ސުނާމީ ކާރިސާއަށް 17 އަހަރު، ދިވެހިން އަދިވެސް އެ ހަނދާންތަކުގައި !

މީގެ 17 އަހަރު ކުރިއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑުގައި އުފެދުނު ބިޔަ ރާޅުތަކުގެ ސުނާމީގެ އަސަރ...

26 Dec 2021 | 04:48

މީގެ 17 އަހަރު ކުރިއެވެ. 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑުގައި އުފެދުނު ބިޔަ ރާޅުތަކުގެ ސުނާމީގެ އަސަރު އަޅުގަނޑުމެންގެ މި ކުޑަކުޑަ މީސްކޮޅު މަދު ދިވެހި ރާއްޖެއަށްވެސް ކުރި ދުވަހެވެ. އެ ނާމާން، ބިރުވެރި ދުވަހުގެ ހަނދާންތައް ދިވެހިންގެ ހިތްތަކުން އަދިވެސް ފިލައިނުދެއެވެ.

2004 ވަނަ އަހަރުގެ ޑެސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު 9:30 ކަންހާއިރު ރާއްޖޭގެ ރައްތަކަށް އެރި ބިޔަ ރާޅުތަކުގެ ހަނދާންތައް އަދިވެސް ދިވެހިންގެ ހިތްތަކުން ނުފިލާ ބިންވަޅު ނެގިފައިވާއިރު، މި ކާރިސާއަކީ ދިވެހި ތާރީޚުގައިވެސް ދިވެހިން ތަޖުރިބާކުރި އެންމެެ ބިރުވެރި ނާމާން ކާރިސާއެވެ. މި ކާރިސާގެ ސަބަބުން ދިވެހިންގެ އުޅެމުން އައި އަމާން ހިތްގައިމު ދިރިއުޅުން މުޅިން ބަދަލުވެގެން ދިޔައެވެ.

2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ސުނާމީގެ އަސަރު ރާއްޖޭގެ ބޮޑުބަޔަކަށް ފޯރިއިރު،  ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ 9 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރިއެވެ. ސުނާމީގެ އަސަރު ފޯރި ގިނަ ރައްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ގިނަ އަދަދެއްގެ ބަޔަކު މި ކާރިސާގައި މި ދުނިޔެ ދޫކޮށްފައިވެސް ވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރުު މި ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާއިރު، 24 މީހުން ވީނުވީއެއް ނޭންގި ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދު ގާތްގަނޑަކަށް 460 މިލިއަން ޑޮލަރާ ގާތް ކުރާ ކަމަށް ތަފާސް ހިސާބުތަކުން އަންދާޒާކޮށްފައިވެއެވެ.

މިކާރިސާއިން ލިބުނު ގެއްލުންތަކުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްތަކުގެ 21،663 މީހުން ވަނީ އެމީހުން ދިރިއުޅޭ ރަށް ނޫން އެހެން ރަށްތަކަށް ބަދަލު ކުރަން ޖެހިފައެވެ. އަދި 12،000 އަށްވުރެ ގިނަ މީހުންނަށް ސުނާމީ ކާރިސާގެ ސަބަބުން ބޯހިޔާވަހިކަން ގެއްލި ހާލުގައި ޖެހިފައިވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

މި ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކަށް ބަލާއިރު ތ. ވިލުފުށި، ރ. ކަނދޮޅުދޫ އަދި ދ. ގެމެންދޫގެ އިތުރުން ލ. މުންޑޫ، މ. ކޮޅުފުށި ހިމެނެއެވެ. މީގެ ތެރެއިން ބައެއް ރައްރަށަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ރައްރަށުން މީހުން ބާލާ އެހެން ރައްތަކަށް ބަދަލުކޮށްފައިވެސް ވެއެވެ. މި ކާރިސާއާއި ގުޅިގެން އެންމެ ގިނަ ބަޔަކު ނިޔާވިކަމަށް ރިޕޯޓުކުރެވިގައިވަނީ މ. އަތޮޅުންނެވެ. މ. އަތޮޅުން ޖުމްލަ 34 މީހަކު ނިޔާވިކަމަށް ރިޕޯޓުކުރެވިފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ނިޔާވީ ލ. އަތޮޅުންނެވެ. ލ. އަތޮޅުން ޖުމްލަ 25 މީހަކު މި ކާރިސާގައި ނިޔާވެފައިވާކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.

ވަކިވަކި ރައްތަކަށް ބަލާއިރު، މި ކާރިސާގައި އެންމެ ގިނަ ބަޔަކު ނިޔާވި ކަމަށް ރިޕޯޓުކުރެވިފައިވަނީ ތ. ވިލުފުށިންނެވެ. އެރަށުން 18 މީހަކު ނިޔާވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ނިޔާވީ މ. ކޮޅުފުށިންނެވެ. އެ ރަށުން 16 މީހަކު ނިޔާވެފައިވާ ކަމަށް ވަނީ ރިޕޯޓު ކުރެވިފައެވެ.

2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުރިމަތިވި މި ބިރުވެރި ސުނާމީ ކާރިސާއާއި ގުޅިގެން ދިވެހިން ދެއްކި ނަމޫނާ އެއްބައިވަންތަކަމުގެ ސަބަބުން މި ދުވަސް ފާހަގަ ކުރެވިފައިވަނީ ދިވެހިންގެ ޤައުމީ އެއްބައިވަންތަކަުމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ވެގެން ގޮސްފައިވަނީ ދިވެހިން އެމީހުންގެ އެއްބައިވަންތަކަމުގެ ނަމޫނާ މިސާލެއް ދެއްކި ދުވަހަކަށެވެ. މިއީ ދިވެހިން ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭ ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ބިރުވެރި ދުވަހަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް