އަންނަ ހަފްތާގައި މަގުތަކުން ބުލާތަށް ނަގަން ފެށޭނެ: އާޒިމް

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ސަރުކާރުން ބިނާކުރި ކެޓް ޝެލްޓާ ނުވަތަ ”އޮޅު ހިޔާ“ގެ ހިދުމަތް އަންނަ ހަފްތާގައި ފަށައިގަނެވޭނެކަަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭގެ ...

26 Nov 2024 | 13:21

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ސަރުކާރުން ބިނާކުރި ކެޓް ޝެލްޓާ ނުވަތަ ”އޮޅު ހިޔާ“ގެ ހިދުމަތް އަންނަ ހަފްތާގައި ފަށައިގަނެވޭނެކަަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ނަގައިގެން ގެންދަން ”އޮޅު ހިޔާ“ ނަމުގައި ކެޓް ޝެލްޓަރު ހުޅުވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ހުޅުމާލެ 5000 އަކަފޫޓްގެ ބިމެއްގައި ހަދާފައިވާ މިތަނަށް އަދި މިހާތަނަށް އެއްވެސް ބުޅަލެއް ގެންގޮސްފައެއް ނުވެއެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކެޓް ޝެލްޓަރުގެ އޮޕަރޭޝަންތައް ފަށައިގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. މިހާރު ކުރަމުން އަންނަނީ އެ ޝެލްޓަރަށް ބޭނުންވާ މީހުނާއި ތަކެތި ހޯދުމުގެ މަސައްކަތްކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އަދި އެތަނަށް ގެންދިޔުމަށް މާލޭ މަގުތަކުން ބުޅާތައް ނެގުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މާލޭގެ މަގުތަކުން ބުޅާތަން ނަގަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި ހުރިހާ ބުޅަލެއް ނަގާ ނިންމާނެކަމަށް ސިޓީ ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ. އަދި މަގުތަކުން ފުރަތަމަ ބުޅާތައް ނަގަން ފަށާނީ ސަލްމީން މިސްކިތް ސަރަހައްދުންކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

ބުޅާ ޝެލްޓަރުގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއް ހިމެނެ އެވެ. އަދި ފާމަސީއަކާއި ބުޅާތަކަށް ދުވެ އުޅެވޭ ސަރަހައްދެއް ވެސް ހަދާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މި ތަންނަށް ބޭނުންވާ ޑޮަކްޓަރުންނާއި ނަރުހުންވެސް ސިޓީ ކައުންސިލުން ވަނީ ހޯދާފައެވެ. އަދި ބުޅާ ކާން ބޭނުންވާ ތަކެއްޗާއި ކުލެން ބޭނުންކުރާނެ ތަކެތި ހޯދުމަށްވެސް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. މީގެއިތުރުން ބުޅާތަކުގެ ސާޖަރީތަކަށް ބޭނުންވާ އިންޖެކްޝަނާއި ޔުރިނަރީ ކެތީޓާ އަދި މާސްކާއި އަންގި ފަދަ ސަމާނު ހޯދުމަށްވެސް ސިޓީ ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް