ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެއަށް އެތެރެވުމަށް ޢަމަލުކުރަމުން އަންނަ އުސޫލަށް ބަދަލުތަކެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެނެސްފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓާ ގުޅިގެން މާދަމާއިން ފެށިގެން ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިން ހިމެނޭހެން ރާއްޖެ އަންނަ ހުރިހާ ފަރާތްތަކުން، ދަތުރަށް ފުރާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮންނަން ވާނެ ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް އެއް އަހަރު ނުވާ ކުޑަކުދިން، ޕީސީއާރް ޓެސްޓު ހެދުމުން ވަނީ އިސްތިސްނާވާނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެ އެތެރެވުމަށްފަހު، 3 ދުވަހާއި 5 ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ހެދުމާއި ކޮވިޑުގެ ވެކްސިން ފުރިހަމަކޮށްފައި ނުވާ ދިވެހިންނާއި ވޯކް ޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހު ކަރަންޓީނުވާން ޖެހުން ހިމެނެ އެވެ. އަދި 12 އަހަރުން ދަށުގެ ކުޑަކުދިން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށާއި ކަރަންޓީނުވާ މީހުން ކަރަންޓީނުން ދޫކޮށްލާނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކުގައ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
މި އުސޫލާއެކު، އޮމިކްރޯން ވޭރިއެންޓާ ގުޅިގެން ދެކުނު އެފްރިކާއާއި އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ ދަތުރުކުރުމާ ގުޅޭ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ކޮށްފައިވާ އިއުލާން ބާތިލުވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް