ބޭނުން ތަނެއް ނޫން ކަމަށް ބުނެ ތޯލިބާނުން އަފްގާނުގެ އިލެކްޝަންސް ކޮމިޝަން އުވާލައިފި

އަފްގާނިސްތާނުގެ އިލެކްޝަންސް ކޮމިޝަން، ތޯލިބާން ސަރުކާރުން އުވާލައިފި އެވެ. ތޯލިބާނުންގެ ތަރުޖަމާނު ބިލާލް ކަރީމީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން ފަދަ އިދާރާތަކަކީ ކޮންމެހެން ބޭނުން ތަންތަން ނޫން ކަމަ...

26 Dec 2021 | 09:59

އަފްގާނިސްތާނުގެ އިލެކްޝަންސް ކޮމިޝަން، ތޯލިބާން ސަރުކާރުން އުވާލައިފި އެވެ.

ތޯލިބާނުންގެ ތަރުޖަމާނު ބިލާލް ކަރީމީ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން ފަދަ އިދާރާތަކަކީ ކޮންމެހެން ބޭނުން ތަންތަން ނޫން ކަމަށާއި ހިންގުން މުހިންމު ތަނެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އެއީ މުހިންމު އިދާރާއެއް ކަމަށް ގަބޫލު ކުރެވިއްޖެ ނަމަ އަލުން އިލެކްޝަންސް ކޮމިޝަނު އުފައްދާނެ ކަމަށެވެ.

ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އެރީ މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހު އަޝްރަފް ގަނީގެ ސަރުކާރު ވައްޓާލުމަށް ފަހު އެވެ. އޭގެ ފަހުން މިދިޔަ 20 އަހަރު އަފްގާންގައި އަމަލު ކުރަމުން އައި ބައިނަލްގުވާމީ ގަވައިދުތަކާއި އެ ގައުމުގައި އަމަލު ކުރުމަށް ހަދާފައިވާ ގާނޫނުތައް އުވާލައި ތޯލިބާނުން ބޭނުންވާ ގޮތަށް ދަނީ ބަދަލު ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަން އުވާލުމުން އަފްގާނުގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ހަލީމް ފިދާއީ ވިދާޅުވީ އަވަސް އަރުވާލައިގެން ތޯލިބާނުން ނިންމަމުންދާ މިފަދަ ނިންމުންތަކުން އެނގިގެން ދަނީ ޑިމޮކްރަސީ އަކީ ތޯލިބާނުން ގަބޫލު ކުރާ އެއްޗެއް ނޫން ކަމެވެ. އަދި އެމީހުން ވެރިކަން ހިންގަން ބޭނުން ވަނީ ހަމައެކަނި ބަޑިއާއި ލަޓިބުރީގެ ބާރުން ކަމަށް ފިދާއީ ވިދާޅުވި އެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ތޯލިބާނުންގެ މި ނިންމުމުން ގައުމުގެ މަސްލަހަތު އިތުރަށް ގެއްލޭނެ ކަމަށް ބުނެފަ އެވެ. އަދި ބޭރުގައި ހިފަހައްޓާފައި ހުރި އަފްގާންގެ އެތައް ބިލިއަން ފައިސާއެއް ހޯދުމަށް ތޯލިބާނުން ކުރަމުންދާ މަސައްކަތަށް އިތުރު ހުރަހަކަށް ވާކަން ގަބޫލު ކުރެވެ އެވެ.

ތޯލިބާނުން ވަނީ ބޭނުން ތަނެއް ނޫން ކަމަށް ބުނެ ވެރިކަމާއި ހަވާލުވިތާ ދެ މަސް ތެރޭގައި މިނިސްޓްރީ އޮފް ވުމެންސް އެފެއާޒްވެސް އުވާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް