ޔާމީނަށް ހުކުމްކުރީ އިދިކޮޅު ކެންޑިޑޭޓު ކަމުގެ ފުރުސަތު ނިގުޅައިގަންނަން: މާލޭ ސިޓީ ކައުންސިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ހުކުމްކުރީ ރާއްޖޭގެ ރިއާސީ އިންތިޚާބުގައި އިދިކޮޅު ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވާދަކުރެއްވުމުގެ ފުރުސަތު ނިގުޅައިގަތުމަށް ކަމަށް މާލެ ...

26 Dec 2022 | 08:33

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ހުކުމްކުރީ ރާއްޖޭގެ ރިއާސީ އިންތިޚާބުގައި އިދިކޮޅު ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެ މަނިކުފާނު ވާދަކުރެއްވުމުގެ ފުރުސަތު ނިގުޅައިގަތުމަށް ކަމަށް މާލެ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުގެ ނޫސް ބަޔާނުގައި މިހެން ބުނެފައި މިވަނީ ރިޝްވަތު ގަބޫލުކުރި މައްސަލައިގާ  އެ މަނިކުފާނުގެ މައްޗައް ހަތަރު އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑަރ ކުރި މައްސަލައިގާ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްޔެ އިއްވާ ޖަލު ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ ދަށުން ޖަލަށް ގެންގޮސްފައިވާތީއެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ، 2019 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލް ޤައްޔޫމްގެ މައްޗަށް 5 އަހަރުގެ ނުހައްޤު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި ނަމަވެސް، އެ ޙުކުމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބާތިލް ކޮށް އެ މަނިކުފާނު މިނިވަންވެފައި ވަނިކޮށް އިއްޔެ 25 ޑިސެމްބަރު 2022 ވަނަ ދުވަހު މިވަނީ 11 އަހަރުގެ ހައްޤުނޫން ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އަލުން އިއްވާފައި ކަމަށެވެ.

އަދި ޔާމީންގެ މައްޗައް މިއިއްވި ޙުކުމާމެދު މާލެ ސިޓީ ކައުންސިލާއި ރައްޔިތުން ނިހާޔަތައް ކަންބޮޑުވުން ފާޅުކުރާކަން ހާމަކޮށް ބުނެފައި ވަނީ މި ހުކުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީނު ވާދަކުރައްވަން ގިނަ ރައްޔިތުންތަކެއްގެ ރުހުމާއެކު ނިކުންނެވުމުން، އެ ފުރުސަތު ޔާމީންގެ ކިބައިން ނިގުޅައިގަތުމުގެ ނިޔަތުގައި ކޮށްފައިވާ ހުކުމެއް ކަމަށެވެ.

މިގޮތުން، ރައީސް ޔާމީނަކީ މުޅި ދިވެހިރާއްޖެއަށާއި އަދި މާލެ ސިޓީގެ ތަރައްޤީގެ ގިނަ ގުނަ މަސައްކަތްތަކެއް ގުނާ އަދަދު ނުކުރެވޭ ވަރަށް ގެނެސްދެއްވި، ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިގެންވާ ރައީސެއް ކަމަށް އެ ކައުންސިލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ މާލެ ސިޓީއަށާއި މުޅި ދިވެހި އުންމަތަށް ލިބިގެންދިޔަ ނިކަމެތިކަމެއް ކަމަށާއި، ޝައްކެއްނެތްގޮތުގައި މި ހުކުމަކީ ފަނޑިޔާރުގެއަށް ނުފޫޒުފޯރުވައި ވަކި ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ހުކުމެއް ކަމަށާއި، ހުކުމް ކޮށްފައިވަނީ ފާސިގުންގެ ހެކިބަހާއެކުކަން އެނގި ހާމަވާކަން މާލެ ސިޓީ ކައުންސިލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، އިއްޔެ ކުރި އިންސާފެއްނެތް ހުކުމަކީ އަދުލް އިންސާފު ބޮއްސުންލާފައިވާ މިންވަރު ޝައްކެތް ނެތް މިންވަރަށް އެނގި ހާމަވެގެންދާ ކަމަށެއް ކަމަށާއި، ރައީސް ޔާމީނަށް އިންސާފު ހޯދައި ދިނުމަށް ކަމާ ގުޅުންހުރި ހުރިހާ މުއައްސަސާއަކަށް މާލެ ސިޓީ ކައުންސިލުން ހަރު އަޑުން ގޮވާލާ ކަމަށެވެ.

އަދި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ހިތާމައިގައި ކެތްތެރިވުމަށާއި ކާމިޔާބު ދެއްވުމަށް ދުޢާކުރާކަމަށާއި، މި ހުކުމުގެ ސަބަބުން ޤައުމު ވެއްޓިފައިވާ ފުން އަދަވަޅުން އަރައިގަނެ، ރައީސް ޔާމީން އެނބުރި ރައްޔިތުންގެ ޙިދުމަތަށް އައުމުގެ ހެޔޮ ތައުފީގު މިންވަރުކުރެއްވުން އެދި ﷲ ގެ ހަޒުރަތުގައި ދުޢާ ދަންނަވާ ކަމަށް މާލެ ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް