މަހުމޫދުގެ މަރުގެ ޝަރީއަތް ކެންސަލް ކޮށްފި

އދ. ދަނގެތީގައި މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގަ މިއަދު ފަށަން އޮތް ޝަރީއަތް ކެންސަލް ކޮށްފި އެވެ. މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމ...

26 Dec 2021 | 05:43

އދ. ދަނގެތީގައި މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގަ މިއަދު ފަށަން އޮތް ޝަރީއަތް ކެންސަލް ކޮށްފި އެވެ.

މި މައްސަލައިގަ ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް)އާއި ދެ ކޮޅަށެވެ.

ކްރިމިނަލް ކޯޓުން މައްސަލައިގެ އަޑު އެހުން ތާވަލު ކޮށްފައިއޮތީ މިއަދު ހެނދުނު 10:30 އަށެވެ. އެކަމަކު ކޯޓުން ވަނީ މިއަދުގެ ޝަރިއަތް ކެންސަލްކޮށްފައިވާ ކަމަށް އަންގާފަ އެވެ. ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

ސާލިމާއި ދެކޮޅަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ ދަށުން މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާ އެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ފަހު ފުލުހުން ބުނެފައިވަނީ މަހުމޫދު މަރާލީ ފައިސާ ދޭން އެދުމުން ނުދީގެން ކަމަށެވެ. މަހުމޫދަކީ އެ ރަށުގެ މަޝްހޫރު ވިޔަފާރިވެރި އެކެވެ.

މަހުމޫދު ވަނީ ފުލުހުންގެ ތަހުގީގުގައި މަހުމޫދު މަރާލި ކަމަށް އެއްބަސްވެފައި އެވެ. އަދި އެ ކަމުގައި އިތުރު މީހަކު ބައިވެރި ނުވާކަމަށް ބުނެފައިވެ އެވެ.

ސާލިމަކީ އެ ރަށުގައި އުމުރުން ދުވަސްވީ ފިރިހެނަކު ބަލަން ހުންނަ މީހެކެވެ. އެމީހާ އާއި އެކު ސާލިމް ދިރިއުޅުނީ އެ ގޭގައި އެވެ. އޭނާ މަހުމޫދު މަރާލީ އެ ގޭ ގޯތިތެރޭގައި އެވެ.

މަހުމޫދު މަރާލާފައި އޮއްވަ ފެނުނީ މިދިޔަ އޮކްޓޯބަރު މަހުގެ15 ވަނަ ދުވަހު މެންދުރު އެ ރަށު ފަޅު ގޯއްޗެއްގައި ހުރި ފެން ވަޅެއްގެ ތެރެއިންނެވެ. އޭނާ މަރާލީ14 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް