ސީޕީ ނަވީން -
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އާއި ފުލުހުންގެ
އިތުރު ހަ އޮފިސަރަކު ސަސްޕެންޑްކުރަން ހުށަހަޅަން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ
މާލިއްޔަތު ކޮމިޓީއިންނެވެ. އެ ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ މިއަދު އެ
ކޮމިޓީން ބޭއްވި އެ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެފަރާތްތައް
ސަސްޕެންޑް ކުރަން ހުށަހަޅަން އެ ކޮމިޓީން ނިންމީ ފުލުހުންގެ ވެލްފެއާ ކުންފުނި
"ޕޮލްކޯ" އާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކަކާއި ގުޅިގެންނެނެވެ.
ސަސްޕެންޑް ކުރަން ހުށަހަޅަން ފާސްކުރި އޮފިސަރުންގެ
ތެރޭގައި ނަވީންގެ އިތުރުން ހިމެނެނީ ފުލުހުންގެ އިންޓެލް ހެޑް، ސުޕްރިޓެންޓް އޮފް
ޕޮލިސް އިސްމާއިލް ޝަމީމް އާއި އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު އަބްދުއްރަހްމާން
އާއި އެސިސްޓެންޓް ކޮމިޝަނަރު މުޙައްމަދު ބަޝީރު، އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު
ދާޢޫދު އަދި އެސިސްޓެންޓް ކޮމިޝަނަރ މުޙައްމަދު ރަޝީދެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން މާލިއްޔަތު
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވިދާޅުވެފައިވަނީ އެ އޮފިސަރުން ސަސްޕެންޑް
ކުރުން ނުވަތަ ފިޔަވަޅު އެޅުމުގެ ކުރިން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން
ގޮތެއް ނިންމަންޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް