ސިޔާސީ ލީޑަރުން އަމިއްލަ ކުރިއެރުން ހޯދުމަށްޓަކާ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައިގެން ނުވާނެކަމުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެމްއާރްއެމްއިން މިހެން ބުނެފައިވަނީ ދިވެހިންގެ އެއްބައިވަންތަދުވަހު އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޤައުމަށް ދިމާވާ މިފަދަ ކޮންމެ ދަތި އުނދަގޫ އަދި ހިތާމަވެރި ދަނޑިވަޅެއްގައި ޤައުމީ މަސްލަހަތު އިސްކޮށް، ދިވެހި ކޮންމެ ފަރުދަކު ވެސް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށާއި ހަމަ އެގޮތުން، އެއްބައިވަންތަ ކަމަކީދަތި އުދަގޫ ވަގުތުތަކަށް އެކަނި ޚާއްޞަ ސިފައެއް ނޫންކަންވެސް ހަނދާން ކުރަން ޖެހޭ ކަމަށެވެ.
"މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ދިމާވި ސުނާމީގެ ކާރިސާ އަކީ الله سبحانه وتعالى އަޅުގަނޑުމެންނަށް ކުރިމަތި ކުރެއްވި ވަރަށް ވަރުގަދަ އިމްތިޙާނެކެވެ. އެ އިމްތިޙާނުން އަޅުގަނޑުމެންނަށް ޙާޞިލްވި އެންމެ މަތިވެރި ޢިބުރަތަކީ ޤައުމީ އެއްބައިވަންތަކަމުގެ މުހިންމު ކަމެވެ. އަދި ޤައުމަށް ދިމާވާ ބޮޑެތި ކަންތައްތަކުގައާ އެހެން ހުރިހާ ވަގިތެއްގައިވެސް ސިޔާސީ ފިކުރުތަކާއި ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ސަރުކާރާއި ރައްޔިތުންގެ އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބޭނުންތެރިކަމެވެ." އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ސުނާމީ ކާރިސާއަކީ އަވަށްޓެރި ޤައުމުތަކާއި ރަޚްމަތްތެރި ޤައުމުތަކާއިއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިއްމުކަން ހާމަވެގެންދިޔަ ގިނަ ފަހަރުތަކުގެ ތެރެއިން އެއް ފަހަރަށް ވީއިރު، ސިޔާސީ ދަހިވެތިކަމުގައި ބޭރު ޤައުމުތަކާއިމެދު ނަފުރަތު އުފައްދައި އެ ޤައުމުތަކާއި އެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ ޢަމަލުތައް ނުކުރުމަށް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ގޮވާލާކަމަށާއި އަދި ބޭރު ޤައުމުތަކުގެ ރައްޔިތުންނަށް، ޚާއްސަކޮށް ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިޙުތިރާމްކޮށް، އިސްލާމްދީން ދަސްކޮށްދީފައިވާ ރިވެތި އުޞޫލުތަކުގެ ތެރެއިން، އަޚުވަންތަކަމާއި އޯގާތެރިކަމާއިއެކު އެ މީހުންނާއިމެދު ޢަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ސުނާމީ ކާރިސާ ފަދަ ކޮންމެ ދަނޑިވަޅެއްގައި، ފަސްޖެހުމެއްނެތި ރަޙްމަތްތެރި ޤައުމުތަކުންނާއި ބައިނަލްއަޤުވާމީ މުޖުތަމައުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ބަލައިގަނެ، އެ ޕާޓީއިން އެ ފަރާތްތަކަށް މިފުރުޞަތުގައި ޝުކުރު ދަންނަވާކަމަށެވެ.
"ދިވެހި ރައްޔިތުންނާއި ޤައުމަށް އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމަށްޓަކާ އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމާމެދު ޝައްކެއް ނެތެވެ. މިކަމަކީ އެތައްސަތޭކަ އަހަރެއް ވައްދެންވެސް ދިވެހިރާއްޖެ ތަޖްރިބާކޮށްފައިވާ ހަގީގަތެކެވެ." އެމްއާރްއެމްއިން ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވަނީ މިއަދު އެންމެން ސަމާލްވެ ތިބެންޖެހޭ އެއްކަމަކީ، ސިޔާސީ ކަންކަމާމެދު އުފެދޭ ޚިޔާލުތަފާތުވުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދޭ ބައިބައިވުން ކަމަށާއި ދިވެހީންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ އަލީގައި ތިބި އެއްބައެއްވަންތަ ބައެއް ކަމަށެވެ. މިކަމުގެ ފުރިހަމަ ފައިދާ ލިބިގަތުމަށްޓަކާ އަޅުގަނޑުމެންގެ މެދުގައި އުފެދޭ ބައިބައި ވުންތައް ނައްތާލަން ޖެހޭކަމަށެވެ. ސިޔާސީ ޚިޔާލު ތަފާތުވުންތައްވެސް ބަހައްޓަން ޖެހެނީ ވަކި އިމެއްގެ ތެރޭގައިކަން ޤަބޫލު ކުރަން ޖެހޭކަމަށާއި އަދި ސިޔާސީ ލީޑަރުންވެސް، އަމިއްލަ ކުރިއެރުމަށްޓަކާ، ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ، ބައިބައިވުން އިތުރު ކުރުންވެސް ހުއްޓާލަން ޖެހޭކަމަށާއި ޤައުމަށް ހެޔޮއެދޭ މީހަކު ރައްޔިތުން ބައިބައި ކުރަން މަސައްކަތެއް ނުކުރާނެކަން ޔަޤީންކަމުގައިވެސް އެމްއާރްއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް