އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް މޫސުން ވަރަށް ގޯސްވެދާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުން ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރުގަދަވާނޭކަމަށް ބެލެވޭކަމަށާއި މި ކޮޅިގަނޑު ދަތުރުކުރާނޭކަމަށް ބެލެވެނީ ހުޅަނގު އުތުރަށް އިންޑިއާގެ ޓެމިލްނާޑޫ އަދި ސްރީލަންކާގެ އައްސޭރިފަށާ ދިމާލަށެވެ.
އަދި މީގެ އިތުރުން މެޓް އޮފީހުން ބުނީ ރާއްޖެއާ ދުރުން، ރާއްޖޭގެ އިރުދެކުނުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާކަމަށެވެ.
އެއިދާރާއިން ބުނީ މި ދެ ކޮޅިގަނޑާއި ގުޅިގެން ނޮވެމްބަރުމަހުގެ 27 ވާ ބުދަދުވަހުން ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ސަރަހައްދަށް ވައިބާރުވާނޭކަމަށް ބެލެވޭކަމަށެވެ.
އަދި މި ކޮޅިގަނޑުގައި އާއްމުގޮތެއްގައި ވައިގެ ބާރުމިން ހުންނާނީ ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އުތުރުގެ އަތޮޅުތަކަށް ވައިގެ ބާރުމިން ހުންނާނީ 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. މެޓް އޮފީހުން ބުނީ މި ސަބަބަށްޓަކައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މޫސުން ގޯސްވާ ދުވަސްވަރު ހުރިހާ ފަރާތްތަކަކުންވެސް ކަނޑުދަތުރުކުރުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ. އަދި ހާއްސަ ގޮތެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް