ބޭރުގެ ސިފައިން ރާއްޖޭގައި ތިބި ކަމަށް ނިންމޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖޭޕީން މިހެން ބުނެ ބަޔާނެއް ނެރުނީ އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި އެވެ. މި ކެމްޕެއިނަކީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ75 ސިފައިން ބޭލުމަށް ގޮވާލާ ކުރާ މުޒާހަރާ އެކެވެ.
ޖޭޕީގެ ބަޔާނުގައި ބުނީ ދިވެހި ފަސްގަނޑުގައި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ބޭތިއްބުމާއި ރާއްޖޭގެ އެއްވެސް ތަނެއް އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ދިނުމަކީ ގާނޫނުއަސާސީ ބުނާގޮތުން އެއްވެސް ވެރިކަމަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ދޭދޭ ގައުމުތަކުގެ މެދުގައި އުފައްދާ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެ ފަރާތަށް ފައިދާ ލިބޭ ކަންކަމެވެ.
އޭގެ ތެރޭގައި ގައުމުތަކުގައި ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި ތައުލީމާއި ހުނަރު އިތުރު ކުރުމުގެ ބޭނުމާއި ކާރިސާތަކުން ސަލާމަތް ވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކަށާއި ދެ ގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒު ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކިއެކި ހަރާކާތްތަކާއި ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާ ގުޅިގެން ވަކި މުއްދަތަކަށް ސިފައިން ތިބެން ހުރަހެއް ނެތް ކަމަށެވެ.
ޖޭޕީން ބުނީ އެ ފަދަ ބޭނުމެއްގައި ހަތިޔާރު ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރިވުމަކީ އަސްކަރީ ހަރަކާތެއް ކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން ސިޔާސީ ބޭނުމަށް ކޮށް އުޅޭ ކަމެއް ކަމަށް ޖޭޕީން ދެކެ އެވެ. އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއް ކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތް ކަމަށް ބުނެފައިވެ އެވެ.
އިދިކޮޅުގެ މި ކެމްޕެއިނާއި ދެކޮޅަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ބަޔާން ނުނެރެނީ އެމްއާރުއެމްއިންނެވެ. އަދާލަތާއި އަދި އެމްއެންޕީންވެސް ވަނީ އެ ކެމްޕެއިން ކުށްވެރިކޮށް އެކަމަށް ތައީދު ނުކުރާ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް