ބަންގާޅު ކަނޑުގައިހުރި ކޮޅިގަނޑު މާދަމާރޭ ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކޮށްފި

ބަންގާޅުކަނޑުގައި ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މާދަމާ ރޭގެވަގުތެއްގައި ތޫފާނަކަށް ބަދަލާނެކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކޮށްފިއެވެ. އިންޑިއާ މެ...

26 Nov 2024 | 15:31

ބަންގާޅުކަނޑުގައި ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މާދަމާ ރޭގެވަގުތެއްގައި ތޫފާނަކަށް ބަދަލާނެކަމަށް އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ލަފާކޮށްފިއެވެ.

އިންޑިއާ މެޓުން ބުނެފައިވަނީ މިއަދު ހެނދުނު "ޑިޕްރެޝަން" ދަރަޖައިގައިހުރި އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މިހާރު "ޑީޕް ޑިޕްރެޝަން"ގެ ދަރަޖައަށް ބާރުގަދަވެފައިވާކަމަށެވެ.

ތޫފާނެއްގެ ދަރަޖައަށް ބާރުގަދަވާނެކަމަށް ލަފާކޮށްފައިވަނީ މާދަމާރޭގެ 11:30 ހާއިރުގައެވެ.

ކޮޅިގަނޑު މިހާރު ދަތުރުކުރަމުން އަންނަނީ ސްރީ ލަންކާއާއި އިންޑިއާގެ ތަމިލްނާޑޫއާއި ދިމާއަށްކަމަށް ބުނެފައިވެއެވެ. ތޫފާން އަދި ވަކި ގައުމަކަށް އަރާފާނެކަމަކަށް ލަފާކޮށްފައެއް ނުވެއެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ ތޫފާނަށް ދޭނެ ނަމަކީ ތޫފާން "ފެންގަލް" އެވެ. މި ނަމަކީ ސައޫދީ އަރަބިއްޔާއިން ދީފައިވާނަމެކެވެ.

ތޫފާނަކަށް ބަދަލުވެއްޖެނަމަ މި ތޫފާން ވެގެންދާނީ މި އަހަރު އުތުރު އިންޑިއާ ކަނޑުގެ ތުފާނީ ސީޒަންގައި މި އަހަރުގެ ތިންވަނަ ތޫފާނަށެވެ.

އާންމުގޮތެއްގައި ބަންގާޅުކަނޑާއި އަރަބިކަނޑުގައި އުފެދޭ ކޮޅިގަނޑުތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުންދެއެވެ. އެހެންކަމުން މި ކޮޅިގަނޑުވެސް އިތުރަށް ބާރުގަދަވާނަމަ ރާއްޖެ ސަރަހައްދުގެ މޫސުމަށް މިކަމުގެ އަސަރުކުރުން އެކަށީގެންވާކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް