގެ އަޒުމުގައި ކޮންމެ ދުވަހަކު ފަތިހު ދުވަން ގޮސް ކަސްރަތުކޮށް ހަދައެވެ. އަވަހަށް ހިކެން ބޭނުންވަނީ ހެއްޔެވެ.؟ އެހެންކަމަށް ވާނަމަ މި ދިރާސާގައި ބުނެފައިވާ ގޮތަށް ކަންތައް ކުރާށެވެ.
ދިރާސާއަކުން ދައްކާ ގޮތުން މިފަދަ އަޒުމެއް ކާމިޔާބުކުރުމަށް އޮތް އެންމެ މޮޅު ފޯމިއުލާ އަކީ އެމީހަކު އެންމެ ގަޔާވާ ލޯބިވެރިޔާ، ނުވަތަ ބައިވެރިޔާ މިކަމުގައި ސާމިލް ކުރުމެވެ. ދުވަން ދާއިރު، ނުވަތަ ކަސްރަތު ކުރަން ދާއިރު ލޯބިވެރިޔާ އާއި އެކު ދާށެވެ. އޭރުން ހިކެން ތިކުރާ މަސައްކަތުގެ ނަތީޖާ މާ އަވަހަށް ފެންނާނެއެވެ.
ޔުނިވާސިޓީ ކޮލެޖު ލަންޑަންގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރިއަށް ގެންދިޔަ މި ދިރާސާ އިން އެނގުނު ގޮތުން، ލޯބިވެރިޔާ އާއި އެކުގައި ކަސްރަތުކޮށް ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ ނަމަ މާ ބޮޑަށް ވެސް ކާމިޔާބެވެ. މިގޮތަށް ކަސްރަތުކުރުމަކީ އަންހެން މީހާ އަށާއި ފިރިހެން މީހާ އަށް އިތުރު ހިތްވަރެއް ލިބި މި ކަމުގައި ދެމިހުރުމަށް ފަސޭހަވާ ކަމެއް ކަމަށް ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މި ރިޕޯޓް އެކުލަވާލާފައި ވަނީ ކައިވެނިކޮށްގެން އެކުގައި ދިރިއުޅޭ ނުވަތަ ލޯބިވެރިންގެ ގޮތުގައި ދިރިއުޅޭ 8،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކަށް ފަހުގައެވެ.
ދިރާސާގައި ވާ ގޮތުން ލޯބިވެރިޔާ ބައިވެރިކޮށްގެން ކުރާ ކޮންމެ ކަމެއްގެ ނަތީޖާވެސް މާ އަވަސްވެފައި ފުރިހަމައެވެ. ޚާއްސަކޮށް ގޯސް އާދަތަކުން ދުރުވުމަށް ވެސް މިއަށްވުރެ ރަނގަޅު ހައްލެއް ނެތް ކަމަށް ދިރާސާ ރިޕޯޓުގައި ވެއެވެ.
ދިރާސާގައި ބައިވެރިވި އަންހެނުންގެ ތެރެއިން 48 ޕަސެންޓް މީހުން ބުނެފައި ވަނީ އެމީހުން ރަނގަޅު ސިއްޚަތެއްގައި ލޫޅާފަތިކޮށް ތިބެނީ ލޯބިވެރިޔާ އާއި އެކު މަސައްކަތް ކުރުމުންނެވެ. ދިރާސާގައި ބައިވެރިވި ފިރިހެނުންގެ ތެރެއިން، ކަސްރަތުކުރާ ފިރިހެނުންގެ 50 ޕަސެންޓް ބުނެފައި ވަނީ ލޯބިވެރިޔާއާއި އެކު ދުވަސް ގޮސް ކަސްރަތު ކުރުމުން ލިބޭ ހިންހަމަ ޖެހުމާއި، ނަތީޖާ ނިކުންނަދެއް މާ އަވަސްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް