ވީއައިޕީ މޫވްމަންޓަކަށް ހުޅުލޭގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ސަރަހައްދުތައް ވަކި ގަޑިތަކެއްގައި މާދަމާ ބަންދު ކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
ހުޅުލޭގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ސަރަހައްދުތައް ވަކި ގަޑިތަކެއްގައި މާދަމާ ބަންދުކުރަން ނިންމާފައިވަނީ ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެކަމަނާ މާދަމާ އެނބުރި ޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީއެވެ.
އެމްއޭސީއެލުން މިއަދު ބުނީ ވަކިގަޑިތަކެއްގައި ހުޅުލޭގެ އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން ފެށިގެން ކާގޯ ބިލްޑިންގެ ދެކުނު ކަންމައްޗާ ހަމައަށް ހުޅުލޭގެ އެއްގަމާއި ފަޅުތެރޭގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުން މަނާވާނެ ކަމުގައެވެ.
އެގޮތުން މެންދުރު 11:00 އިން މެންދުރުފަހު 2:00 އަށް އެ ސަރަހައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުން އަދި ފަޅުތެރޭގައި ބޭއްވުން މަނާވާނެ ކަމުގައި ބުނެފައި ވެެއެވެ. އަދި އެވަގުތު ކަނޑު އުޅަނދުފަހަރަށް ބޭނުން ކުރެވޭނީ ހަމައެކަނި ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރު ކަމަށް އެމްއޭސީއެލުން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން، 12:15 އިން މެންދުރުފަހު 2:00 އަށް އެ ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުންވެސް މަނާވާނެއެވެ. އެ ވަގުތުތަކުގައި ފުލުހުންގެ އިރުޝާދާ އެއްގޮތަށް އިންޓަނޭޝަނަލް ޓާމިނަލްގެ އުތުރު ކަންމަތިން އާއްމު އުޅަނދުފަހަރު އަނބުރާލެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ފުލުހުންގެ އިރުޝާދު ދޭ ގޮތެއްގެ މަތިން އެ ސަރަހައްދުގައި ހިނގާ އުޅެވޭނެ ކަމަށާއި ނަމަވެސް ދުއްވާ އެއްޗެއްސާއި ހިނގައި އުޅުން މުޅިން މަނާ ވަގުތުކޮޅެއް އަންނާނެ ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް