ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަރަނީގެ މައްސަލަތައް ހައްލުކޮށް، ކުލަބުތަކަށް ބައިވެރިވެވޭ ގޮތަށް އަންނަ އަހަރު ފުޓްބޯޅަ މުބާރާތްތައް ބޭއްވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ 52 ހަފުތާގައި ހާސިލުކުރެވުނު ނަތީޖާތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅަ ކުޅެންޖެހޭނެ ކަމަށާއި، މި އަހަރު ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކުރި އެކި ޓީމުތަކަށް ވުޒާރާއިން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ފުޓްބޯޅައިގެ ހަރަކާތްތައް މަދުން ނަމަވެސް އަލުން އިއާދަވާން ފަށާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެންމެ ކުރީގެ އުޅޭ ބޮޑެތި ކުލަބުތައް ހަރަކާތްތެރިވެ، ވީ އަވަހަކަށް ފުޓްބޯޅަ ހަރަކާތްތައް ފެއްޓުން މުހިންމު ކަމަށާއި އަންނަ އަހަރަކީ ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކުރެވި، އެސޯސިއޭޝަނަށް އެއްބާރުލުންދީ، ފުޓްބޯޅަ އަލުން ފެއްޓުމަށް މަސައްކަތް ކުރައްވާނެ އަހަރެއް ކަމަށެވެ.
އަދި ފުޓްބޯޅަ ކުރިން އޮތްހާލަތަށް ގެންދިޔުމައްޓަކައި އަންނަ އަހަރު މަސައްކަތްތަކެއް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އޭގެތެރޭގައި ގައުމީ މުބާރާތް ފަދަ މުބާރާތްތައް ބޭއްވުން މުހިންމު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވިޒަންގެ ބޮޑެތި ކުލަބުތަކުގެ ހާލަތު ވަރަށް ދަށްކަމަށާއި އަދި މުބާރާތްތައް ބޭއްވުން، އެކަން ކުރެވޭނެ ގޮތް މިހާރުވެސް މި ވަނީ ޗެލެންޖެކަށް ވެފައިކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެފްއޭއެމް މެދުވެރިކޮށް މި އަހަރު މުބާރާތްތައް އިއުލާން ކުރެވިގެންދާނެކަމަށް ވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފާއިތުވެދިޔަ 52 ހަފުތާގައި މައިގަނޑުގޮތެއްގައި ކުރެވިގެންދިޔައީ އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކަމަށާއި، އެ ގޮތުން ކުރެވުނު މަސައްކަތުން އެންމެ މައްސަލަ ބޮޑު އެފްއޭއެމް، މިހާރު ނޯމަލައިޒް ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް އެސޯސިއޭޝަންތައް ފެނުނީ ވަރަށް ހާލަތު ދަށްކޮށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ވަޒީރު މިހެން ވިދާޅުވިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ނިމުނު ދިވެހި ޕްރިމިއާ ލީގުގެ ފަހުން، ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ކުޅުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުކުޅޭތާ 11 މަސް ދުވަސް ވަނީ ވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް