މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، މުލަކަތޮޅު ކޮޅުފުށީގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވަޑައިގެންވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު އެރަށަށް ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދެއްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސުނާމީ ކާރިސާގައި ކޮޅުފުށިން ނިޔާވި މީހުންގެ ހަނދާނުގައި ހަދާފައިވާ ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވާނެއެވެ. އަދި އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވުމުގެ އިތުރުން، އެއްބައިވަންތަކަމުގެ ދުވަހުގެ އަތުގުޅާލުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުންވެސް މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ކޮޅުފުށީ ކައުންސިލާ، އ.ތ.މ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާނެކަމުގައި ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ އިހްތިފާލުތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކޮޅުފުށްޓަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު މާލެ ވަޑައިގަންނަވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް