ބަންގްލަދޭޝްގައި އަލިފާން ރޯވި ފެރީން ދެމަފިރިއަކު ސަލާމަތްވި ގޮތް ސަމާލުކަމަށް!

ބަންގްލަދޭޝްގައި މިދިޔަ ހުކުރު ދުވަހު އަލިފާން ރޯވި ފެރީން ދެމަފިރިއަކު ސަލާމަތްވި ގޮތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ދެކުނުގެ ޖަލަކަތީ ޑިސްޓްރިކްޓުގެ...

26 Dec 2021 | 07:22

ބަންގްލަދޭޝްގައި މިދިޔަ ހުކުރު ދުވަހު އަލިފާން ރޯވި ފެރީން ދެމަފިރިއަކު ސަލާމަތްވި ގޮތަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ދެކުނުގެ ޖަލަކަތީ ޑިސްޓްރިކްޓުގެ ސުގަންދާ ކޯރުގައި އެވެ. ހާދިސާ ހިނގި އިރު ފެރީގައި ފިތި ބާރުވެގެން 800 އެއްހާ މީހުން ތިއްބެވެ.

ފެރީގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި މި ހާދިސާގައި 40 މީހުން މަރުވެ 150 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. ގިނަ ބަޔަކު ސަލާމަތްވި އަލިފާނުގެ މި ހާދިސާއިން ދެމަފިރިއަކު ސަލާމަތްވި ގޮތުގެ ވާހަކަ ދަނީ މިހާރު މީޑިއާގެ ސަމާލުކަން ހޯދަމުންނެވެ.

ފެރީއަކީ ހަތަރު ބުރިއަށް ހަދާފައިވާ ފެރީ އެކެވެ. އެ ދެމަފިރިން ތިބީ އެންމެ މަތީގައި އެވެ. އޭގެ ތެރެއިން ހުސައިން މުހައްމަދު އަލް މުޖާހިދު ކިޔާ އެ ފިރިހެން މީހާ ބުނީ ދެމީހުންނަށް ފެރީގެ ތިރިއަށް ފެބޭނޭ އެއްވެސް ގޮތެއް ނުފެނުނު ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި ދުންތައް އެމީހުންނާއި ހަމައަށް އަރައި އެކަކު އަނެކަކު ވަކި ނުވާވަރުވި ކަމަށެވެ.

ދެމީހުން އެވަގުތުވެސް ތިބީ ކައިރީގައި އަތުގުޅައިގެން ކަމުން ސަލާމަތް ވުމަށް ފެރީން ކޯރު ތެރެއަށް ފުންމާލީ ކަމަށް އޭނާ ބުންޏެވެ. ފުންމާލި އިރު އެ ސަރަހައްދުވެސް ނޭނގޭ ކަމަށާއި ދުން ބޯކަމުން ފުންމާލެވުނީ ކޯރަށް ކަންވެސް އެމީހުންނަށް ވަކި ނުވާ ކަމަށެވެ.

މި ހާދިސާގައި އަންހެން މީހާގެ ފައި ބިނދުން ފިޔަވާ މާ ބޮޑު ގެއްލުމެއް ދެމީހުންނަށް ނުލިބެ އެވެ. އަންހެން މީހާގެ ފައި ބިނދުނީ ވެއްޓެމުން ދިޔަ ގަޑީގައި ފެރީގެ ރެއިލް ދަގަނޑުތަކުގައި އަންހެން މީހާގެ ފައި ޖެހިގެންނެވެ.

މި ދެމީހުންގެ އިތުރުން އެތައް ބަޔަކު ކޯރުގެ މެދުން ދަތުރު ކުރަމުން ދިޔަ ފެރީގައި އަލިފާން ހިފުމުން ކޯރަށް ފުންމާލާފައިވެ އެވެ.

މި ހާދިސާގައި މަރުވި ގިނަ މީހުންނަކީ މުސްކުޅިންނާއި ކުޑަކުދިންނެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ ނިދާފައި ތިބި މީހުންނެވެ.

ފެރީގައި ފުރަތަމަ އަލިފާން ރޯވީ އިންޖީން ރޫމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް