ކޯވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ޗައިނާގައި އެ ބަލި ޖެހޭ މީހުންގެ އަދަދު ހާމަ ކުރުން ހުއްޓާލައިފި އެވެ.
2019 ވަނަ އަހަރު އެ ގައުމުގެ ވޫހާ ސިޓީން ކޯވިޑް ފެނުމާއި އެކު އެޅި ހަރުކަށީ ފިޔަވަޅުތަކަށް ލުއި ދިނީ އާންމުން ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން މަޖުބޫރީ ހާލަތުގައި އެވެ. އެއާއެކު އެ ގައުމުގައި ކޯވިޑް ޖެހޭ މީހުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ.
ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަން (އެންއެޗްސީ) އާއި ހަވާލާދީ ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިއްޔެއިން ފެށިގެން އެ ގައުމުގައި ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ހާމައެއް ނުކުރާނެ އެވެ.
ކޯވިޑްގެ ތަފާސް ހިސާބު އާންމު ކުރާނެ އެއްވެސް އުސޫލެއް ހާމަ ނުކުރާތީ ބަލި ޖެހޭ މީހުންގެ އަދަދާއި ގުޅޭ ސައްހަ މައުލޫމާތު ދެން ލިބުން ދަތިވާނެ އެވެ.
މިމަހު ކުރީ ކޮޅު ކޯވިޑް ފިޔަވަޅުތަކަށް ލުއި ދިން ހިސާބުން ހަލުވި ކަމާއި އެކު އެ ގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ގޮސް ހޮސްޕިޓަލްތަކަށްވެސް ވަނީ ވަރަށް ބާރު ބޮޑުވެފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެންމެ ހަލުވި ކަމާއި އެކު ބަލި ފެތުރެމުންދާ ޕްރޮވިންސްތަކުގައި ދުވާލަކު މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހެ އެވެ.
ޗައިނާގެ ކޯވިޑް ހާލަތާއި ގުޅިގެން ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް