މިއަދަކީ "އެއްބައިވަންތަކަމުގެ ދުވަސް" ގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުންދާ ދުވަހެވެ.
އެއްބައިވަންތަ ކަމުގެ ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކޮށް ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.
އެދުވަހަކީ ދިވެހި ތާރީޚުގައި ދިވެހިރާއްޖެއަށް އެންމެ ބޮޑުހިތާމަ ކުރިމަތިވި ދުވަހެވެ. ބިރުވެރިކަމުން ފުރިފައިވާ މިކާރިސާގައި ރާއްޖެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މިކާރިސާގައި ރާއްޖޭގައި އޭރު މީހުން ދިރިއުޅުނު 190 ރަށަށް ސުނާމީ އަސަރުކޮށްފައިވާއިރު، އޭގެތެރެއިން 5 ރަށް މުޅިން ހަލާކުވެ ބިމާއި ހަމަވެގެން ދިޔައެވެ. 15،000 މީހުންގެ ގެދޮރު ގެއްލިގެން ދިޔައެވެ. 13 ރަށަކުން މީހުން ހުސްކޮށް އެހެން ރަށްތަކަށް ބަދަލުކުރަން ޖެހުނެވެ.
މި ބިރުވެރި ކާރިސާގައި ދިވެހި އާބާދީގެ ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތުން މިކަމުގެ އަސަރުކުރިއެވެ. މި ކާރިސާގައި 38 ކުޑަ ކުދިންނާއި 44 މީހުން މިދުނިޔެ ދޫކުރިއެވެ. އަދި 26 ވީނުވީއެއް ނޭންގި ގެއްލިފައިވެއެވެ. މީގެ އިތުރުން މިކާރިސާއާ ގުޅިގެން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 62 އިންސައްތަ ގެއްލުން ލިބުނެވެ.
އެއްބައިވަންތަ ކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގައުމީ ނަމޫނާ މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނަންޖެހެއެވެ. އެދުވަހުގެ ހިތަމަވެރި ކާރިސާގައި ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އަދި ކޮންމެ ރަށަކުންވެސް ފެނިގެންދިޔައީ، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައިވާ އަޚުވަންތަކަމާއި އެކުވެރިކަމާއި، ލޯބީގެ މަތިވެރި ގުޅުމެވެ.
މުޅި ދުނިޔެވެސް ސިއްސުވާލި ބިރުވެެރި ސުނަމީ ކާރިސާ އަކީ ޢާލަމްތަކުގެ ވެރި މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ މަތިން ވިސްނާ ފިކުރުކޮށްލަން ލިބުނު ރަނުގެ ފުރުސަތެކެވެ. އެ ކަލާނގެއަށް ބިރުވެތިވެ، ރަނގަޅު ހެޔޮ މަގަށް ވާޞިލްވުމަށް ލިބުނު ފުރުސަތެއްވެސް މެއެވެ. މިކަމުން ރަނގަޅު ގޮތުގައި އެއްބަޔަކު އިބުރަތް ހާޞިލް ކުރިއިރު، އަނެއް ބަޔަކު މިއަދު މި ބިރުވެރި ކާރިސާގެ މަތިން ހަނދާނެއް ނެތެެ.
2004 ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށް ނިއަދު 18 އަހަރު ފުރުނުއިރު، މިއީ ދިވެހިން މި ދުވަސް ފާހަގަކުރާތަ 18 ވަނަ އަހަރެވެ. މިފަދަ ކާރިސާއަކަށް ބަލާއިރު މިއީ މާ ދިގު މުއްދަތެއް ނޫނެވެ. އެއީ ކުރުމުއްދަތެކެވެ. އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެންވެސް މިއަދު ރަމްޒީ ގޮތުން އަތުކުރި އޮޅާލީމުއެވެ.
ހަޤީޤތުގައި މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ބޭނުމަކީ މިފަދަ ކަންތައްތަކުން އިބްރަތްތައް ލިބިގަތުމެވެ. އެދުވަހުގެ ހަނދާންތައް އާކުރުމެވެ. ދުންޔަވީ ގޮތުންނާއި އުޚުރަވީ ގޮތުން އެކަމުގެ މަންފާ ލިބިގަތުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް