ބަންގްލަދޭޝް ހައި ކޮމިޝަނަރު ރާއްޖޭގައި ހުންނަ އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރާއެކު -
ރާއްޖޭގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ
މަސައްކަތްތެރީންގެ ހައްގުތައް ކަށަވަރު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއިމެދު
އދ އާއި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީ މަޝްވަރާކޮށްފިއެވެ.
ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި
ހޯމަ ދުވަހު މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ރާއްޖޭގައި ހުންނަ އދ ގެ
ރެސިޑެންޓް ކޯޑިނޭޓަރ ހައޯ ޒަންގާއި ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު
އެމްޑީ ނަޒްމުލް އިސްލާމާއި ދެމެދުގައެވެ.
ބިދޭސީ މަސައްކަތްތެރީންގެ ރައްކާތެރިކަމާއި
ހައްގުތައް ކަށަވަރު ކުރުމާއި އަސާސީ ޚިދުމަތްތައް އެ މަސައްކަތްތެރީންނަށް
ލިބިދިނުމާއި ޤާނޫނީ އެހީތެރިކަން ލިބިދިނުމާއިމެދު މަޝްވަރާ ކުރެވުނު ކަމަށާއި
އަދި ރާއްޖެއާއި އދ އަދި ބަންގްލަދޭޝް އާއި ދެމެދު މިކަންކަމާއި ގުޅޭ މަޝްވަރާ
ބައްދަލުވުންތަކެއް ކުރިއަށްގެންދިއުމަށް އެއްބަސްވެފައިވާކަމަށްވެސް ބަންގްލަދޭޝްގެ
ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
ޢަދަދުތަކަށް ކުރުކޮށް ބަލައިލާނަމަ ރާއްޖޭގައި ބަންގްލަދޭޝް
އަށް ނިސްބަތްވާ ލައްކައެއްހާ މަސައްކަތްތެރީން އުޅެމުންދެއެވެ. ރާއްޖޭގައި ބިދޭސީ
އާބާދީގެ ފަންސާހެއްހާ އިންސައްތަ ހިއްސާ ކުރަނީވެސް ބަންގްލަދޭޝް
މަސައްކަތްތެރީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް