އެއްބައިވަންތަކަން ގާއިމްކުރެވޭނީ، ހިދުމަތް ދިނުމުގައި ތަފާތު ކުރުން ނައްތާލައިގެން: ރައީސް

މަޤާމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީވެސް ދިވެހިރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު...

26 Dec 2022 | 08:57

މަޤާމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީވެސް ދިވެހިރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއްކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާ އޮތީ، މިއަދު ހެނދުނު މ. ކޮޅުފުށީގައި ހުންނަ މ.އަތޮޅު މަދަރުސާގައެވެ.

މިޖަލްސާގައި ރައީސް ވިދާޅުވީ، ވެރިކަމުގެ ދައުރު ފެއްޓެވި އިރު ކުރިމަތިވެވަޑައިގެންފައި އޮތް އެންމެ ބޮޑު އެއް ކަމަކީ، ދިވެހިންގެ މެދުގައި ހަމަޖެހުމާއި ޞުލްޙަޔާއި އެއްބައިވަންތަކަން ގެއްލި ބައިބައިވެފައި އޮތުން ކަމަށެވެ. އޭރު ސިޔާސީ ބޭނުންތަކެއްގައި ވަކި ބަޔަކު ގަސްދުގައި ދިޔައީ ހަމަޖެހުން ނަގައިލަމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، އެމަނިކުފާނަށް އެންމެ ފުރަތަމަ ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ވިސްނިވަޑައިގަތީ މުޖްތަމަޢުގައި ޞުލްޙަ ޤާއިމުކުރުމާއި، ދިވެހިން އެއްބައިވަންތަކޮށް، އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

އަދި އެއްބައިވަންތަކަން ޤާއިމްކުރެވޭނީ، ޚިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ޤާއިމުކޮށްގެން ކަމަށާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރުން ފެށި ކޮންމެ މަޝްރޫޢެއްގެ އަމާޒަކީވެސް، ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށް ދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މައްޗަށާއި އެދުވަހު ދިވެހިރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމުގެ މައްޗަށް އަދި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައި ސަލާމަތީ ޚިދުމަތްތަކުން ކުރި ބުރަ އަދި އަގުހުރި މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ސުނާމީ ކާރިސާގައި އެމަނިކުފާނާއި އާއިލާ ކުރަންޖެހުނު ތަޖުރިބާތައްވެސް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

މީގެ އިތުރުން މިޖަލްސާގައި ވަނީ، ކޮޅުފުށީގައި ހަދާފައިވާ ސުނާމީ ކާރިސާގެ ހަނދާނީ ބިނާގެ މޮޑެލްއެއް މ.ކޮޅުފުށީ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގެ ކުރިން ކޮޅުފުށީ ބަނދަރު ސަރަހައްދުގައި ބޭއްވި، ރަސްމިއްޔާތުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ، ސުނާމީ ކާރިސާގެ ހަނދާނީ ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވިއެވެ.

ސުނާމީ ކާރިސާގައި ކޮޅުފުށިން 16 މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން 4 މީހުންނަކީ ވީނުވީއެއް ނޭނގިގެއްލިފައިވާ މީހުންނެވެ.

މިއަދަކީ ދިވެހިރާއްޖެއަށް ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާއަށް 18 އަހަރު ފުރުނު ދުވަހެވެ. ސުނާމީ ކާރިސާ އާއި ގުޅިގެން ފާހަގަކުރައްވަމުން އަންނަ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް މިއަހަރު ޤައުމީ ފެންވަރުގައި ފާހަގަކުރައްވަނީ މ. ކޮޅުފުށީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް