އެމްޓީސީސީ ރަށްވެހި ޗެލެންޖްގައި ފަހުލަވާނަށް ވަރުގަދަ ފެށުމެއް

އެމްޓީސީސީ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ރޭވަން ސްޕޯރޓްސް ކްލަބާއި ވާދަކޮށް ފަހުލަވާނުން ވަރުގަދަ ފެށުމަކުން މުބާރާތް ފަށައިފިއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މ...

26 Dec 2021 | 16:13

އެމްޓީސީސީ ރަށްވެހި ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ރޭވަން ސްޕޯރޓްސް ކްލަބާއި ވާދަކޮށް ފަހުލަވާނުން ވަރުގަދަ ފެށުމަކުން މުބާރާތް ފަށައިފިއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗް ފަހުލަވާނު ކާމިޔާބު ކުރީ 5 ލަނޑު 0 ލަނޑުންނެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް ފެށި މުބާރާތުގެ ފުރަތަމަ މެޗް ފެށުމުގެ ގޮތުން ދުވަހުގެ ހަނދާންތައް އާކުރުމަށް ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި މެޗް އޮފިޝަލުން ބައިވެރިވެގެން ދަޢުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުންނާއެކު އަތުގުޅާލުމުގެ ޙަރަކާތެއްގެ ތެރެއިން ސްކޫތެއްވަނީ ގެނެސްފައެވެ. ސްކޫތަށްފަހު މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗް ޝަރަފްވެރިކޮށްދެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙުމަދާއި މުބާރާތުގެ ކޯ ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސް ނިލަންދޫ ބްރާންޗްގެ މެނޭޖަރ މިޞްބާޙު ޝަރީފްއާއި ފ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ފަޔާޟް އިސްމާޢީލްއެވެ.

މެޗްފަށައިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ފަހުލަވާނުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓްގައި އެޓީމުގެ ޖާރޒީ ނަމްބަރ 17 ޢަބްދުލް ޣަނީ ޢަލީއެވެ. ފަހުލަވާނުން ލަނޑު ޖެހުމުގެ ކުރިން ޓީމުގެ ކެޕްޓަން މުޙައްމަދު ރަޝީދުގެ ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. ލަނޑަށް ފަހު ފަހުލަވާނުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ރޭވަން ސްޕޯރޓްސްއިންވެސްވަނީ ލަނޑު ޖަހާނެ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. މިގޮތުން ރޭވަން އެސްސީ އިން ފޮނުވާލި ހިލޭޖެހުމެއް ގޯލުގެ މަތީދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ.

ދެވަނަ ހާފު ފަށައިގެން ގާތްގާތުގައި ފަހުލަވާނުންވަނީ ގޯލްތަކެއްޖަހާ ފަހުލަވާނުކޮޅަށް މެޗް އަނބުރާލާފައެވެ. އެގޮތުން 55 ވަނަ މިނެޓްގައި މުޙައްމަދު ޝާހިދު ގޯލެއްޖަހާ ލީޑު ފުޅާކޮށްދީފައިވަނިކޮށް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފަހުން ކެޕްޓަނެއްގެ ޒިންމާ އަދާކުރި ޢާދިލް ޢަލީ ވަނީ 58 އަދި 67 ވަނަ މިނެޓްގައި 2 ގޯލް ޖަހާފައެވެ. ފަހު ގޯލް ޖެހީ ބަދަލު ކުޅުންތެރިއެއްގޮތުގައި ކުޅެން ނުކުތް ޒުވާން ކުޅުންތެރިޔާ ރަޒާން އިބްރާހިމް މުޙައްމަދުއެވެ.

މިގޯލަށްފަހުވެސް ރަޒާންއަށްވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. މިހާފުގައިވެސް ރޭވަން އެސްސީއަށް ގޯލްޖަހާނެ ހުސް ފުރުޞަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އަދި ބައިކޮޅަށް ގިނަ ގޯލްތަކެއް ވަތްނަމަވެސް ރޭވަންއެސްސީގެ ކީޕަރ ޒިދާންގެ ފަރާތުންވަނީ ފާހަގަކުރެވޭ ފަދަ ސޭވްތަކެއް ފެނިފައެވެ. މެޗް ނިމުމުން މޮޅު ކުޅުންތެރިޔާއަށް ޢިނާމު ޙަވާލުކޮށްދެއްވީ ފ. އަތޮޅު ކައުންސިލް އިދާރާގެ ސެކެޓްރީ ޖެނެރަލް އަޙުމަދު އިބްރާހިމް އެވެ.

ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ނިލަންދޫ ސްޕޯރޓްސް ކްލަބްގެ އެހީތެރިކަމާއެކު ކުރިއަށްދާ 4 ޓީމު ވާދަކުރާ މުބާރާތުގެ 2 ވަނަ މެޗްގައި މާދަމާ ބައްދަލު ކުރާނީ ސްޕަރ ޖެނެރޭޝަން ކްލަބާއި ނިލަންދޫ ޔަންގް ޖެނެރޭޝަން އެވެ.

މުބާރާތް ކުރިއަށްދާނީ ލީގު އުޞޫލުން 1 ބުރުކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ބޭންކް އޮފް މޯލްޑިވްސްއެވެ. އޮންލައިން މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް